މީހުންނަށް އެހީތެރިވެދިނުމާއި އަދި މީސްމީހުންގެ މެދުގައި އުފެދޭ މައްސަލަތައް ޞުލްޙަވެރިކުރުވައި ހައްލުކުރަން މަސައްކަތްކުރުމަކީ ރޯދައިގެ ސަވާބު އިތުރުވާނެ ކަމެއް ކަމަށް އައްޝައިޚް ޙަސަން ތައުފީޤް ވިދާޅުވެއްޖެއެވެ.
މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމްގައި ޢަޞްރު ނަމާދަށްފަހު ދަރުސް ދެއްވަމުން ޝައިޚް ޙަސަން ތައުފީޤް ވިދާޅުވީ ރޯދަ ރޯދައަކަށްވެ ފުލްމާކްސް ލިބެނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. މާތް ﷲ ގެ މަގުގައި އަމަލުތައް ކުރުމުގެ އިތުރުން ނަހީ ކުރައްވަވާފައިވާ ކަންތައްތަކާއި ދުރުހެލިވެސް ވެގެން ކަމަށެވެ.
ޝައިޚް ޙަސަން ތައުފީޤް ވިދާޅުވީ މުސްލިމުންނަށް ރޯދަ ބާއްވަވައިލެއްވެވިއިރު ބާއްވަވައިލައްވަވައިފައިވަނީ އެހެން އުންމަތްތަކުގައި ރޯދަ ހިފާ ގޮތާއި ތަފާތުކޮށް ކަމަށާއި އެކަމުގެ ހިކުމަތްތަކުގެ ތެރޭގައި ފަޤީރުންގެ ހާލަތު އިޙްޞާޞްކުރެވުން ހިމެނޭ ކަމަށެވެ.
ޝައިޚް ޙަސަން ތައުފީޤް ވިދާޅުވީ މުސްލިމުންނަށް ރޯދަ ބާއްވަވައިލައްވަވާފައިވަނީ މުޅި ދުވާލު ކައި ބޮއި ހެދުމާއި އެހެންވެސް މުހިންމު ބައެއް ބޭނުންތައް ފުއްދުން މަނާކުރައްވަވައި ކަމަށެވެ. ނަމަވެސް އެހެން އުންމަތްތަކުގެ މީހުން ރޯދަ ހިފަނީ އަދި ހިފައި އުޅުނީވެސް ބައެއް ކަންކަން ހުއްދަ ކުރުމާއިއެކުގައި ކަމަށެވެ.
ޝައިޚް ޙަސަން ތައުފީޤް ވިދާޅުވީ ރޯދަ ފަރުޟު ކުރެއްވެވުމުން ކުރީކޮޅުގައި އަޞްހާބް ބޭކަލުން ހަމައެކަނި ފަރިއްކުޅުއްވައި އުޅުއްވީ ރޯދަވީއްލާ ވަގުތު ނުވަތަ މަޣްރިބް ނަމާދުގެ ވަގުތުގައި އެކަނި ކަމަށެވެ. އެކަން ބަދަލުވީ ރޯދައިގެ ވަގުތަކީ ފަޖުރުއްޞާދިޤްގެ އަލިކަން ފައުޅު ކުރެއްވެވީންސުރެ އިރުއޮއްސިއްޖައުމަށް ދާންދެން ކަމަށް މާތްﷲ ވަޙީކުރެއްވެވުމުން ކަމަށެވެ.
ޝައިޚް ހަސަން ތައުފީޤް ވިދާޅުވީ ބައެއް އުންމަތްތަކުގެ މީހުން ހަމައެކަނި އެއްގަމު މަސް ނުކައި ރޯދަ ހިފާ ކަމަށެވެ. ހަމައެކަނި ދިޔާ އެއްޗެތި ނުބޮއި ރޯދަ ހިފާ ކަމަށެވެ. އަދި ބައެއް މީހުން ހަމައެކަނި ހަރު ތަކެތި ނުކައި ރޯދަ ހިފާކަމަށެވެ.
ޝައިޚް ޙަސަން ތައުފީޤް ވިދާޅުވީ މިފަދަ އެއްވެސް ގޮތަކުން ރޯދަ ހިފިނަމަވެސް މާތްﷲ މުސްލިމުންނަށް ރޯދަ ބާއްވަވައިލެއްވެވި މަޤްޞަދު ޙާޞިލުވެގެން ނުދާ ކަމަށެވެ. ސަބަބަކީ އެއްވެސް އެއްޗެއް ނުކައި ނުބޮއި އަދި ހަށިގަނޑަށް ބާރުލިބޭ ހުރިހާ ކަމަކުން މަޙްރޫމްވެގެން ހުރުމުން ކުރާ އިހްޞާޞް ނުކުރާނެތީ ކަމަށެވެ.
"ނަމަވެސް މި އުންމަތަށް ރޯދަ ފަރުޟު ކުރައްވަވާފައިވަނީ އެފަދަ އެއްވެސް އެއްޗެއް ނުކައި ނުބޮއި ރޯދަ ހިފާގޮތަށް. އެހެންވީމާ މިއުންމަތުގެ މީހުންނަށް ރޯދަ ހިފުމުން ކުރާ އިޙްޞާޞްތައް ވަރަށް ތަފާތުވާނެ."
ޝައިޚް ޙަސަން ތައުފީޤް ވިދާޅުވީ މުސްލިމް ރޯދަވެރިން ރޯދަހިފާއިރު އެމީހުންގެ ގުނަވަންތައް މާތް އެންގެވި ގޮތުގައި ބޭނުންކުރަންޖެހޭނެކަމަށެވެ. އެހެން ނޫން ނަމަ ރޯދައިގެ ފުލް މާރކްސް ނުލިބޭނެ ކަމަށެވެ.
ޝައިޚް ޙަސަން ތައުފީޤް ވިދާޅުވީ ގުނަވަންތައް ރައްކައުތެރިކުރުމުގެ ތެރޭގައި ތިމާކުރާ އަމަލުތައްވެސް ހިމެނޭކަމަށެވެ. އެއިގެތެރޭގައި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ބޭނުންކުރުން ވެސް ހިމެނޭ ކަމަށެވެ.
ޝައިޚް ޙަސަން ތައުފީޤް ވިދާޅުވީ މީހުންނާއިމެދު ދޮގު މައުލޫމާތު ފަތުރަނީ މިހާރު ދުލުން އެކަނި ނޫން ކަމަށާއި ސޯޝަލް މީޑިއާ ބޭނުންކޮށްގެންވެސް އެފަދަ ކަންކަން ކުރާ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމުގެ ސަބަބުންވެސް ހިފާ ރޯދައަށް އުނިކަން އަންނާނެ ކަމަށެވެ.