ހަސަދަވެރިކަމަކީ އެއްއިންސާނަކު އަނެއްއިންސާނަކާއިމެދު އުފެދޭ ޖަޒުބާތުތަކާއި އިޙްޞާސްތަކުގެ ތެރެއިން އިންސާނާއަށް އެންމެ ގެއްލުންދެނިވި ޖަޒުބާތެވެ.
މި ޖަޒުބާތުގެ ސަބަބުން ތިމާގެ އަޚާ ނުވަތަ އުޙުތާގެ މައްޗަށް މުސީބާތްކުރިމަތިވުމަށް އެދުންވެރިވެއެވެ. އަދި ކޮންމެ ގޮތަކުންވެސް އެ ހަސަދަވެރިކަމުގައި ތިމާގެ އަޚާ ނުވަތަ އުޚުތާ ނެތިކޮށްލަން ހިތުގައި ވަރުގަދަ އަޒުމަކާއި ޖޯސެއް އުފައްދައެވެ.
އަދި ތިމާ ހަސަދަވެރިވާ އަޚާ ނުވަތަ އުޙުތާ އަށް ކުރިމަތިވާ ކޮންމެ މުސީބާތްތެއްގެ ސަބަބުން ތިމާގެ ހިތައް ހަމަޖެހުމާއި އުފާވެރިކަމުގެ އިޙްސާސްތަށް ގެނުވައެވެ.
ހަސަދަވެރިކަމުގެ ނުބައިކަމުން ރައްކާތެރިވުމަށް މިއުންމަތައް އިރުޝާދުދެއްވަމުން މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަދީޡް ކުރައްވަވާފައިވާ ހަދީޡެއްގެ މާނާގައިވަނީ މިފަދައިންނެވެ.
"ހަސަދަވެރިކަމުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން އެއީ އަލިފާނުން ދަރު އަންދާފަދައިން ހެޔޮކަންތައްތައް އަންދާލާކަމެކެވެ." (އަބޫ ދާވޫދް)
ހަސަދަވެރިކަމަކީ ތިމާގެ ހިތުގެ ސާފުކަން ކިލަނބުކޮށް ފަސާދަކޮށްލާކަމެކެވެ. އެހެން ކަމުން އެއީ ބޮޑުވެގެންވާ ނުބައި ބަލިމަޑުކަމެކެވެ. މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އާއި ސުވާލުދެންނެވުނެވެ. މި އުންމަތުގައިވާ އެންމެ ހެޔޮބަޔަކީ ކޮބައިތޯ އެވެ. އެ ހިނދު އެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަދީސްފުޅުކުރެއްވިބަސްފުޅެއްގެ މާނައިގައިވަނީ "އެއީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހިތްސާފު އަދި ތެދުވެރި ދުލެއްގެ ވެރިންނެވެ."
އަނެއްކާ އެބައިމީހުން ސުވާލުކުރިއެވެ. ދުލުގެ ތެދުވެރިކަމަކީ ކޮބައިކަން ތިމަންމެން ދަންނަމުއެވެ. އެކަމަކު ސާފުހިތަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ހަދީސްފުޅުކުރެއްވެވިއެވެ. "އެއީ އީމާންތެރި ޞާލިޙް ކުއްތަކުން ސަލާމަތްވެފައިވާ އަދި ހަސަދަވެރިކަމާއި ދެކޮޅުވެރިކަމުން މިނިވަންވެފައިވާ ހިތެއްގެ ވެރިންނެވެ." (އިބްނު މަޖާހް)
ހަސަދަވެރިކަމުގެ ނުރައްކާތެރިކަން ބޮޑުކަމުން އެކަމުން ސަލާމަތްވުމަށްއެދި ދެންނެވުމަށްޓަކައި ކީރިތި ޤުރުއާނުގައި އާޔަތްތަކެއް ބާއްވާލައްވާފައިވެއެވެ.
قُلْ أَعُوذُ بِرَبِّ الْفَلَقِ (1) مِنْ شَرِّ مَا خَلَقَ (2) وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (3) وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (4) وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ (
5
"ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ ހަޟްރަތުން ތިމަންކަލޭގެފާނު ރައްކާތެރިކަން ލިބިގަންނަމެވެ. () އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ. () އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންނެވެ. () އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ ސިހުރުވެރިން) ގެ ނުބައިކަމުންވެސް މެއެވެ. () އަދި ހަސަދަވެރިޔަކު ހަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ. ()"
ހަސަދަވެރިކަމަކީ އެކަމުގެ ސަބަބުން އިންސާނާގެ އީމާންތެރިކަމާއި މުޅިން އެކަހެރިކޮށްލާ ނުބައިވެގެންވާ ބަލިމަޑު ކަމެކެވެ. އެހެނީ ހަސަދަވެރިކަމުގެ ސަބަބުން މާތްﷲ އެމީހަކަށް ރަޙުމްކުރުމުގައި ބޭއިންސާފުވެވޮޑިގެންފައިވާކަމުގެ އިޙްސާސްއެމީހަކަށް ކުރެވެންފަށައެވެ. އަދި މާތްﷲ އޭނާއަށް ދެއަވި ގިނަގުނަ ނިޢުމަތްތަކުގެ މަތިން ހަނދާންނެތޭގޮތް މެދުވެރިވެއެވެ.
ރަސޫލުﷲ صلى الله عليه وسلم ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އެބައިމީހުންނަކީ މާތްﷲ ދެއްވި ނިޢުމަތްތަކާމެދު ދެކޮޅުވެރިވެފައިވާބައެކެވެ." އެބޭކަލުން ދެންނެވިއެވެ. "އެއީ ކޮންބައެއްތޯއެވެ؟" އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އެއީ ﷲ ގެ ރަޙްމަތުން އަނެކާއަށް ލިބިގެންވި ނިޢުމަތްތަކާއިމެދު ހަސަދަވެރިވާމީހުންނެވެ." (އައްތަބަރާނީ)
މާތް ﷲ އެކަލާނގެ އިލްމުފުޅުގެ މަތިވެރިކަމަށް އެއްބަޔަކަށް އަނެއްބަޔަކަށްވުރެ މުދާވެރިކަމާއި، ޢިލްމާއި، ރީތިކަމާއި، ޖާހާއި، ދަރިން އިތުރުކޮށްދެއްވެވިއެވެ. އެހެންނަމަވެސް ޞާލިޙް އަޅުތަކުން ވާންޖެހެނީ އެބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާޙް އެބައިމީހުންނަށް މިންވަރުކުރެއްވި މިންވަރަށް ފުދިގެންވާބައެއްކަމުގައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.
وَاللَّهُ فَضَّلَ بَعْضَكُمْ عَلَى بَعْضٍ فِي الرِّزْقِ فَمَا الَّذِينَ فُضِّلُوا بِرَادِّي رِزْقِهِمْ عَلَى مَا مَلَكَتْ أَيْمَانُهُمْ فَهُمْ فِيهِ سَوَاءٌ أَفَبِنِعْمَةِ اللَّهِ يَجْحَدُونَ (النّحل 71)
މާނައީ: "އަދި މާތް ﷲ، ރިޒްޤު ދެއްވުމުގައި، ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް މާތްކުރައްވައި، އިތުރުކުރެއްވިއެވެ. ފަހެ، އެއުރެންނަށް މިލްކުވެގެންވާ އަޅުންނަށް، އެއުރެންގެ ރިޒްޤު ރައްދުކޮށްދޭބަޔަކުކަމުގައި، އިތުރުކުރެއްވި މީހުން ނުވެތެވެ. ފަހެ، އެކަމުގައި އެއުރެންނަށް ހަމަހަމަވެގެންވެއެވެ. ފަހެ، އެއުރެން އިންކާރުކޮށް ދެކޮޅުހަދަނީ، ﷲ ދެއްވި ނިޢުމަތާއި މެދުގައި ހެއްޔެވެ؟"
أَمْ يَحْسُدُونَ النَّاسَ عَلَى مَا ءَاتَاهُمُ اللَّهُ مِنْ فَضْلِهِ فَقَدْ ءَاتَيْنَا ءَالَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَءَاتَيْنَاهُمْ مُلْكًا عَظِيمًا (النِّسَاء 54)
މާނައީ: "ނުވަތަ، ﷲ ގެ ފަޟުލަވަންތަވެރިކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން (އެބަހީ: ޔަހޫދީން) މީސްތަކުންނަށް ހަސަދަވެރި ވަނީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، އިބްރާހީމްގެފާނުގެ އާލުވެރިންނަށް، ފޮތާއި ހިކުމަތް، ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި، ބޮޑުވެގެންވާ ވެރިކަމެއް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ."
އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.
أَهُمْ يَقْسِمُونَ رَحْمَةَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُمْ مَعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِيَتَّخِذَ بَعْضُهُمْ بَعْضًا سُخْرِيًّا وَرَحْمَةُ رَبِّكَ خَيْرٌ مِمَّا يَجْمَعُونَ (الزّخرُف 32)
މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތް ބަހައިދެނީ އެއުރެންހެއްޔެވެ؟ ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެ މެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ ޚިދުމަތްތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތް އެއުރެން އެއްކުރާ ތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ."
މިއާޔަތުން ދޭހަވާފަދައިން ދުނިޔޭގެ ޒީނަތާއި މުދަލަށްވުރެ މާތްﷲ ގެ ރުހިވޮޑިގަތުމާއި ރަޙްމަތް އަޅުތަކުންނަށްޓަކައި މާބޮޑެވެ. ދުނިޔޭގައި ތިމާގެ މުދާގިނަވުމަކުން ނުވަތަ އެނޫންވެސް ދުނިޔަވީކަމަކުން އަނެކާއަށްވުރެ ތިމާ ކުރިއަރާ ދިއުމަކުން ޤިޔާމަތްދުވަހު ﷲގެ ހަޟްރަތުގައި އެމީހަކު މަތިވެރިވެގެންނުދާނެއެވެ. ހަޤީޤީ މަތިވެރިކަން ބިނާވެގެންވަނީ އެކަލާނގެ އަޅުތަކުންގެ ތަޤުވާވެރިކަމުގެ މައްޗަށެވެ.
ދުނިޔޭގެ ފަނާވެދަނިވި މަންޒަރުތަކާއި ޒީނަތަކީ މާތް ﷲގެ ހަޟްރަތުގައި އެއްވެސް އަގެއްހުރި އެއްޗެއްނޫންކަން ހާމަކޮށްދެއްވުމުގެ ގޮތުން މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ﷲ ގެ ހަޟްރަތުގައި މި ދުނިޔެއަކީ މަދިރިއެއްގެ ފިޔަގަނޑުހާ އަގެއްހުރި އެއްޗެއްކަމުގައި ވީނަމަވެސް ކާފަރަކަށް މިދުނިޔެއިން ފެންފޮދެއްގެމިންވަރުވެސް އަކަލާނގެ ނުދެއްވީހެވެ." (އައް ތިރްމިޒީ)
މިދުނިޔެމަތީގައި މާތް ﷲ އިންސާނުންނަށް ދެއްވާ ނިޢުމަތްތަކަކީ އެބައިމީހުންނަށްޓަކައިވާ އިމްތިޚާނެކެވެ. އެމީހަކަށް ނިޢުމަތް އިތުރުކުރެއްވި މިންވަރަކުން އެމީހެއްގެ އިމްތިޚާން އިތުރުވެގެންދެއެވެ. އަލް ހަސަން އަލް ބަސްރީ ވިދާޅުވެފައިވެއެވެ. އުމަރުބުން ޚަތާބު އަބޫ މޫސާ އަލް އަޝްއަރީއަށް ފޮނުއްވެވި ސިޓީފުޅެއްގައި ލިޔުއްވާފައިވެއެވެ. "ތިބާއަށް ދުނިޔެއިން ލިބިފައިވާމިންވަރާއިމެދު ތިބާ ރުހޭހުށިކަމެވެ. ހަމަކަށަވަރުން ރަޙްމާންވަންތަ ރަސްކަލާންގެ އެކަލާނގެ އަޅުތަކުންގެ ތެރެއިން އެއްބަޔަކަށް އެކަލާނގެ ނިޢުމަތް އިތުރުކޮށްދެއްވާ އަނެއްބަޔަކަށް އުނިކުރެއްވީ އެދެބައިމީހުން އިމްތިޚާން ކުރެއްވުމަށްޓަކައެވެ. އެބައިމީހުންގެ ތެރެއިން ނިއުމަތް އިތުރުކުރެއްވިމީހުން އިމްތިޚާން ކުރެވޭ ހުށީ އެބައިމީހުން އެނިޢުމަތަށް ޝުކުރުވެރިވޭތޯ ބެއްލެވުމާއި އެބައިމީހުންގެ މުދާވެރިކަމުން އެބައިމީހުންގެ މައްޗަށް އެކަލާނގެ ކަނޑައަޅުއްވާފައިވާ ކަންތައްތައް ފުރިހަމަކުރޭތޯބެއްލެވުމަށެވެ." (އިބްނު ހާތިމް)
އިސްވެދެންނެވުނު ސަބަބުތަކަށްޓަކައި އެހެންމީހުންނަށް މާތްﷲ ދެއްވާފައިވާ މުދާވެރިކަމާއި ދުނިޔޭގެ ނިޢުމަތްތަކަށް އެދުންވެރިނުވުމަށް މާތް ﷲ ވަނީ އެކަލާނގެ އަޅުތަކުންނަށް އަންގަވާފައެވެ.
ހަސަދަވެރިވުމުން ދުރުވެގަތުމަށް ބާރުއެޅުއްވުމުގެ ގޮތުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ތިޔަބައިމީހުންގެ މަތީގައިވާ މީހުންނަށް ދެއްވާފައިވާ ނިޢުމަތްތަކަށް ނުބަލާށެވެ. އެކަމަކު ތިޔަބައިމީހުންގެ ދަށުގައިވާމީހުންނަށް ތިޔަބައިމީހުން ބަލާހުށިކަމެވެ. އޭގެސަބަބުން މާތް ﷲ ތިޔަބައިމީހުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ތިޔަބައިމީހުން ހަނދާންވާނެއެވެ. (ބުޚާރީ) އަދިވެސް އެކަލޭގެފާނު ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު މުދާވެރިކަމާއި ޖާހުގެ ގޮތުން ތިބާއަށްވުރެ މަތިވެރި މީހަކަށް ބަލައިފިނަމަ ތިމާއަށް ވުރެ މުދާވެރިކަމާއި ޖާހުގެ ގޮތުން ދެރަ ނިކަމެތި މީހަކަށްވެސް ބަލާހުށިކަމެވެ." (މުސްލިމް)
އިސްލާމްދީނުގައި ހަސަދަވެރިނުވުމަށް އެހާމެބޮޑަށް ބާރުއަޅުއްވާފައިވާއިރުވެސް އެކަމުގެ ސަބަބުން ތިމާއަށް ފައިދާކުރުވަނިވި ބައެއްކަންކަމުގައި އަނެކާއަށް ދެރައެއް ލިބުމަށް ނޭދޭހާލު ހަސަދަވެރިވުން ހުއްދަކުރައްވާފައިވެއެވެ. އެ ހަސަދަވެރިކަމަކީ ތިމާފިޔަވާ އެކަން ޙާޞިލްވެފައިވާ މީހުންގެ އަތުން އެކަން ނެތިދިއުމަށް ނޭދުމާއި އެކު އަދި އޭނާއަށް އެ ނިޢުމަތް ލިބިފައިވާކަމަށްޓަކައި ތިމާ އޭނާއަށް ނަފުރަތު ނުކުރާ ޙާލު ތިމާއަށްވެސް އެ ނިޢުމަތް ލިބުމަށް އެދުމެވެ.
މާތް ﷲ މިފަދަ ނުރައްކާތެރި ވަބާތަކާއި ބަލި މަޑުކަމުން އަޅުގަނޑުމެންގެ ޤައުމާއި އެއްމެހާ މީސްތަކުން ސަލާމަތް ކުރައްވަވާ ރައްކައުތެރި ކުރައްވާށެވެ. އާމީން.