ކުދިން ވިއްކުމުގެ ވިޔަފާރީގެ ސަބަބުން އަޞްލު މައިންނާއި ވަކިވާންޖެހިފައިވާ އެތައް މިލިއަން ކުދިން ދުނިޔޭގެ ކަންކޮޅުތަކުގައި އެބަތިއްބެވެ. އެކުދިންނަށް ވަނީ މައިންނާއި ދުރުގައި އެތައް އަހަރުތަކެއް ވަންދެން އުޅެންޖެހިފައެވެ.
އެހެންކަމާއިއެކުވެސް މީގެ ތެރެއިން ގިނަ ކުދިންގެ ހިތުގައި އެމީހުންގެ އަޞްލު މައިންނާއި ބައްދަލުކުރުމަށް އޮންނަ ޝައުޤުވެރިކަން ކެނޑިގެނެއް ނުދެއެވެ.
ސްވިޑްންގެ ޢައިލާއަކުން ގެންގުޅެ ބޮޑުކުރި އިންޑިއާއަށް ނިބްބަތްވާ ނިކާޝީއަށް އޭނާގެ މަންމަ އަކީ ކާކުކަން ނުވެސް އެނގެއެވެ. ހަނދާން ހުންނަން ފެށީންސުރެ ގެންގުޅެނީ ސްވިޑްންގެ އާއިލާއަކުންކަމަށްވާތީއެވެ. އަދި އެމީހުންނަށްވެސް އޭނާގެ އަސްލު މަންމަގެ މައުލޫމާތު ނުއެނގޭތީއެވެ.
ނިކާޝީ އޭނާގެ އަސްލު މަންމަ ހޯދަން މަސައްކަތް ފެށީ މީގެ 20 ވަރަކަށް އަހަރު ކުރިންނެވެ. މެދު ނުކެނޑި ކުރަމުން އައި މަސައްކަތުން އޭނާގެ މަންމަ ހޯދައި ބައްދަލުކުރެވުނީ އުމުރުން 44 އަހަރުގައެވެ. މުމްބާއީގެ 670 ކިލޯ މީޓަރު ދުރުގައި އޮންނަ ޔަވަމަލް އަވަށުންނެވެ.
މަންމަ ވަނީ ވަރަށް މުސްކުޅިވެ އެނދުމަތިވެފައެވެ. މަންމަގެ ކިބައިން ލިބުނީ ހިތް ހަލާކުވާފަދަ މައުލޫމާތުތަކެކެވެ.
އޭނާއަށް ބަލިވެ އިންދާ ބައްޕަ ނިޔާވީއެވެ. އެހިސާބުން މަންމަ ދިރިއުޅެމުން ދިއައީ ނިކަމެތިން ބަލަހައްޓާ ތަނެއްގައެވެ. މަންމަ އަކީ ދުވަހަކުވެސް ދަރިފުޅު ދޫކޮށްލަން ބޭނުންވި މައެއް ނޫނެވެ. ނަމަވެސް މަންމައަށް ދަރިފުޅު ގެއްލިގެން ދިއައީއެވެ. ވީނުވީއެއްވެސް ނުއެނގިއެވެ.
ބަލައި ބޮޑުކުރުމުގެ ނަމުގައި އެހެން ޤައުމެއްގެ ދެމަފިރިއަކާއި ހަވާލުކޮށް ޤައުމުން ފޮނުވައިލީއެވެ. ނަމަވެސް އިންޑިއާގެ ސްޕްރީމް ކޯޓުން މިހާރު ވަނީ މައިންެގެ ރުހުމާއި ނުލައި ކުދިން ޤައުމުން ބޭރުކުރުން ހުއްޓުވައިފައެވެ.