ކައްވަޅުގެ ޢަޛާބު...

ކިޔުމަށް ހޭދަވާނީ 6މ 20ސ
ކައްވަޅުގެ ޢަޛާބު...
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް ދުވަހަކުން ކައްވަޅުގެ އަނދިރިކަން ތަހައްމުލް ކުރަން ޖެހޭނެ މީހެއްކަން ކަށަވަރެވެ. ކައްވަޅުގެ އަނދިރިކަން އިހްސާސްކޮސްލަން ނުޖެހޭނެ ހަމައެކަކުވެސް އަދި އަޅުގަނޑުމެންގެ ތެރެއަކު ނުހުންނާނެއެވެ. އެއީ ނުގޮސް ފަރުޖައްސާލެވެން އޮތް ތަނެއް ނޫނެއެވެ.

އިންސާނާ މަރުވުމަށްފަހު އެންމެ ފުރަތަމަ ކަޑައްތުކުރަން ޖެހޭ މަރުހަލާއަކީ ކައްވަޅުކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ.

އެތަނަކީ ދުނިޔޭގައި ކުޅަ އަމަލުތަކުގެ އިހުސާސް އެންމެ ފުރަތަމަ ކުރެވޭނޭ މަރުހަލާއެވެ. ދުނިޔެމަތީގައި ނިބައި އަމަލު ކުޅަމީހުންނަށް އަޒާބު އަދި ހެޔޮއަމަލުކުޅަ މީހުންނަށް އެކަމުގެ ފޮނިރަހަ ލާނެއެވެ. އެގޮތުން ކައްވަޅުގައި ދެވޭ އަޒާބުގެ ވާހަކަ އަކީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުންވެސް ސާބިތުވާން އޮތް ހަގީގަތެކެވެ.

އެގޮތުން ކައްވަޅުގެ ޢަޛާބަކީ ގުރްއާނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖްމާޢިން ޘާބިތުވާ މައްސަލަ އެކެވެ. ވީމާ، ކައްވަޅުގެ ޢަޛާބަށް އިންކާރު ކުރެވޭނޭ އެއްވެސް ޖާގައެއް ނެތެވެ.

ސޫރަތުއްތައުބާގެ 101 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍ ) މާނައަކީ: "ތިމަންރަސްކަލާނގެ އެއުރެންނަށް ދެފަހަރު عذاب ދެއްވާހުށީމެވެ. ދެން ބޮޑުވެގެންވާ عذاب އެއްގެ ތެރެއަށް އެއުރެން ރައްދުކުރައްވާ ހުށްޓެވެ". އަދި ޣާފިރު ސޫރަތުގެ 45، 46 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَحَاقَ بِآلِ فِرْعَوْنَ سُوءُ الْعَذَابِ ﴿٤٥﴾ النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ ﴿٤٦﴾ ) މާނައަކީ: " އަދި އެންމެނުބައި عذاب، فرعون ގެ މީހުން ވަށައިލިއެވެ. އެއުރެން ހެނދުނާއި، ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ عذاب އަށް) ހުށަހަޅުއްވާނެތެވެ. އަދި قيامة ގެވަގުތު އަންނަދުވަހު (ملائكة ންނަށް އަންގަވާނެތެވެ.) فرعون ގެމީހުން އެންމެގަދަފަދަވެގެންވާ عذاب އަށް (އެބަހީ: ނަރަކަޔަށް) ވައްދަވާށެވެ!".

މާތް ﷲ ރުއްސުންލެއްވި އަލްބައްރާއު ބިން ޢާޒިބް ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (يُثَبِّتُ اللَّـهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ) "ސޫރަތު އިބްރާހީމްގެ 27 ވަނަ އާޔަތް"، މިއާޔަތުގެ މާނައަކީ: " ދުނިޔޭގެ حياة ގައްޔާއި، آخرة ގައި ސާބިތުވެގެންވާ (حق) ބަހުން إيمان ވި މީހުންނަށް، اللَّه ސާބިތުކަން ދެއްވަތެވެ". މިއާޔަތް ބާވާލެއްވުނީ ކައްވަޅުގެ ޢަޛާބާއި ބެހޭ ގޮތުންނެވެ. ގަބުރުގައި އޮންނަ މީހާ އާއި ސުވާލު ކުރެވޭނެއެވެ. "ކަލޭގެ ރައްބަކީ ކާކު ހެއްޔެވެ؟"، އެހިނދު މުއިމިނުން ޖަވާބުގައި ބުނާނެއެވެ. އަހަރެންގެ ރައްބަކީ ﷲ އެވެ. އަދި ނަބިއްޔަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. މިގޮތުން އީމާންވީ މީހުންނަށް ﷲ ޘާބިތުކަން ދެއްވާނެއެވެ.

މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކް ގެ ކިބައިން ރިވާވެގެންވެއެވެ. (لولا أن تدافنوا لدعوت الله أن يسمعكم عذاب القبر) މާނައަކީ: "ތިޔަބައިމީހުން މައްޔިތުން ވަޅުނުލާފާނެކަމަށް ތިމަން ކަލޭގެފާނަށް ބިރު ނުހީވާނަމަ ތިޔަބައިމީހުންނަށް ކައްވަޅުގެ ޢަޛާބު އަޑު އިއްވައިދެއްވުން އެދި ﷲ އަށް ދެންނެވީމުހެވެ". –

· ކައްވަޅުގެ ޢަޛާބު ލިބޭ ސަބަބުތައް:

ކައްވަޅުގެ ޢަޛާބު ލިބެން މެދުވެރިވާ ސަބަބުތައް ބަޔާން ކުރައްވާ އިބްނުލް ގައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ﷲ މަޢްރިފާކޮށް ދެނެނުގަނެވުމުގެ ސަބަބުންނާއި، ﷲ ގެ އަމުރުފުޅުތައް ނަގާލުމުންނާއި، އަދި ﷲ ނަހީ ކުރެއްވި ފާފަތަކަށް އަރައިގަތުމުން ކައްވަޅުގެ ޢަޛާބު ލިބެއެވެ. ދުނިޔޭގައި ﷲ ނަހީ ކުރެއްވި ކަންތަކަށް އަރައިގަނެ ތައުބާ ނުވެ ހުއްޓާ މަރުވެއްޖެ މީހާ އަށް ﷲ ތަޢާލާ ކައްވަޅުގައި ޢަޛާބު ދެއްވަތެވެ. ކައްވަޅުގެ ޢަޛާބު ލިބޭނެ ކަމުގެ ވަޢީދުގެ ބަސްފުޅު އައިސްފައިވާ ބައެއް ފާފަތައް ތިރީގައި މިވަނީއެވެ.

* ދެބައޮޑުވުމުމާއި ޣީބަ ބުނުން،
* ކުޑަކަމުދާ އެއްޗެތިން ސަލާމަތް ނުވެވުން.
* ވުޟޫ ނުކޮށް ހުރެ ނަމާދު ކުރުން
* ދޮގު ހެދުން
* ނަމާދު ނުކުރުން .
* ޒަކާތް ނުދިނުން
*ޒިނޭ ކުރުން
* ވައްކަން ކުރުން
* ހިޔާނާތް ތެރިކަން،
* މީސްތަކުންގެ މެދުގައި ފިތްނަ އުފެއްދުން
* ރިބާ ކެއުން
* އަނިޔާ ލިބޭ މީހާ އަށް ނަޞްރު ނުދިނުން
* ރާބުއިން
* ބޮޑާ ކަމާއި އެކުގައި ފައިކުރި ތިރިކޮށްފައި ބެހެއްޓުން
* ޙައްގަކާ ނުލާ މީހުން މެރުން
* ޞަޙާބީންނަށް ބަދުބަސް ބުނުން
* ބިދްޢަ ވެރިއެއްގެ ގޮތުގައި މަރުވުން.

ކައްވަޅުގެ ޢަޛާބު ލިބެނީ ހަމައެކަނި ވަޅުލެވިފައިވާ މީހުންނަސް އެކަންޏެއްނޫނެވެ. ކޮންމެ ތާކު ކޮންމެ ހަލަތެއްގައި މައްޔިތާ އޮތަސް ސުވާލުކުރެވޭނެއެވެ. ސުވާލު ކުރެވޭނީ ރޫޙާ އެވެ. މައްޔިތާގެ ހަށިގަނޑު ކޮންމެ ތަނަކަށް އެއްލައިލި ނަމަވެސް އޭނާގެ ރޫޙު ހުންނާނީ ސަލާމަތުންނެވެ. އެހެންކަމުން ރޫޙާއި ސުވާލުވެވި ރަގަޅަށް އުޅެފައިވާނަމަ ނިޢްމަތް ދެއްވާ، ގޯސްކޮށް އުޅެފައިވާނަމަ ޢަޛާބު ދެއްވާނެއެވެ. އިންސާނާގެ ހަށިގަނޑަށްވެސް ރަގަޅަށް އުޅެފައިވާ މީހެއްގެ ހަށިގަނޑެއްނަމަ ނިޢްމަތް ދެއްވާ، ގޯސްކޮށް އުޅެފައިވާ މީހެއްގެ ހަށިގަނޑެއްނަމަ ޢަޛާބު ދެއްވާނެއެވެ. އެގޮތަކީ ކޮބައިކަމެއް ދެނެވޮޑިގެންވަނީ ﷲ އެވެ. އަހަރުމެންނަށް އެކަން އެނގިގެންނެއް ނުވެއެވެ. މިއީ ބަރްޒަޚުގެ ވާހަކައެވެ. ގިޔާމަތް ދުވަހުން ހަށިގަނޑާއި ރޫޙު އެއް ކުރައްވާ ދެއެއްޗަށްވެސް ޖަޒާ ދެއްވާނެއެވެ. މާތް ﷲ އަހަރުމެން އެންމެންނަށް ކައްވަޅަކީ އަލިތަނެއް ކަމުގައި ލައްވާށި، އަދި އެއީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާ އެއް ކަމުގައި ލައްވާށި. އާމީން. والله أعلم

މިއަދު އޮންލައިން