ދެއަންބަށް ކައިވެނިކޮށްދިނުމުގައި ކޯޓުތަކުން މިހާރު އަމަލުކުރަމުން ގެންދާ ނިޒާމުގައި މަގުމަތިން ދަނިކޮށް ދޮންމަންމާއޭ ކިޔައި ކުއްޖަކު ގޮވި ނަމަވެސް ދޮންދަރިން ވަކިކުރަންވެސް ނުއެނގޭނެ ކަމަށް އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހު އަންހެނުންނަށް ޚާއްޞަކޮށްގެން އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއަ ދެވަނަ ދަރުސްގައި ސާމިޔާ ވިދާޅުވީ ދެވަނަ ކައިވެންޏެއް ކުރުމަށްޓަކައި އަނބިމީހާގެ ހުއްދަ ހޯދަން އިސްލާމް ދީނުގައި ނެތް ނަމަވެސް ރިވެތި ގޮތަކީ ދެވަނަ ަކައިވެންޏެއް ކުރާނަމަ އެކަން އަނބިމީހާ އާއި ވެސް ހިއްޞާކޮށް މަޝްވަރާކޮށްލުން ކަމަށެވެ.
ސާމިޔާ ވިދާޅުވީ ފިރިހެން މީހާގެ ތަނަވަސްކަން ހުރިނަމަ އަނބިމީހާއަށް އެގުމަކާއި ނުލައި ދެވަނަ ކައިވެނި ކޮށްދެމުން ގެންދާ ކަމަށާއި ދީން ހުއްދަކުރާތީ އެކަން އެގޮތަށް ކުރި ނަމަވެސް އެކަމުގެ ސަބަބުން ފަހުން ނުކުންނަ މައްސަލަތައް ވަރަށް ގިނަ ކަމަށެވެ.
"މިހާރު ހުރިހާ އަންހެނުންނަށްވެސް ތިބެން މިޖެހެނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ. ފިރިމީހާ އާއިއެކު މި ދިރިއުޅެނީ ކިތައްވަނަ އަންބަށްކަން އެކަކަށްވެސް ނޭނގެ، ފިރިމީހާގެ ދަރިން ތިބި އަދަދެއްވެސް ނޭނގެ. މަގުމަތިން ދަނިކޮށް މާދަން ދޮންމާމާއޭ ގޮވާނީ ކިތައްކުދިންކަމެއްވެސް ނޭނގެ."
ސާމިޔާ ވިދާޅުވީ ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރަންއުޅޭކަން އެނގުމުން އެކަމާއި މަޝްވަރާކުރުމަކީ އަނބިންގެ ކަމެއް ކަމަށެވެ. އެގޮތުން ދެވަނަ ކައިވެންޏެއް ކުރަން އުޅެނީ ތިމާގެ ކިބައިގައި ކޮންފަދަ އުނިކަމެއް ހުރެގެންކަން ނުވަތަ ކީއްވެގެންކަން އޮޅުންފިލުވަން މަސައްކަތްކުރަންޖެހޭނެ ކަމަށެވެ. އަދި އެކަންކުރަން އުޅެނީ ތިމާގެ ކިބައިގައި ހުރި އުނިސިފައަކުން ކަމަށްވާނަމަ އެކަންކަން އިޞްލާޙްކޮށް ފިރިމީހާ ހުށަހަޅާ މައްސަލަތައް ހައްލުކުރަންވެސް މަސައްކަތްކުރަންޖެހޭނެ ކަމަށެވެ.
ދެއަންބަށް ކައިވެނިކުރުން ފަދަ ކަންކަން ހުއްޓުވުމުގައި ނުވަތަ މަދުކުރުމުގައި އަންހެނުންނަށް އަދާކުރެވިދާނެ ދައުރު އެބަހުރިކަން ސާމިޔާ ޒަކަރިއްޔާ ވަނީ ފާހަގަކުރައްވައިފައެވެ.