މީސްތަކުންގެ ލޯތްބަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫން ކަމަށާއި މީސްތަކުންގެ ލޯބި ހޯދޭނީ ރިވެތި އަޚްލާޤުން ކަމަށް އައްޝައިޚް ނަޞްރުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް ނަޞްރުﷲ ވިދާޅުވީ މީސްތަކުންގެ ލޯބި ހޯދުމަކީ ފައިސާ ޚަރަދުކޮށްގެން ކުރެވޭނެ ކަމެއް ނޫންކަން ދުނިޔޭގައި ހިނގަމުންދާ އެތައް ކަމަކުން ދަނީ އެނގެމުން ކަމަށެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ ކަމެއް ކަމަށެވެ.
ޝައިޚް ނަޞްރުﷲ ވިދާޅުވީ މީސްތަކުންގެ ލޯބި ހޯދުމަށްޓަކައި އެންމެ މުހިންމީ ކަމަކީ ތެދުވެރިކަމާއި އަދި އިޚްލާޞްތެރިކަމާއިއެކު ހިނިތުންވުން ކަމަށެވެ. ހިނިތުންވާންވީ ވަކި މީހަކު ފެނުމުން ނޫން ކަމަށާއި ކޮންމެ މީހަކާއިވެސް ބައްދަލުކުރަންޖެހޭނީ ހިނިތުންވުމާއިއެކުގައި ކަމަށެވެ.
ޝައިޚް ނަޞްރުﷲ ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކުށްތަކެއް ކުރެވިފައިވާނެ މީހެއް ކަމަށެވެ. އެހެންކަމުން މީހަކު ފެނުމުން އެއީ މިވެނި ކުށެއް ކޮށްފައިވާ މީހެއް ކަމަށް ބަލައި ހިނިތުން ނުވުމެއް ނެތް ކަމަށެވެ. އޮތީ ހިނިތުންވުން ކަމަށެވެ. ހިނިތުންވުމަކީ ޞަދަޤާތެއް ކަމަށް މާތް ﷲ ލައްވަވާފައިވަނީ އެ ސަބަބަށްޓަކައި ކަމަށެވެ.