ޔޫއޭއީގެ އޯތޮޑޮކްސް ކްރިސްޓިއަނުން އެމީހުންގެ ފައްޅިއެއްގައި މުސްލިމުންނަށް މި މަހު ދިން ރޯދަވިއްލުމެއްގައި 250 އެއްހައި މުސްލިމުން ވަނީ ޖަމާއަތް ހަދައިގެން ފައްޅީގައި މަޣްރިބް ނަމާދުކޮށްފައެވެ. މިކަމުގައި ބައިވެރިވީ ދުބާއީގައި ދިރިއުޅޭ އިންޑިއާ މުސްލިމުންނެވެ.
މިކަމާއި ގުޅިގެން ފައްޅިން ބުނީ "އަހަރެމެންނަކީ އެއްބައެއްކަން" މިކަމުން ވެސް އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި މިއީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ޔޫއޭއީގެ މަޝްހޫރު ސިކުންގެ ފައްޅިއެއްގައިވެސް މުސްލިމުންނަށް ރޯދަވީއްލުން ދެމުން އަންނަތާ 5 އަހަރުވެއްޖެއެވެ. ނަމަވެސް އެރޯދަވިއްލުންތަކުގައި ނަމާދުކުރާކަން އެނގިފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ޖައުފަރު ވިދަޅުވީ "ގެފުޅުގައި" ބުދުތަކާއި އެހެން ދީނުގެ މީހުން އަޅުކަންކުރާ ތަކެތި ބަހައްޓާފައި ހުރި ދުވަވަރު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ނަމާދު ކުރެއްވެވީ "ގެކޮޅުން ބޭރުގައި ކަމަށެވެ.
ކާފަރުން އަޅުކަންކުރާ ސަރަހައްދުން ބޭރުގައި ކަމަށެވެ. އަދި ކާފަރުންގެ ފައްޅިތައް މުސްލިމުންނަށް ފަތަޙަކުރެވުމުން ޢުމަރުގެފާނު ވެސް ނަމާދު ކުރެއްވެވީ އެތަންތަނުގެ ބޭރު ސަރަހައްދުތަކުގައި ކަމަށާއި އެކަންކަމުން އެނގެނީ އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަނުގައި މުސްލިމުން ނަމާދުކުރަން ހުއްދަ ނޫންކަން ކަމަށެވެ.
ސިޔަރަތުގައިވާ ގޮތުން ކައު އިތުރު ރަސުލާ މުޙައްމަދު (ޞޢވ) "ގެކޮޅުގައި" 2 ރަކްއަތް ނަމާދެއް ކުރެއްވެވީ މައްކާ ފަތަޙަ ކުރެއްވެވި ދުވަހުއެވެ. އެތަނުގައި ހުރި ބުދުތައް ތަޅުއްވައި އެތަން ޠާހިރު ކުރެއްވެވުމަށްފަހުގައެވެ.
ޝައިޚް ޖައުފަރު ވިދާޅުވީ އެހެން ދީންތަކުގެ މީހުން ދޭ ރޯދަވިއްލުންތަކުގައި ބައިވެރިވުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެމީހުން އަޅުކަންކުރާ ފައްޅިތަކުގައި ނަމާދުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
މިކަމަކީ ރާއްޖެއިން ބޭރުގައި ދިއިރިއުޅޭ ދިވެހިންވެސް ސަމާލުކަން ދޭންޖެހޭނެ ކަމެއްކަން ފާހަގަކުރެވެއެވެ.