މޫނުއަލި އަދި ހިތްއަލިވުމުން ދުނިޔޭން ރަނގަޅުގޮތް ވާނެޔޭ
.............................. މޫނުމަތި މީހާގެ ރީތިވުމުން އުފާވެރި ވާނެޔޭ
ކޮންމެފަދަ ހިތްދަތިކަމެއް ލިބުނަސް އެކަން ފޮހެލައި ހިތުން
.............................. އޮންނަ ރަނގަޅުގޮތެއް ބަލާ ހިތް ރުއްސުމުން ހަމަޖެހިދެޔޭ
ނުރުހުމުގެ އަޑުތައް އިވޭ ވަގުތުން ހަނދާނުން ފޮހެލަމުން
.............................. ނުރުހުމުގެ ހިތްތައް ތިމާގެ ކޮޅަށް ލެނބޭގޮތްވެސް ވެޔޭ
ބަރުހިތެއް ނެތި ލޯބިވެތި ހިތަކާއެކީ ކުރމަތިލުމުން
.............................. ދަރުމަޔާ ނިއުމަތުގެ ތިލަފަތް ބަރުވަމުން ވެސް ދާނެޔޭ
ސާފު ހިތަކާ ރީތި އަލިމޫނެއްގެ ވެރިއެއް ކަމުވުމުން
.............................. ސާފުސީދާ ތެދުމަގުން ހިނގުމަށް ފަސޭހަވެދާނެޔޭ
ދީނުގައި އޮތްމަގު ޚިޔާރުކުރުން އެއީ ހަމަ ކަށަވަރުން
.............................. ހީނުވާހާ ރަނގަޅުގޮތް ލިބުމުގެ ގޮތެއް ކަމުގައި ވެޔޭ