ޤިޔާމަތްވުމަށް ހުރި ކުދި އަލާމާތްތައް ދަނީ ފެނި ނިމެމުން- ދެން އޮތީ ބޮޑެތި އަލާމާތްތަކަށް އިންތިޒާރުކުރުން: ޝައިޚް ފިކުރީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ޤިޔާމަތްވުމަށް ހުރި ކުދި އަލާމާތްތައް ދަނީ ފެނި ނިމެމުން- ދެން އޮތީ ބޮޑެތި އަލާމާތްތަކަށް އިންތިޒާރުކުރުން: ޝައިޚް ފިކުރީ
ޤިޔާމާތް ވުމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކުދި އަލާމާތްތައް ދަނީ ފެނި ނިމެމުން ކަމަށާއި ދެން އޮތީ ބޮޑެތި އަލާމާތްތައް ފެނުން ކަމަށް އައްޝައިޚް ޙުސައިން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ބާއްވަމުން ގެންދާ އިހްޔާ ފޯރަމްތަކުގެ ތެރެއިން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ފޯރަމްގައި ޝައިޚް ފިކުރީ ވިދާޅުވީ ޤިޔާމަތްވާނެ ދުވަސް އެއީ އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫން ކަމަށެވެ.

"ޤިޔާމަތްވާނެ ދުވަހަކާއިމެދު ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނު، ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ސުވާލު ކުރެއްެވެވި. އިތުރު އެކަލޭގެފާނު ދެއްވެވި ޖަވާބަކީ ސުވާލު ކުރެއްވެވި ފަރާތަށްވުރެ ބޮޑަށް ސުވާލު ކުރެވުނު ފަރާތަށް އެނގިވަޑައިނުގަންނަވާ ކަމަށް. އެންމެ މާތް މަލާއިކަތަކީ ޖިބްރީލްގެފާނު. އެންމެ މާތް އިންސާނަކީ އިތުރު ރަސޫލާ (ޞޢވ). އެ ދެ ބޭކަލުންނަށްވެސް ޤިޔާމަތްވާނެ ދުވަސް އެނގިވަޑައެއް ނުގަންނަވާ."

ޝައިޚް ފިކުރީ ވިދާޅުވީ އެހެންކަމާއިއެކުވެސް ގިނަ ބައަކު މިހާރުވެސް ސުވާލު އުފައްދަނީ ޤިޔާމަރްވާނެ ދުވަހާއިމެދުގައި ކަމަށެވެ. އެހެން ނަމަވެސް މުހިންމީ އެދުވަސް އޮޅުން ފިލުވުން ނޫން ކަމަށާއި މުހިންމީ ހެޔޮ އަމަލުތައްކޮށް އެދުވަހަށް ތައްޔާރުވުން ކަމަށެވެ.

ޝައިޚް ފިކުރީ ވިދާޅުވީ ބިންހެލުންތައް މިދަނީ އިތުރުވަމުން ކަމަށާއި ހަފްތާއަކަށް ބަލައިފިނަމަ އެއް ބިންހެލުމަށްވުރެ ގިނަ ބިންހެލުން މިހާރުވެސް މިދަނީ ކުރިމަތިވަމުން ކަމަށެވެ. އަދި ދުނިޔެ ނެތިދާނީވެސް ބިންހެލުމަކުން ކަމަށެވެ.

ޝައިޚް ފިކުރީ ވިދާޅުވީ މަރުވުމަކީ އެއްވެސް މީހަކު އެދޭނެ ކަމެއް ނޫން ނަމަވެސް ކޮންމެ މީހަކީވެސް މަރާއި ކުރިމަތިލާންޖެހޭނެ މީހެއް ކަމަށެވެ. އަދި މަރުވުމުން އެމީހާއަށް ޤިޔާމަތްވީ ކަމަށެވެ. އެހިސާބުން އެމީހާ އާއި ސުވާލުތައް ކުރިމަތިވާނެ ކަމަށާއި ޖަވާބު އެނގުނު ނަމަވެސް ޖަވާބު ދެވޭނީ ދުނިޔޭގައި މާތް ﷲ ގެ އެންގެވުންތަކަށް އަމަލުކުރި މީހުންނަށް ކަމަށެވެ.

ޝައިޚް ފިކުރީ ވިދާޅުވީ މަރުވުމަށްފަހު އަލުން ދިރުއްވައި ސުވާލުތަކާއި ކުރިމަތިލާންޖެހޭނެކަން ޤަބޫލުނުކުރާ އިލްމްވެރިންވެސް ދުނިޔެ ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ.

ޝައިޚް ފިކުރީ ވިދާޅުވީ ކުއްލި މަރުތައް މިދަނީ ގިނަވަމުން ކަމަށާއި އަދި މީހުން މެރުން މިދަނީ އާދައިގެ ޢާންމު ކަމަކަށް ވަމުން ކަމަށެވެ. މިއީ ވެސް ވިސްނަންޖެހޭނެ ކަމެއް ކަމަށެވެ.

ޝައިޚް ފިކުރީ ވިދާޅުވީ ޤިޔާމަތް ދުވަހުން ހުރިތަނުން މީހާއަށް ގުޑައިލެވެނީ 5 ކަމަކާއިމެދު މާތް ﷲ ގެ ހަޟްރަތުން ސުވާލުކުރެއްވެވުމުން އެ ސުވާލުތަކަށް ޖަވާބު ދިނުމަށްފަހުގައި ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އަމިއްލައަށް ވިސްނައި ފިކުރުކުރަންވީ އެމީހަކަށް ދުނިޔޭގައި އުޅެވިފައިވާ ގޮތާއިމެދުގައި ކަމަށެވެ.

ޝައިޚް ފިކުރީ ވަނީ ޤިޔާމަތް ދުވަހުގެ ވާހަތައް ވީހައި ގިނައިން އަޑުއަހައި އެކަންކަމަށް ވިސްނުމަށް އިލްތިމާސްކުރައްވަވައިފައެވެ.

ޝައިޚް ފިކުރީ ވިދާޅުވީ އެކަމަށް ހުރި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ހަދީޘްފުޅުތަކަކީ ދަންނަ ޙަދީޘްފުޅުތަކެއް ނަމަވެސް ހަދީޘްފުޅުތަކާއި އިލްމުވެރިންގެ ދަރުސްތައް އަޑުއެހިވަރަކަށް އީމާންކަން ވަރުގަދަވާނެ ކަމަށެވެ. މާތް ﷲ އަށް ބިރުވެތިވުން ބޮޑުވާނެ ކަމަށެވެ. އަދި އެކަން އަމިއްލަފުޅަށް ވެސް ތަޖުރިބާ ކުރެއްވޭ ކަމަށެވެ.
މިއަދު އޮންލައިން