ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒިޒަށް ޚުޝާމަދު ކުރުމުގައި ހައްދުފަހަނައަޅައިދިއަ ނޫސްވެރިއެއް (ކޮލަމިސްޓެއް) ކަމަށްވާ ރަމަޟާން އަލްއެނެންޒީ ސަސްޕެންޑްކޮށްފިއެވެ.
އޭނާ ލިޔުނު ލިޔުމެއްގައި ޚުޝާމަދުކޮށްފައިހުރިވަރުން ސަލްމާން ރަސްގެފާނަކީ ކުޑަވަރެއްގެ ކަލާނގެއެއް ކަމަށް ވަނީ ސިފަވެފައެވެ.
މިކަމާއި ގުޅިގެން ސަލްމާން ރަސްގެފާނު އެޤައުމުގެ އިންފޮމޭޝަން މިނިސްޓްރީއަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ އެލިޔުމާއި އެ ލިޔުމުގެ ސުރުޚީ ވިދާޅުވުމުން ސިހުން ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެމަނިކުފާނަށް ތައުރީފް ކުރުމުގައި ހައްޤު ނޫން ބަސްތައް ލިޔަން ބޭނުންފުޅު ނުވާ ކަމަށާއި އެމަނިކުފާނު ކުރައްވަވާ ކަންކަމުގެ ވާހަކަތައް ލިޔަން އެދިވަޑައިގަންނަވަނީ ހަޤީޤަތާއި އެއްގޮތަށް އަދި ކުރެއްވި ޚިދުމަތެއްގެ ފެންވަރުގައި ކަމަށެވެ.
އަދި ނޫސްވެރިޔާ އާއިމެދު ނޫސްވެރިކަމުގެ ޤާނޫނުގައިވާ ފަދައިން ފިޔަވަޅުތައް އަޅުއްވައި މިފަދަ ކަންކަން ތަކުރާރު ނުކުރާނެ ފަދަ ގޮތަކަށް ނޫސްވެރިން އިސްލާހްކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިކަމާއި ގުޅިގެން ލިޔުން ހާމަކުރި ނޫހުން ވަނީ ކުށް ޤަބޫލުކޮށް މަޢާފަށް އެދިފައެވެ.