މިހާރު ކުރިމަތިވެފައިވާ އަރަބި ޤައުމުތަކުގެ މައްސަލަތަކާއި ގުޅުވައިގެން އިނގިރޭސވިލާތުގެ ބައެއް ބޭންކުތަކުން ޤަތަރު ރިޔާލައިން މުޢާމަލާތުކުރުން ހުއްޓާލައިފިއެވެ.
ބޭންކުތަކުން ބުނީ އޯފްޝޯރ ބޭންކިންގގެ ގޮތުގައި ޤަތަރު ރިޔާލަ ބޭނުންކުރެވެމުންދާ މިންވަރު އިތުރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފައިސާގެ ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.
އެންމެ ބޮޑެތި ބޭންކުތަކުގެތެރޭގައި ހިމެނޭ ބާކްލޭސް ބޭންކުން ވެސް މިއަދުވަނީ ޤަތަރު ރިޔާލައިން މުޢާމަލާތުކުރުން ހުއްޓާލައިފައެވެ. ނަމަވެސް ބައެއް ބޮޑެތި ބޭންކުތަކުން ބުނެފައިވަނީ އެބޭންކުތަކުން ރީޓޭލް ކަސްޓަމަރުންނަށް މުއާމަލާތުކުރުން ހުއްޓާލާފައިވާ ކަމަށާއި ނަމަވެސް ކޯޕޮރޭޓް ކަސްޓަމަރުންނަށް އަދިވެސް މުޢާމަލާތުކުރާ ކަމަށެވެ.
ފާއިތުވި 10 އަހަރަށް ބެލި ނަމަވެސް ނިމިގެންދިއަ ހަފްތާއަކީ ޤަތަރު ރިޔާލައިގެ އަގުތައް އެންމެ ބޮޑަށް ވެށްޓުނު ހަފްތާއެވެ. މިދިއަ ހަފްތާގައި ޤަތަރު ރިޔާލައިގެ އަގު ވަނީ ޑޮލަރަކަށް ބަލާއިރު 3.81 އަށް ވެށްޓިފައެވެ.
އަރަބި ޤައުމުތަކުން ޤަތަރަށް ހުށަހަޅާފައިވާ ކަންކަމަށް ޤަތަރުން އިޖާބަ ނުދޭނަމަ ޤަތަރާއިއެކު ވިޔަފާރިކުރާ ޤައުމުތަކަށް ހުރަސްތައް ކުރިމަތިކުރުވާނެ ކަމަށް އެ ޤައުމުތަކުން ބުނިފަހުން މާލީ އިދާރާތަކުން ގެންދަނީ ޤަތަރާއިއެކު މުއާމަލާތުކުރުމުގައި ސަމާލުކަން ދެމުންނެވެ.