ބޭކަލަކު އެހެން ބޭކަލަކަށް ބިމެއް ވިއްކެވިއެވެ. އެއީ އެބޭކަލަކު ދަނޑުވެރިކަމަށް ބޭނުން ކުރެއްވެވި ބިމެކެވެ. ބިން ބައްލަވައިގެންނެވި ބޭކަލު ބޭނުންފުޅުވީ އެބިމުގައި އިމާރާތެއް ބިނާކުރެއްވުމަށެވެ.
އިމަރާތް އެޅުއްވުމަށްޓަކައި ބިން ކޮންނެވުމުގެ ތެރޭގައި ފެނިވަޑައިގެންނެވި ފޮށްޓެއް ހުޅުއްވައި ބެއްލެވިއިރު އެފޮށިވީ ރަންފޮށްޓަކަށެވެ. އެކަން އެނގިވަޑައިގަތުމުން ބޭނުންފުޅުވީ ރަންތައް ބޭނުންފުޅު ކުރައްވާކަށް ނޫނެވެ. އެރަންތައް ހައްޤުވާނީ ކޮންބޭކަލަކަށް ކަމާއިމެދު ހިތްޕުޅުގައި ޝައްކުއޮތުމުންނެވެ.
ފޮށި ހިއްޕަވައިގެން ވަޑައިގަތީ ބިން ވިއްކެވި ބޭކަލުގެ އަރިއަހަށެވެ. އަދި އެރަންތަކުގެ ވެރިއަކީ އޭނާ (ބިން ވިއްކި ބޭކަލު) ކަމަށް ވިދާޅުވިއެވެ. ބިން ވިއްކެވި ބޭކަލު ވެސް ރަންތަކާއި ހަވާލުވެވަޑައިގަންނަވަން ބޭނުންފުޅެއް ނުވިއެވެ. ވިދާޅުވީ އެ ފެނުނީ ވިއްކަވާފައިވާ ބިމަކުން ކަމަށްވާތީ އެބިމުން ފެންނަ ކޮންމެ އެއްޗަކީ ބިން ގަތް ފަރާތުގެ ހައްޤެއް ކަމަށެވެ. އެއިގެ ވެރިފަރާތާއިމެދު ޝައްކު އޮތުމުންނެވެ.
ދެބޭކަލުންވެސް ރަންތަކާއި ހަވާލުވެވަޑައިގަންނަވަން ބޭނުންފުޅު ނުވީ އެއިގެ ވެރި ފަރާތާއިމެދު ދެ ބޭކަލުންގެ ހިތްޕުޅުގައިވެސް ޝައްކު އޮތުމުންނެވެ.
ދެބޭކަލުންގެ މެދުގައި މަޝްވަރާކުރައްވައިގެންވެސް މައްސަލަ ހައްލު ނުކުރެއްވެވުމުން ވަޑައިގަތީ ފަނޑިޔާރެއްގެ އަރިއަހަށެވެ. ފަނޑިޔާރު މައްސަލަ އަޑުއެއްސެވުމަށްފަހު ރަންތައް ދެބޭކަލުންނާއި ހަވާލުކުރައްވަން ހުށަހެޅުއްވުމުން ދެ ބޭކަލުން ވެސް ކުރެއްވެވީ އިންކާރެވެ.
އެންމެފަހުން ފަނޑިޔާރު ހިކުމަތުގެ ބޭނުންފުޅު ކުރައްވައި ދެބޭކަލުންގެ ދަރިން ތިބިތޯ ސުވާލުކުރެއްވިއެވެ. އަދި އެއް ބޭކަލަކު އަންހެން ދަރިކަނބަލަކު ހުންނެވި ކަމަށާއި އަނެއް ބޭކަލުގެ ފިރިހެން ދަރިކަލަކު ހުންނެވި ކަމަށް ވިދާޅުވުމުން ފަނޑިޔާރު ހުށަހެޅުއްވީ އެ ދެ ދަރިން ކައިވެނިކޮށްދެއްވުމަށެވެ. އަދި އެ ރަން ފޮށްޓަކީ އެ ދެ ދަރިންގެ ހައްޤެއް ކަމުގައި ހެއްދެވުމަށެވެ.
އެގޮތް ދެބޭކަލުން ވެސް ޤަބޫލުފުޅުކުރައްވައި ދެ ދަރިން ކައިވެނިކޮށްދެއްވައި އެ ރަން ފޮށްޓަކީ 2 ދަރިންގެ ހައްޤެއްކަމުގައި ކަނޑައެޅުއްވީއެވެ.
މިއީ ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު ދަރުސް ދެއްވަމުން އައްޝައިޚް ޢަބްދުﷲ ސަޢުދާން ވިދާޅުވެ ދެއްވެވި ވާހަކައެކެވެ.
ޝައިޚް ސަޢުދާން ވިދާޅުވީ ތަޤްވާ ވެރިކަން އެމީހެއްގެ ކިބައިގައި ފުރިހަމައަށް ހުރިނަމަ މާތް ﷲ ގެ ޙަޟްރަތުން އަޒާބެއް ލިބިދާނެ ކަމަށް ޝައްކުކުރެވޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި އެފަދަ ބަހެއްވެސް ނުބުނާނެ ކަމަށެވެ.
ޝައިޚް ސަޢުދާން ވިދާޅުވީ ތަޤްވާވެރިވުމަކީ އިސްލާމް ދީނުގެ އެންމެހައި ކަންކަން އެއްވެސް ޝައްކެއް ނެތި ހިތުގެ އަޑިން ޤަބޫލުކުރުން ކަމަށެވެ. އަދި ތިމާގެ ހުރިހާ އަމަލުތަކެއް އެގޮތުގައި ބެހެއްޓުން ކަމަށެވެ.
"ދުނިޔޭގައި އުޅުމަކީ ކަށި ކުނބުރު ޖަންގައްޔެއްގައި އުޅުން ފަދަ ކަމެއް. ކަށިތައް ނުހެރޭނެ ގޮތަށް އުޅޭ ފަދައިން ނުބައި އަމަލުތަކުން ސަލާމަތްވެގެން ދުނިޔޭގައި އުޅުން. އެކަށިތަކަކީ ދުނިޔޭގައި އުޅޭއިރު ކުރިމަތިވާނެ ނުބައި ކަންކަން. ތަޤްވާވެރިންނަކީ އެކަންކަމުން ސަލާމަތްވެގެން އުޅޭ މީހުން" ކަމަށްވެސް ޝައިޚް ސަޢުދާން ވިދާޅުވިއެވެ.