އެކްސް ފުޓްސަލް މުބާރާތް: ވާދަވެރި ކުޅުމަކަށްފަހު ސެމީގެ 4 ވަނަ ޖާގައަށް ކުރާ އުއްމީދު ޓޯރާބޯރާއިން އާކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 18ސ
އެކްސް ފުޓްސަލް މުބާރާތް: ވާދަވެރި ކުޅުމަކަށްފަހު ސެމީގެ 4 ވަނަ ޖާގައަށް ކުރާ އުއްމީދު ޓޯރާބޯރާއިން އާކޮށްފި
އެކްސް ފުޓްސަލް ޗެލެންޖުގެ ސެމީފައިނަލުގެ ފަހުޖާގަ ކަށަވަރުކުރުމަށް ކުޅޭ ޕްލޭއޮފް ލީގުގެ ދެވަނަ މެޗު ފޯރިގަދަ ކުޅުމަކަށްފަހު، ޓޯރާބޯރާއިން އެފްސީ ފްރެންޑްސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

މި މެޗު އެޓީމުން ކާމިޔާބުކުރީ 6 ލަނޑު 4 ލަނޑުންނެވެ. ޓޯރާބޯރާގެ ގޯލުތައް ޖަހައިދިނީ އިބްރާހިމް ޝައްމޫން 1 ގޯލު، އަމާނުﷲ ޙަސަން 1 ގޯލު، އަރުޝަދު އިބްރާހިމް 2 ގޯލު އަދި ޢަލީ އަޝްރަފް 2 ގޯލެވެ.

އެފްސީ ފްރެންޑްސްގެ ގޯލުތައް ޖަހައިދިނީ އަޙްމަދު ޢަބްދުއްރަޙްމާނާއި ޢަބްދުﷲ ޚިޒާން އަދި އަޙްމަދު ޢިއްފާނެވެ. އަދި އަނެއް ގޯލަކީ ޓޯރާބޯރާ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށް ހޮވިފައިވަނީ ޓޯރާބޯރާގެ އަމާނުﷲ ޙަސަންއެވެ.

ރޭގެ މެޗުން އެފްސީ ފްރެންޑްސް ބަލިވުމުން ސެމީގެ 4 ވަނަ ޖާގަ ހޯދުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފައެވެ. އަދި މިރޭގެ މެޗުން މޮޅުވެގެން ޓޯރާބޯރާއަށް ސެމީގެ ފަހު ޖާގަ ލިބޭ އިރު، ރިވަރސައިޑަށް ސެމީއަށް ދެވެންއޮތީ 9 ގޯލުގެ ތަފާތުން މޮޅުވެގެންނެވެ.

އެހެންކަމުން 9 ގޯލަށްވުރެ މަދު ޢަދަދަކުން ރިވަރސައިޑު މޮޅުވެއްޖެ ނަމަ، ސެމީގެ ފަހު ޖާގަ ލިބޭނީ އެފްސީ ފްރެންޑްސްއަށެވެ. ރިވަރސައިޑާއި ޓޯރާބޯރާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 22:00ގައެވެ.

މިރޭގެ މެޗު ނިމޭ ވަގުތުން ފެށިގެން 24 ގަޑިއިރަށް އެހެން ޓީމުތަކުން ކުޅުންތެރިން ގެނައުމަށް ޓްރާންސްފަރ ހުޅުވާލާނެއެވެ. އަދި މިރޭގެ މެޗަށްފަހު، ސެމީފައިނަލުގައި ޓީމުތައް ވާދަކުރާނެ ގޮތް ކަނޑައެޅުމަށް ގުރުއަތުވެސްލާނެއެވެ.

މިއަދު އޮންލައިން