އިރާޤުގެ މޯސުލްގައި އައިއެސްގެ ހަނގުރާމަވެރިއަކު މިއަދު ޖާނުން ފިދާވެގެން 12 މީހުން ޝަހީދުކޮށްލައިފިއެވެ. މިހަމަލާގައި އެތައް ބައަކު ވަނީ ޒަޚަމްވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިހަމަލާ ދިނީ އިންސާނީ އައްޑަނަތަކުގެ ގޮތުގައި ބޭނުން ކުރަން އައިއެސް އިން ރަހީނުކޮށްފައިވާ މީހުން މޯސުލްދޫކޮށް ނުކުންނަން މަސައްކަތްކުރުމުންނެވެ. މަރުވި އަދި އަނިޔާލިބުނު މީހުންގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.
މިހަމަލާ ދީފައިވަނީ އައިއެސްގެ ބާރު މިހާރު ކެނޑިފައިވާ ސަރަހައްދެއްގައެވެ. ހަމަލާދިން މީހާ މީހުންގެ ތެރެއަށްވަނީ އޭނާއަކީވެސް ސަރަހައްދުން ބޭރަށްދާން ބޭނުންވާ މީހަކަށް ހެދިގެންނެވެ.
އައިއެސް އިން އަދިވެސް ވަނީ ލައްކައެއްހައި މީހުން އިންސާނީ އައްޑަނަތަކުގެ ގޮތުގައި ރަހީނުކޮށްފައެވެ.