ލައިލަތުލްޤަދްރް ވިލޭރެއިން ލިބޭނެ ސަވާބާއި ދަރުމަ ހޯދުމަކީ އެހެން އެއްވެސް ގޮތަކުން ލިބިގަނެވޭނެ ނިޢުމަތެއް ނޫން: ޝައިޚް ސިނާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ލައިލަތުލްޤަދްރް ވިލޭރެއިން ލިބޭނެ ސަވާބާއި ދަރުމަ ހޯދުމަކީ އެހެން އެއްވެސް ގޮތަކުން ލިބިގަނެވޭނެ ނިޢުމަތެއް ނޫން: ޝައިޚް ސިނާން
މާތްﷲ ބަރަކާތްތެރި ކުރައްވަވައިފައިވާ ލައިލަތުލްޤަދްރް ވިލޭރޭ އަޅުކަން ކުރުމުން ލިބޭނެ ސަވާބާއި ދަރުމައަކީ މީހާގެ މުޅި އުމުރުގައި މަސައްކަތްކުރި ނަމަވެސް އެހެން އެއްވެސް ގޮތަކުން ޙާޞިލްކުރެވޭނެ ނިޢުމަތެއް ނޫން ކަމަށް އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އިހްޔާ ފޯރަމް ޕްރޮގްރާމުގައި ދަރުސް ދެއްވަމުން ޝައިޚް ސިނާން ވިދާޅުވީ ލައިލަތުލްޤަދްރް ވިލޭރޭގެ ބަރަކާތް 1،000 މައްސަރަށް ވުރެ އިތުރުވެގެންވާއިރު އެރޭ އަޅުކަންކުރުމުން ލިބޭނެ ސަވާބާއި ދަރުމަ މުޅި އުމުރުގައި މަސައްކަތް ކުރި ނަމަވެސް ނުހޯދޭނެ ކަމަށެވެ.

"1000 މައްސަރަކީ 83 އަހަރާއި 4 މަސް. މީހެއްގެ މުޅި އުމުރުގައި މަސައްކަތް ކުރި ނަމަވެސް ކިހިނެއްތޯ 83 އަހަރާއި 4 މަސް ދުވަހު އަޅުކަންކުރާނީ؟ އެއީ ކުރެވޭނެ ކަމެއް ނޫން. އެހެންވީމާ އެފަދަ މަތިވެރި ރެއެއް އެއީ. ދުނިޔެމަތީގައި އަަބަދުވެސް މަލާއިކަތް ބޭކަލުން އުޅުއްވަވާ. އެކަމަކު އެރޭ ވަޙީގެ މަލާއިކަތާ، ޖިބްރީލްގެފާނު ބިމަށް ފައިބާ ވަޑައިގަންނަވާނެ. އަދި އެތައް ހާސް މަލާއިކަތުން ފައިބާ ވަޑައިގަންނަވާނެ. ހުރިހާ މަލާއިކަތްބޭކަލުންވެސް ފައިބާ ވަޑައިގަންނަވަނީ މީސްތަކުންނަށް (އެރަޙްމަތް ހޯދަން މަސައްކަތްކުރާ ބައަކަށް) ރަޙްމަތެއް ކަމުގައި."

ޝައިޚް ސިނާން ވިދާޅުވީ ލައިލަތުލްޤަދްރް ވިލޭރެއަކީ ކޮންރެއެއްކަން ކަނޑައެޅިގެން ނުއެނގުނު ނަމަވެސް އެއީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެތެރެއިން ރެއެއްކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ބަޔާން ކުރައްވަވާފައި ކަމަށެވެ. "މިއަހަރުގެ ރަމަޟާންމަހުގެ 3 ވަނަ އޮނަހިރި ރޭ ފާއިތުވެއްޖެ. އަދިވެސް 2 ރޭ ކުރިއަށް އެބައޮތް، 27 (މާދަމާ ރޭ) އަދި .29 އަޅުގަނޑުމެންނަށް އޮތީ ގަދަޅައި މަސައްކަތްކުރުން. ކުރީ ރޭތަކުގައި މަސައްކަތް ނުކުރެވުނީތީ މާޔޫސްވެ ފަސްޖެހުމެއް ނެތް."

ޝައިޚް ސިނާން ވިދާޅުވީ ތިމާއަށް ގިނަ ފާފަތަކެއް ކުރެވިފައިވާތީ މާޔޫސްވުމެއް ނެތް ކަމަށެވެ. މާތް ﷲ އަށް ޝިރްކުކުރުން ފިޔަވައި އެހެން ހުރިހާ ފާފަތަކެއް އެމީހަކު ތައުބާވެ މާތް ﷲ ގެ މަގަށް ރުޖޫޢަވުމުން މާތް ﷲ ޢަފޫ ކޮށްދެއްވަވާނެ ކަމަށެވެ. އެހެންކަމުން ލައިލަތުލްޤަދްރްވިލޭރޭގެ ސަވާބާއި ދަރުމަ ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޝައިޚް ސިނާން ވިދާޅުވީ ކީރިތި ޤްރްއާން ކިޔެވުމާއި ނަމާދުކުރުން ފަދަ އަޅުކަމުގެ އިތުރުން ޞަދަޤާތާއި އެހެނިހެން ހެޔޮ އަމަލުތަކަށް ވެސް އެރޭ ކުރެވިއްޖެ ނަމަ 83 އަހަރާއި 4 މަސް ދުވަހު އެކަންކަން ކުރުމުން ލިބޭނެ ސަވާބާއި ދަރުމަ މާތްﷲ ދެއްވަވާނެ ކަމަށެވެ. އެހެންކަމުން ހެޔޮވެގެންވާ ހުރިހާ އަމަލުތަކެއް ކުރުންމަތީ ދެމިހުރުން ވަރަށް މުހިންމު ކަމަށެވެ.
މިއަދު އޮންލައިން