މީހެއްގެ ފަޔަށް ވިހަގަދަ ހަރުފައެއް ވިހަލުމުން އަލްޙަމްދު ކިޔަވައި ހަރުފަ ދަތް އެޅިތަނަށް ކުލުޖެހި މީހަކު ހަރުފައިގެ ވިހައިން މާތް ﷲ ސަލާމަތް ކުރެއްވެވި ކަމަށް އައްޝައިޚް ޖައުފަރު ފާއިޒު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންެގެ މިސްކިތުގައި ދަރުސް ދެއްވަވަމުން ޝައިޚް ޖައުފަރު ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްތައް ހެދުމުން އެނގުނީ އޭނާގެ ހަށިގަނޑުގައި ހަރުފައިގެ ވިހައިގެ އަސަރުވެސް ނެތްކަން ކަމަށެވެ. އަދި އެކަން އެގޮތަށް މެދުވެރިވީ އޭނާގެ އީމާންތެރިކަން ވަރުގަދަކަމުން ކަމަށެވެ. އެހެންކަމުން ގަދައަޅައި މަސައްކަތްކުރަންވީ އީމާންތެރިކަން ވަރުގަދަކުރަން ކަމަށެވެ.
ޝައިޚް ޖައުފަރު ވިދާޅުވީ މިފަދަ އެތައް ހާދިސާތަކެއް ހިނގާފައިވާ ކަމަށާއި މިހާރުވެސް އެފަދަ ހާދިސާތައް ދަނީ ހިނގަމުން ކަމަށެވެ.
ޝައިޚް ޖައުފަރު ވިދާޅުވީ ބަލިވުމުން ބޭސްފަރުވާ ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް އެއްވެސް މީހެއްގެ ބަލި ފަސޭހަވަނީ ޑޮކްޓަރުންނާއި ބޭހުގެ ސަބަބުން ނޫން ކަމަށެވެ. އެކަމަކަށް މާތްﷲ ޝިފާ ދެއްވެވުމުން ކަމަށެވެ.
"ޑޮކްޓަރުންނަކީ މާގިނަ ކަންތައްތަކެއް އެނގޭ ބައެއް ނޫން. ދުނިޔޭގެ އެންމެ މަޝްހޫރު، މޮޅު ޑޮކްޓަރުން ލަފާކުރާ ގޮތް ދިމާނުވަނީ، އަދި ކުރާ ބޭހާއި ދިމާނުވަނީ ކިތައްފަހަރުތޯ؟"
ޝައިޚް ޖައުފަރު ވިދާޅުވީ މީހެއްގެ މައިބަދައަށް ދިމާވި މައްސަލައަކާއި ގުޅިގެން އަވަށްޓެރި ޤައުމުތަކުންނާއި ތައިލަންޑުން 25 އަހަރު ދުވަހު ކުރި ބޭސްތަކުން އެއްވެސް ޝިފާއެއް ނުލިބުނު މީހަކު ދިވެހި ބޭސްވެރިއަކު ލައްވައި ބޭސްކުރުމުން މިހާރުވަނީ އެކުގައިހެން ރަނގަޅު ވެފަ. އެ ބޭސްވެރިއަކީ ފޯކައިދޫ ސަމީރުގެ ބައްޕަ. އަޅުގަނޑު މިވާހަކަ މިދެންނެވީ ކޮންމެހެން ބޭސްވެރިޔާ އިޝްތިހާރުކުރާކަށް ނޫން. ކަންކަން ހިނގަމުންދާގޮތް ބަޔާންކުރަން. ކިތަންމެ މޮޅު ނަމަވެސް ޑޮކްޓަރުންނަކީ ޝިފާ ދޭ ބައެއްކަން ނޫން ކަމާއި ކިތަންމެ މޮޅު ޑޮކްޓަރުންގެ ވެސް ފަރުވާ ދިމާވަނީ ބައެއް ފަހަރުކަން ދަންނަވަން."
ސަބަބުގައި ހިފަހައްޓައިގެން މަސައްކަތްކުރުމަކީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތް ކަމަށާއި އެންމެ މުހިންމީ ހަމަ ދުޢާކުރުންކަން ޝައިޚް ޖައުފަރު ވަނީ ފާހަގަކުރައްވައިފައެވެ.