ޙަރާމް ތަކެތި ކައި އުޅޭ މީހުންނާއި މާތް ﷲ އާއި ވަނީ ގުޅުން ކެނޑިފައި ކަމަށާއި މާތް ﷲ އާއި ތިމާ އާއިމެދު ގުޅުން ބާއްވަން ބޭނުންނަމަ އޮތީ ހަރާމް ތަކެއްޗާއި ދުރުހެލިވެ ބޭނުން ނުކުރުން ކަމަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް އެކިއެކި ކަންކަމަށް އެދި މާތް ﷲ އަށް ދުޢާކުރާ މީހުން ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކީވެސް އެމީހެއްގެ ދުޢާ އިޖާބަކުރެއްވެވުމަށް އެދިއެދި ހުންނާނެ މީހެއް ކަމަށެވެ.
ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ހަރާމް ތަކެތި ކާނަމަ އެމީހެއްގެ އަމަލުތައް 40 ދުވަސް ވަންދެން މާތް ﷲ ޤަބޫލުފުޅު ނުކުރައްވަވާނެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ހަދީޘްފުޅުތަކުން އެނގެން އެބައޮތް ކަމަށެވެ.
ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ދުޢާ އިޖާބަވެވޭ ބޭކަލަކަށް ވެވަޑައިގަތުމަށް ސައުދު ބިން އަބީ ވައްޤާސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ އަރިއަހުގައި އެދިވަޑައިގެންނެވި ކަމަށެވެ. އަދި ސައުދުގެ ފާނަށް އިތުރު މާތް ނަބިއްޔާ ދެއްވެވި އިރުޝާދުފުޅަކީ ހަމައެކަނި ސައުދުގެފާނަށް ދެއްވެވި އިރުޝާދުފުޅެއް ނޫން ކަމަށާއި މުޅި އުންމަތަށް ދެއްވެވި އިރުޝާދުފުޅެއް ކަމަށެވެ.
"ސައުދުއެވެ. ތިބާ ކާތަކެއްޗަކީ ހަލާލް ޠާހިރު ތަކެތި ކަމުގައި ހަދާށެވެ. އެއިރުން ތިބާއަކީ ދުޢާ އިޖާބަކުރެވޭ މީހަކަށް ވާނެއެވެ. އެފަރާތެއްގެ އަތްޕުޅުގައި މުޙައްމަދު (ޞޢވ) ގެ ފުރާނަފުޅުވާ ފަރާތް ގަންދީ ވިދާޅުވަމެވެ. އަޅާ އޭނާގެ ބަނޑުގެ ތެރެއަށް ޙަރާމް ލުޤްމާ (ސުވަލެއް) ލައިފިނަމަ 40 ދުވަސް ވަންދެން ﷲ އޭނާގެ އަމަލު ޤަބޫލުފުޅު ނުކުރައްވަވާނެއެވެ. ޙަރާމް އެއްޗެތި ކައިގެން މަސް ޖައްސައިފިނަމަ އެހަށިގަނޑު އެންމެ އައުލާކަން ބޮޑުވަނީ ނަރަކައަށެވެ."
ޝައިޚް ޢަލީ ޒާހިރު މިމޭރުމުން ދަރުސް ދެއްވެވީ ނިމިގެންދިއަ ރަމަޟާން މަހުގެ އިޙްޔާ ޕްރޮގްރާމެއްގައި ދަރުސް ދެއްވަމުންނެވެ. ދަރުސްގައި ޝައިޚް ޢަލީ ޒާހިރު ގޮވާލެއްވެވީ ހަލާލުގޮތުގައި ލިބޭ އެއްޗެއް ނޫން އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށެވެ. ތިމާއަށް ލިބޭ ތަކެއްޗަކީ ހަލާލު ގޮތުގައި ލިބޭ ތަކެތިކަން ކަށަވަރުކުރުމަށްފަހުގައި ނޫނީ ބޭނުން ނުކުރުމަށެވެ. އަނބިދަރިންނަށް ޚަރަދުކުރުމުގެ ކުރިން އެއިގެ ހަލާލުކަން ކަށަވަރުކުރުމަށެވެ.