ﷲ ހުއްދަ ކުރެއްވި އިންތަކުގައި ޢީދު ކުޅިވަރު ކުޅުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ﷲ ހުއްދަ ކުރެއްވި އިންތަކުގައި ޢީދު ކުޅިވަރު ކުޅުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފި
ފިޠުރު ޢީދާއި ގުޅިގެން އުފާ ފައުޅުކުރުމާއި ކުޅިވަރުކުޅުމަކީ ކުރަން ހުރި ކަންކަން ކަމަށާއި ނަމަވެސް އެކަންކަން ކުރަންވާނީ އެކަންކަން ކުރުމަށް މާތްﷲ ހުއްދަ ދެއްވަވާފައިވާ އިންތަކުގެ ތެރެއިން ކަމަށް ވިދާޅުވެ އެއިންތަކުގައި ހިފަހައްޓައިގެން ކަންކަން ކުރުމަށް އައްޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ފެންކުޅި ކުޅުމުގައިވެސް އަދި އެހެން ކުޅިވަރެއް ކުޅުމުގައި ވެސް ދެ ޖިންސުން ބައިބައިވެރިވެ އެކުގައި މަސްހުނިވެގެން (އެއް ބައަކު އަނެއް ބައެއްގެ ގައިގައި އަތްލައިގެން) އެއްވެސް ކުޅިވަރެއް ކުޅުން ހުއްދަ ނޫން ކަމަށެވެ. އަދި ފާހިޝް އަމަލަކަށް އަރައި ގަނެވިދާނެ ފަދަ ފުރުޞަތުތައް އޮންނަ ގޮތަށް، ކައިވެނި ނުކޮށް ތިބޭ ދެ ޖިންސުގެ ޒުވާނުން ދަތުރު ދިއުން ފަދަ ކަންކަން ކުރުން ހުއްދަ ނޫން ކަމަށެވެ.

"މިހާރަކަށް އައިސް ޢީދު ޗުއްޓީގެ ނަމުގަ ކައިވެނި ނުކޮށް، ދެ ލޯބިވެރިންގެ ގޮތުގަ އުޅޭ ޒުވާނުން ބޯއި ފްރެންޑް- ގާލް ފްރެންޑް ކިޔައިގެން އެބަދޭ ރަށްރަށަށް. ރަށްރަށަށް ގޮސް ގެސްޓް ހައުސްތަކުން ކޮޓަރި ހިފައިގެން ވެސް އެބައުޅޭ. މިކަންކަމަކީ ހަމަ އެއްވެސް ހާލެއްގައި ކުރުން ހުއްދަ ކަންކަމެއް ނޫން."

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މިފަދަ ކަންކަމާއި ހިލޭ އަންހެނުންނާއި ފިރިހެނުން މޫދުގައި ނަމަވެސް އެއްގަމުގައި ނަމަވެސް ގައިގައި އަތްލައިގެން ކުޅޭ ކުޅިވަރުތަކާއި ކުރާ ކަންކަމަކީ މާތްﷲ ނަހީކުރައްވަވާފައިވާ ކަންކަން ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ހުރި މުންކަރާތްތައް ކަމަށެވެ.

"ޢީދަކީ މާތްﷲ ދެއްވަވާ ވަރަށް ބޮޑު ނިއުމަތެއް. އެ ނިއުމަތުގެ ބޭނުން ހިފަންވާނީ މާތްﷲ ހުއްދަ ކުރެއްވެވި ތަރަހައިގެ ތެރޭގަ. މާތްﷲ އެންގެވި ގޮތުގަ ކަންތައްތައް ކުރަންޖެހޭނީ. "

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޢީދާއި ގުޅުވައިގެން ފުޓްބޯޅަ ފަދަ ބައެއް ކުޅިވަރުތައް އެބަކުޅޭ ކަމަށާއި އެކަންކަން ހުއްދަ ކަމަށެވެ. ނަމަވެސް މެޗާއި ގުޅުވައިގެން ކަންކަން ކުރިއަށް ގެންގޮސް މަޣްރިބް ނަމާދު ފާއިތުވެގެންދާއިރު މަޣްރިބް ނަމާދު ނުކުރާނަމަ ހުއްދަ ކަމެއްގެ ތެރެއިން ނުވަތަ ހުއްދަ ކަމަކާއި ގުޅުވައިގެން އެކުރެވެނީ މުންކަރާތެއް ކަމަށެވެ. އެހެންކަމުން ޢިދު ކުޅިވަރުތަކުގައި ބައިވެރިވެ އުޅޭއިރު ވެސް ފަރުޟް 5 ނަމާދަށް ފުރިހަމައަށް ރައްކައުތެރިވުމަށް ޝައިޚް ޢަލީ ޒައިދު ވަނީ ގޮވާލައްވައިފައެވެ.
މިއަދު އޮންލައިން