ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދުނިޔެއަށް އުފަންވެ ވަޑައިގަތުމާއި އަވަހާރަވުމަކީ ވެސް ޤިޔާމަތް ކައިރިވެއްޖެ ކަމުގެ އަލާމާތެއް ކަމަށް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.
އިހްޔާ ފޯރަމްގައި ޝައިޚް ފިކުރީ ވިދާޅުވީ މި އުންމަތަކީ އެންމެ ފަހުގެ އުންމަތް ކަމަށާއި ކައު އިތުރު ރަސޫލާ (ޞޢވ)އަށްފަހު ދެން ނަބިއްޔެއް މާތްﷲ ނުފޮނުއްވަވާނެ ކަމަށެވެ. "ކައު އިތުރު ރަސޫލާ (ޞޢވ) ދެ އިނގިލިފުޅުން އިޝާރާތް ކުރައްވަވާފައި ވިދާޅުވީ ތިމަންކަލޭގެފާނު ރަސޫލުކަމާއިގެން މި ފޮނުއްވުނީ ޤިޔާމަތާއި މިހައި ކައިރީގައި ކަމަށް. އެހެންވީމާ އިތުރު އެކަލޭގެފާނު ދުނިޔެ ދޫކުރައްވައި ވަޑައިގަތުމަކީވެސް ޤިޔާމަތް ކައިރިވެއްޖެކަމުގެ އަލާމާތެއް ކަމަށް ޢިލްމްވެރިން ބަޔާންކުރައްވަވާ ކަމެއް."
ޝައިޚް ފިކުރީ ވިދާޅުވީ ޤިޔާމަތްވާނީ ކަނޑައެޅިގެން ކޮން ދުވަހަކުކަން އެއްވެސް މީހަކަށް ނުއެނގޭނެ ކަމަށާއި ޤިޔާމަތްވާނީ ބޮޑުވެގެންވާ ޒަލްޒަލާއަކުން (ބިންހެލުމަކުން) ކަމަށް ކީރިތި ޤްރްއާނުގައި މާތްﷲ ބަޔާންކުރައްވަވާފައިވާ ކަމަށެވެ. އަދި އެކަމަށް ޚާއްޞަ ކުރައްވަވައި ކީރިތި ޤްރްއާނުގައި ސޫރަތެއް (ސޫރަތުލްޒަލްޒަލާ) މާތްﷲ ވަނީ ބާވައިލައްވަވައިފައި ކަމަށެވެ.
ޝައިޚް ފިކުރީ ވިދާޅުވީ 2004 ވަނަ އަަހަރު ކުރިމަތިވި ސުނާމީގައި އިންޑޮނޭސިއާގެ ބައެއް ސަރަހައްދުތަކުގެ އިމާރާތްތައް ފުނޑުފުނޑުވެގެންދިއައިރު ހަމަ އެ ސަރަހައްދުތަކުގައި ހުރި މިސްކިތްތަކަށް އެއްވެސް ކަމެއް ނުވެ ހުރިކަން އެއީ ޤިޔާމަތާއި ގުޅިފައިވާ ޢިބްރަތްތެރި ފިލާވަޅެއް ކަމަށެވެ.
ޝައިޚް ފިކުރީ ވިދާޅުވީ އެންމެ މުހިންމީ ޤިޔާމަތް ދުުވަހުގެ ބިރުވެރިކަން ހިތަށް ގެނެސް އެދުވަހަށް ތައްޔާރުވުން ކަމަށެވެ. ނަރަކައިން މިންޖުވެވޭނެ ގޮތަށް އަމަލުތައް ބެހެއްޓުން ކަމަށެވެ.