މުސްލިމުންނަކީ މުސްލިމުން ކަމަށް ބުނަން ބިރުގަންނަން ނުޖެހޭނެ ކަމަށާއި ހަރުކަށީވެސް ހައްދުފަހަނައަޅައި ގޮސް ތިބީވެސް މާތް ﷲ އަށް އުރެދިގެން ތިބި ކާފަރުންކަމަށް އައްޝައިޚް ޖައުފަރު ފާއިޒް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުން ޝައިޚް ޖައުފަރު ވިދާޅުވީ އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކުރާނަމަ އެމީހަކާއިމެދު މިހާރު ބަލަނީ އެއީ ހަރުކަށި ނުވަތަ ހައްދު ފަހަނައަޅާފައި ހުރި މީހެއް ކަމަށެވެ.
ނަމަވެސް އެއީ އެއްވެސް ހަޤީޤަތެއް ނޫން ކަމަށާއި ހަޤީޤަތުގައި ހަރުކަށީވެސް އަދި ހައްދު ފަހަނައަޅައި ގޮސްފައިވަނީ ވެސް މާތްﷲ އަށް އުރެދިގެން ތިބި ކާފަރުން ކަމަށެވެ.
ޝައިޚް ޖައުފަރު ވިދާޅުވީ އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތަށް އަމަލުކުރަންޖެހޭނެ ކަމަށާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތަށް ފުރިހަމައަށް ތަބަޢަވާންއަދި ސުންނަތަށް ފުރިހަމައަށް އަމަލުކުރަންޖެހޭނެ ކަމަށާއި އެކަންކަން ކުރުމަކީ ހައްދުފަހަނައަޅައި ދިއުން ކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި އެކަންކަމަށް އަމަލު ނުކުރަކީ ހައްދުފަހަނައަޅައި ދިއުން ކަމަށެވެ.
ޝައިޚް ޖައުފަރު ވިދާޅުވީ ބައަކު ބުނެފާނެ ބަހަކަށްޓަކައި ނުވަތަ އަޅުވައިފާނެ އިލްޒާމަކަށްޓަކައި ބިރުން އިސްލާމް ދީނުގައި ބަޔާންވެގެންވާ ކަންކަން ކުރަން ފަސް ޖެހެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. "އަޅުގަނޑުމެންގެ ފުރާނަ އަޅުއްވަވަނީ އަދި ފުރާނަ ގެންދަވަނީ އެމީހުންތޯ؟ ރިޒުޤު ދެއްވަވަނީ އެމީހުންތޯ؟ ސަލާމަތާއި ރައްކައުތެރިކަން ދެނީ އެމީހުންތޯ؟ ބަލިވީމާ ޝިފާ ދެނި އެމީހުންތޯ؟" ޝައިޚް ޖައުފަރު ވަނީ ސުވާލުކުރައްވައިފައެވެ.
ބިރުގަންނަންވީ ހުރިހާ މިއުމަތްތަކެއް މިންވަރުކުރައްވަވާ އަދި އާޚިރަތް ދުވަހުން ކުރިމަތިލާންޖެހޭނެ މާތް ﷲ އަށް އެކަނި ކަމަށްވެސް ޝައިޚް ޖައުފަރު ވަނީ ވިދާޅުވެފައެވެ.