މައްކާގެ ހަރަމްފުޅަށް ޒިޔާރަތްކުރާ މީހުންނަށް ޚިދުމަތްކުރުމަށް ޚާއްޞަ ހޮސްޕިޓަލެއް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ. މި ހޮސްޕިޓަލް ހުޅުވާފައިވަނީ ހަރަމްފުޅުގެ ސަރަހައްދާއި ވަރަށް ކައިރީގައެވެ.
ހަރަމްފުޅަށް ޒިޔާރަތްކުރާ މީހުންނަށް ވީހައި ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް ސަލްމާން ރަސްގެފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެތެރެއިން ހުޅުވި މި ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އައިސީޔޫގައި 10 އެނދު ހުރެއެވެ. މި ހޮސްޕިޓަލް ޚާއްޞަކޮށްފައިވަނީ އިމަރޖެންސީ ހާލަތުގައި ފަރުވާދޭން ޖެހޭ މީހުންނަށް ފަރުވާކުރުމަށެވެ.
މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 3 ހަފްތާއަށް ބެލި ނަމަވެސް 50،000 އުމުރާވެރިންނަށް ވަނީ އިމަރޖެންސީ ހާލަތުގައި ހޮސްޕިތަލްތަކުން ފަރުވާދީފައެވެ. އަމިއްލަ ކްލިނިކްތަކުން ވަނީ 27،000 މީހުންނަށް ފަރުވާ ދީފައެވެ. 600 އަންހެނުން ވަނީ މައްކާގައި ވިހެއުމުގެ ނަޞީބު ލިބިގެންފައެވެ.