ދީނުގެ ކަންކަމަށް މަޝްވަރާކުރުމަކީ ޢާއިލީ މަސްއޫލިއްޔަތެއް ކަމަށާއި ނަމަވެސް މިއަދު އެ މަސްއޫލިއްޔަތު އަދާކުރުމުގައި ގިނަ ބައަކު އިހްމާލްވަމުން އަންނަކަމަށް އައްޝައިޚް އަހްމަދު ފަހުމީ ދީދީ ވިދާޅުވެއްޖެއެވެ.
ޝައިޚް ފަހުމީ ވިދާޅުވީ ދިނުގެ ކަމަކާއިމެދު އެއްވެސް ސުވާލެއް އުފެދޭނަމަ އެކަމަކަށް ޢާއިލީ ފެންވަރުގައިވެސް މަޝްވަރާކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް އަހަރެއް ފާއިތުވެގެންދާއިރުވެސް ދީނުގެ ކަމަކާއިމެދު އާއިލާގެ ެމެދުގައި ސުވާލެއްކޮށް މަޝްވަރާ ކުރަނީ ކިތައް އާއިލާއިން ކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ.
ޝައިޚް ފަހުމީ ވިދާޅުވީ ދީނުގެ ކަންކަމަށް މަޝްވަރާ ނުކުރި ނަމަވެސް ޢާއިލާތަކުގެ ފެންވަރުގައާއި އޮފީސް މާހައުލުގައި އަދި އެނޫންވެސް ތަންތަނުގައި ދުނިޔަވީ، މާއްދީ ކަންތައްތަކަށް މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. އެކަންތައްތައް ކުރިއަރުވާނެ ގޮތްތަކުގެ މައުލޫމާތު ބަދަލުކުރަމުން ގެންދާ ކަމަށެވެ.
ޝައިޚް ފަހުމީ ވިދާޅުވީ ތިމާ އީމާންވެ ހެޔޮ އަމަލުތައް ކުރުމަކުން އެކަނި ނުފުދޭ ކަމަށާއި އެމީހަކަށް ވީވަރަކުން އިސްލާމް ދީން މަތިވެރިކުރުމަށް ޚިދުމަތްކުރަންޖެހޭ ކަމަށެވެ. އެގޮތުން ޢާއިލާގެ މީހަކު ރަނގަޅު ނޫން ކަމެއް ކުރާ ނަމަ އެމީހަކު ރުޅި ނުއަންނާނެ ގޮތްތަކަށް ވިސްނައިގެން އެމީހަކަށް ނަޞޭޙަތްދީ އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރަންޖެހޭ ކަމަށެވެ.
ޝައިޚް ފަހުމީ ވިދާޅުވީ ކީރިތި ޤްރްއާން ބަދަލުކޮށްގެން ޗާޕުކޮށް ދުނިޔޭގެ ކަންކޮޅުތަކުގައި ބަހަމުން ގެންދާ ކަމަށެވެ. އެލިޔުންތައް ފަތުރަން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް އެކަންކަން ކާމިޔާބު ނުވަނީ އިސްލާމް ދީނަށް ޚިދުމަތްކުރާ ބައަކު ތިބުމުން ކަމަށެވެ. އަދި ކޮންމެ މީހަކީވެސް އިސްލާމް ދީނަށް ޚިދުމަތްކުރާ މީހަކަށް ވުމަށް ގޮވާލައްވާ ކަމަށެވެ.