ޗައިނާގެ ކިބައިން ހޮންގކޮންގ މިނިވަންކުރުމުގެ ނަމުގައި ނުވަތަ ހޮންގކޮންގ އާއި ޗައިނާ ވަކިކުރުވަން ކުރާ ކޮންމެ މަސައްކަތެއް ޗައިނާއިން ފެއިލްކޮށްލާނެ ކަމަށް ރައީސް ޒީ ޖިންޕިން ވިދާޅުވެއްޖެއެވެ.
150 އަހަރަށްވުރެ ދިގު މުއްދަތެއްވަންދެން ހޮންގކޮންގ އަޅުވެތިކޮށްގެން ތިބި އިނގިރޭސިވިލާތުގެ ކިބައިން އެ ޤައުމުގެ މިނިވަންވެ ޗައިނާ އާއި ހަވާލުވުމަށް 20 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހޮންގކޮންގގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޒީ ޖިންޕިންގ ވިދާޅުވީ ޗައިނާ ސަރުކާރުން ވާނީ އިންތަކެއް ކަނޑައަޅާފައި ކަމަށެވެ. އަދި އެއިންތައް ނުވަތަ ރަތް ރޮނގު ހުރަސްކުރުމުގެ ފުރުޞަތު ނުދޭނެ ކަމަށެވެ.
ރައީސް ޒީ ވިދާޅުވީ ހޮންގކޮންގގެ "މަދަރލޭންޑް" އަކީ ޗައިނާ ކަމަށާއި އެކަމަށް ޤާނޫނުތަކެއް އެބަހުރި ކަމަށާއި އެޤާނޫނުތަކަށް އަބަދުވެސް އަމަލުކުރަމުން ގެންދެވޭނެ ކަމަށެވެ. ހޮންގކޮންގގެ މިނިވަންކަމާއި އިސްތިޤްލާލް ޗައިނާއިން އަބަދުވެސް ރައްކައުތެރިކޮށް ހިމާޔަތް ކުރާނެ ކަމަށް ރައީސް ޒީ ވިދާޅުވިއެވެ.
ރައީސް ޒީ ވިދާޅުވީ "ވަން ކަންޓްރީ- ޓޫ ސިސްޓަމްސް" ނިޒާމުގެ ތެރެއިން ފާއިތުވި 20 އަަހަރު ތެރޭގައި ހޮންކޮންގއަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައި ކަމަށާއި އެ ނިޒާމަކީ ހޮންގކޮންގއަށް އެންމެ ފައިދާހުރި ނިޒާމުކަން މިހާރުވެސް ވަނީ ސާބިތުކުރެވިފައި ކަމަށެވެ.