ހަމަ ކުޑަކުޑަ ކެތްތެރިކަމަކުން ސުވަރުގޭގެ މެދުން ގަނޑުވަރެއް ލިބޭނެ ކަމެއް ޝައިޚް ނަޞްރުﷲ ވިދާޅުވެދެއްވައިފިއެވެ.
ޝައިޚް ނަޞްރުﷲ ވިދާޅުވީ މީހަކު ރުޅި އައިސް ޒުވާބުކުރި ނަމަވެސް އަދި އެމީހާ ހުރީ ހައްޤު ގޮތުގައި ނަމަވެސް ޒުވާބުކުރާ މީހާއަށް ރައްދު ނުދީ ކެތްތެރިވެ އަނގަމަޑުންލައިގެން ހުރި މީހަކަށް ސުވަރުގޭގެ މެދުން ގަނޑުންވަރެއް މާތް ﷲ ދެއްވަވާނެ ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައިވާ ކަމަށެވެ.
ޝައިޚް ނަޞްރުﷲ ވިދާޅުވީ ޒުވާބުކުރާއިރު ދުލުން ނުބައި ބަސްތައް ބޭރުކުރުމަކީ މުނާފިޤުންގެ ސިފައެއް ކަމަށެވެ. އެހެންކަމުން ކިތަންމެ ގަދައަށް ރުޅި އައި ނަމަވެސް ދުލުން ބޭރުކުރަންވާނީ ހެޔޮ، ރިވެތި ބަސްތައް ކަމަށެވެ.
ޝައިޚް ނަޞްރުﷲ ވިދާޅުވީ ދެމަފިރިން މުއާމަލާތުކުރުމުގައިވެސް ވާހަކަ ދައްކަންވާނީ ރިވެތި ބަހުރުވައިން ކަމަށެވެ. އެއިރުން ދަރިންނަށްވެސް ދާނީ އެކަން ދަސްވަމުން ކަމަށެވެ.
"ކަނޑިފާރުގެ ލަކުނު ފިލި ނަމަވެސް ދުލުފާރުގެ ލަކުނު ނުފިލާނެ" ކަމަށް ބުނެ އުޅޭ ބަހަށްވެސް ޝައިޚް ނަޞްރުﷲ ވަނީ ބާރުދެއްވައިފައެވެ. ވިދާޅުވީ ކަނޑިފާރުގެ ޒަޚަމްތައް އަވަހަށް ފަސޭހަވި ނަމަވެސް ދުލުފާރުގެ ޒަޚަމްތައް ފަސޭހަވުން ލަސްވަނީ އެކަމުން ލިބޭ އަނިޔާގެ ބޮޑުކަމުން ކަމަށެވެ.