އެމެރިކާގެ ރައީސް ޓްރަމްޕް އަމަލުކުރަންފަށާފައިވާ ފަސްޓް އެމެރިކާ ސިޔާސަތުގެދަށުން އެމެރިކާގެ އެއާލައިންތަކަށް ފުރުޞަތު އިތުރުކުރަން ތަޢާރަފްކުރި "ލެޕްޓޮޕް ބޭން" ފެއިލްވެ އަބޫދާބީ އެއާޕޯޓަށް ލެޕްޓޮޕް ހުއްދަކޮށްފިއެވެ.
ޔޫއޭއީގެ ޤައުމީ އެއަލައިން އިއްތިހާދު އެއާވޭޒްގެ ކެބިންގައި މިހާރު ލެޕްޓޮޕް އުފުލޭނެ ކަމަށް އެމެރިކާއިން ބުނުމުން އަބޫދާބީ އިން ވަނީ އެކަމަށް މަރުހަބާ ކިޔައިފައެވެ.
އެމެރިކާއިން މިފަދަ ފިޔަވަޅެއް އެޅީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެއެވެ. ނަމަވެސް ހަމަ އެ އެއާޕޯޓުން ފުރާ އެމެރިކާގެ ފްލައިޓުތަކުގެ ކެބިންގައި ލެޕްޓޮޕް އުފުލުން ހުއްދަކޮށްފައި އޮތުމުން މިއީ ހީލަތްތެރި އަމަލެއް ކަމަށް ވަނީ ބެލެވިފައެވެ.
"މިސާލަކަށް ބަލާނަމަ ރިޔާޛް އެއާޕޯޓުން ފުރާ ސައުދީ އެއާލައިންގެ ފްލައިޓުގެ ވެސް އަދި އެމެރިކާ ފްލައިޓްތަކުގެ ވެސް ސެކިޔުރިޓީ ޗެކްތައް ކުރާނީ ރިޔާޛް އެއާޕޯޓުގެ މުވައްޒިފުން. އެމެރިކާގެ ސެކިޔުރިޓީ އޮފިސަރުންނެއް ނޫން އެމެރިކާގެ ފްލައިޓްތައް ޗެކްކުރާނީ."
އެމެރިކާގެ ފްލައިޓްތަކުގެ ވިޔަފާރި ރަނގަޅުކުރަން އެމެރިކާއިން ކުރިއަށް ގެންދާ ލެޕްޓޮޕް ބޭން މަޝްރޫއުން އަދި މިހައިތަނަށް އިސްތިސްނާކޮށްފައިވަނީ އިއްތިހާދު އެއާވޭޒްއެވެ.
އެމެރިކާއަށް ކުރާ ދަތުރުތަކަކީ އެތައް ގަޑިއިރެއްގެ ދިގު ދަތުރުތަކަކަށްވެފައި ގިނަ ބައަކު ދަތުރުކުރަނީ ރަސްމީ ބޭނުންތަކަށާއި ވިޔަފާރީގެ ކަންކަމަށް ކަމުގައިވުމުން ފަސިންޖަރުންނާއިއެކު ލެޕްޓޮޕް އުފުލުން އޮންނަނީ ވަރަށް މުހިންމު ކަމަކަށް ވެފައެވެ.