މިއަހަރުގެ ބައިބަލާ މުބާރާތް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 13ސ
މިއަހަރުގެ ބައިބަލާ މުބާރާތް ފަށައިފި
މިއަހަރުގެ ބައިބަލާ މުބާރާތް ރޭ ފަށައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ފިޠުރު ޢީދާ ދިމާކޮށް މާލޭގައި ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު 39 ޓީމުވަނީ ބައިވެރިވެފައެވެ.

މާފަންނު ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި ރޭވަނީ 7 މެޗެއް ކުޅެފައެވެ.

ފުރަތަމަ މެޗުގައި ވީއާރދަ ވަންސް އާއި ޓީނޭޖް ޖޫނިއަރސް ބައްދަލުކޮށް ގަދަ ހިފުމުން ކާމިޔާބުކުރީ ޓީނޭޖް ޖޫނިއަރސްއެވެ. ދެ ވަނަ މެޗް ބޮސްނިއާ ސިޓީއާ ވާދަކޮށް ސީދާ ދެގޭމުން ކާމިޔާބުކުރީ ހުޅުމާލެ ސްޕޯޓްސް ކްލަބެވެ.

ތިން ވަނަ މެޗު ޕީކޭ ކަޔޯޓީސް ކާމިޔާބުކުރީ ބުރު ޕާކިއަންސްއާ ބައްދަލުކޮށެވެ. ހަތަރު ވަނަ މެޗުގައި އެމްސީ ސްޕޯޓްސްގެ މައްޗަށް ދަނޑު ގޯޅި ކުރި ހޯދި އިރު، ފަސް ވަނަ މެޗު ކާމިޔާބުކުރީ އެޗްއެސް ނިއު ޖެނެރޭޝަނާ ވާދަކޮށް ފަސޭހަ ކަމާއެކު ސީދާ ދެ ގޭމުން ކާމިޔާބުކުރީ މީޓް ދަ އީގަލްސްއެވެ.

ހަ ވަނަ މެޗް ބޫގާ ބާގާ އީގަލްސްއާ ވާދަކޮށް ކާމިޔާބުކުރީ އާރުއެލްސީއެވެ. ރޭގެ ފަހު މެޗްގައި ޓީސީ ނެވަޑައިސްގެ މައްޗަށް ކުރިހޯދީ ވީކޭ ސްޕޯޓްސް ކްލަބެވެ.

ބައިބަލާ އެސޯސިއޭޝަނުން ބުނީ މިމުބާރާތުގައި މިރޭ ވެސް 8 މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ 20:30ގައެވެ.

ފާއިތުވެ ދިޔަ ދެ އަހަރާއި އަޅާބަލާއިރު މި އަހަރަކީ އެންމެ މަދުން މިމުބާރާތުގައި ޓީމުތައް ބައިވެރިވި އަހަރެވެ. އެގޮތުން އެންމެ ފަހުން ބޭއްވި މުބާރާތުގައި ޖުމްލަ 42 ޓީމް ބައިވެރިވެފައިވާއިރު އޭގެ ކުރީ ފަހަރު 54 ޓީމް ބައިވެރިވިއެވެ.

މިއަދު އޮންލައިން