ވެޓްރަންސް ކަޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން 2 ވަނަ ފަހަރަށް ނިއު ރޭޑިއަންޓުން އިން ހޯދައިފިއެވެ.
ނިއު އިން ޗެމްޕިއަންކަން ހޯދީ ފައިނަލު މެޗުގައި މާޒިޔާ އާއިބައްދަލުކުރި މެޗު 2-1 ލަނޑުން ކާމިޔާބުކޮށްގެންނެވެ.
ނިއުރޭޑިއަންޓްގެ ގޯލުތައް ޖެހީ ހުސްނީ ޢަބްދުލް ރަޙްމާނާއި ޢަލީ ޝަމީމް އެވެ. މާޒިޔާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ނާޝިދު އެވެ.
މި މުބާރާތުގައި ނިއުރޭޑިއަންޓްގެ ކެޕްޓަން ޢަލީ ޝަމީމް(ކޮޔަރު އައްޔަ) ވަނީ މޮޅުކުޅުމެއް ދައްކާ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި މުޅި މުބާރާތުގެ އެންމެ މޮޅު ފޯވަރޑުގެ މަޤާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.
މުބާރާތުގެ 45 އަހަރުންމަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓްގެ ޢަބްދުﷲ އިބްރާހިމް އެވެ. މި ޢުމުރުގެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ މާޒިޔާގެ ކީޕަރު މުހައްމަދު ޝިނާނާއި މިޑްފީލްޑަރ އަހުމަދު ނާޒް އާއި ނިއުރޭޑިއަންޓްގެ ޑިފެންޑަރު އަލީ ރިޒާ އާއި ފޯވަރޑް އަލީ ޝަމީމް އެވެ.
މުބާރާތުގެ 50 އަހަރުންމަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލެންސިޔާގެ އަބްދުލް ރައްޒާޤްއެވެ.
ފައިނަލް މެޗަށްފަހު ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އާއި ސޮކަރ މޭޓްސްގެ އިސްވެރިންނެވެ.