ޤަތަރުގެ މައްސަލަ ހައްލުކޮށް ޤަތަރާއިމެދު އަރަބި ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް އަނބުރައި ގެންދިއުމަށްޓަކައި ޤަތަރުން ކުރަންޖެހޭ 13 ކަމެއްގެ ލިސްޓް ޤަތަރަށް މިއަދު ހުށަހަޅައިފިއެވެ.
އަރަބި ޤައުމުތަކުން ބުނެފައިވަނީ ލިސްޓްގައި ބުނެފައިވާ 13 ކަންތައް ޤަތަރުން ފުރިހަމަކުރުމުން ނޫނީ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ.
އަލްޖަޒީރާ އިން ބުނެފައިވަނީ ލިސްޓުގައި ހިމެނޭ ކަންތައްތަކުގެތެރޭގައި އަލްޖަޒީރާގެ ހަރަކާތްތަކާއި އަލްޖަޒީރާއިން އެހީތެރިވެދީގެން ހިންގާ ޗެނެލްތައް ހުއްޓާލުމާއި ތުރުކީގައި ހުރި މިލިޓަރީ މަރުކަޒެއް ބަންދުކުރުމާއި އީރާނާއިއެކު ބާއްވާ ގުޅުންތައް ކުޑަކުރުން ހިމެނޭ ކަމަށެވެ. އަދި މުސްލިމް ބްރަދަރހުޑާއި ހިޒްބުﷲ އާއި އަދި އައިއެސް އާއިއެކު އޮންނަ ގުޅުންތައް ކަނޑާލަން ހުށަޅާފައިވާ ކަމަށެވެ.
ޤަތަރުން ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅިގެން ދީފައިވާ ހަމަލާތަކުގައި މަރުވި މީހުންނާއި ލިބުނު ގެއްލުންތަކަށް ބަދަލެއް ދިނުމަށް ވެސް ހުށަހަޅާފައިވާއިރު 13 ކަންތައް ފުރިހަމަކުރުމަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ. 10 ދުވަހުގެ ތެރޭގައި އަމަލުނުކޮށްފިނަމަ ލިސްޓް ބާޠިލުވާނެކަންވެސް ވަނީ ބަޔާންކޮށްފައެވެ.