އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯއައިސީގެ 44 ވަނަ އާންމު ބައްދަލުވުން ޖުލައި މަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު އަބިދްޖާންގައި ބާއްވަން ތައްޔާރުވަމުން އެބެދެއެވެ.
ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބާއްވާ މި ބައްދަލުވުމުގެ ޝިޢާރަކަށް ކަނޑައަޅާފައިވަނީ ޞުލްހައަށްޓަކައި ޒުވާނުންގެ ތަރައްޤީ އާއި ދުނިޔޭގެ އެއްބައިވަންތަކަމެވެ.
މި ބައްދަލުވުމުގައި ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރަން ކުރަންޖެހިފައިވާ ކަންކަމަށް މަޝްވަރާކުރާނެއެވެ. އަދި މިޔަންމާގައި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ހާލަތާއި ތައިލަންޑާއި ފިލިޕިންސްގެ މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ބަހުސް ކުރަންވެސް ވަނީ ހަމަޖެހިފައެވެ.
އޯއައިސީ އިން މިހާރު ގެންދަނީ ޓެކްނޮލޮޖީ އާއި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މުސްލިމް ޒުވާނުންނަށް ކުރިއަށް ދެވޭނެ މަގުތައް ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް ހާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކެއްވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ.