މައްކާ އާއި މަދީނާގެ ޙަރަމްފުޅުގައި ތަރާވީސް ނަމާދާއިއެކު ޚަޠިމްކުރުން ރޭ ކުރިއަށް ގެންދިއައިރު މައްކާ އާއި މަދިނާގެ ޙަރަމްފުޅުގައި 3 މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވެއްޖެއެވެ.
މައްކާގެ ޙަރަމްފުޅުގައި 2 މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވެފައިވާއިރު މިލިއަނަކަށްވުރެ ގިނަ މުސްލިމުން މަދީނާގެ ހަރަމްފުޅު، މަސްޖިދުއްނަބަވީގައި ބައިވެރިވިއެވެ. މައްކާގެ ހަރަމްފުޅުގައި އިމާމްވެ ނަމާދުކުރެއްވީ އައްޝައިޚް ޢަބްދުއްރަޙްމާން ސުދައިސް އެވެ.
ޝައިޚް ސުދައިސް ރޭ ކުރެއްވި ދުޢާގައި އެންމެ ބޮޑަށް ސަމާލުކަން ދެއްވީ އެއްކަމަކީ ޝައިޠާނާގެ ކިބައިން މުސްލިމުން ސަލާމަތް ކުރެއްވެވުމާއި އިސްލާމީ ޤައުމުތަކަށް އަދި މުޅި އިސްލާމީ އުންމަތަށް ސަލާމަތްކަމާއި ރައްކައުތެރިކަން މިންވަރު ކުރެއްވެވުމެވެ.
ހަރަމްފުޅު ތެރޭގެ 70 ސަރަހައްދެއްގައި ފުލުހުން ސަލާމަތީ ގިއަރުތަކާއިއެކު ޤާއިމުވެގެން ތިބިއިރު މީހުން ގިނަވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްކުރުމަށް ހޮސްޕިޓަލުގެ އިންތިޒާމުތައް ވަނީ ތައްޔަރީ ހާލަތަށް ގެނެސްފައެވެ.