މެލޭޝިއާގައި ކިޔަވަމުން ދިޔަ އިންޑިއާގެ ފިރިހެން ދަރިވަރަކާއި ހަނގާކޮށް، ރޭޕްކުރުމުގެ ސަބަބުން މަރުވެއްޖެއެވެ.
އުމުރުން 18 އަހަރުގެ ނަވީން މަރުވީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ.
ބައެއް މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި ނަވީން އާއި އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ޕްރަވީން. ބުރާސްފަތި ދުވަހުގެ ރޭ ބަރގާ ޝޮޕަކުން ނިކުތްތަނުން، އެދެމީހުންނާއި އެއް ސްކޫލެއްގައި ތަޢުލީމް ހާސިލް ކުރަމުންދާ އެހެން ފަސް ދަރިވަރަކު އައިސް އެމީހުންނާއި ހަނގާ ކުރަން ފެށީއެވެ. ނަވީން އެމީހުން ގާތު އެކަން ހުއްޓާލުމަށް ބުނުމުން، އެމީހުންނަށް ހަމަލާ ދޭން ފެށިކަމަށާއި، އެވަގުތު ޕްރަވީން އެތަނުން ސަލާމަތްވެގެން ދުވެ ފިލީކަމަށް ވެސް ރިޕޯޓު ތަކުގައި ވެއެވެ.
ނަވީން އަށް ހަމަލާ ދެމުން އެމީހުން އެތާ ކައިރީގައި އޮތް ދަނޑެއްގެ ތެރެއަށް ނަވީން ގޮވައިގެން ދިޔަ ކަމަށާއި، އެތަނުން ދަނގަޑު ހޮޅިއެއް ބޭނުން ކޮށްގެން، ގިނައިރު ތަކެއް ވަންދެން ނަވީން އަށް ޖިންސީ ގޯނާ ކުރިކަމަށް ވެސް އެރިޕޯޓުތަކުގައި ވެއެވެ.
ދަނޑަށް ނަވީން އެއްލާލާފައި އޮތްތަން ކައިރި ގެއެއްގެ ބަޔަކަށް ފެނިގެން، ވަގުތުން ޕެނަންގް ހޮސްޕިޓަލަށް ނަވީން ގެންދިޔައެވެ. އެއިރު ނަވީން އޮތީ ޚަބަރު ހުސްވެފައެވެ. ނަވީން އަށް ލިބިފައި ހުރި ގެއްލުންތަކުގެ ސަބަބުން އޭނާ އައިސީޔޫ އަށް ލެވުނެވެ. ނަމަވެސް ލިބިފައި ހުރި ގެއްލުންތަކުގެ ސަބަބުން އައިސީޔޫ ގައި ނަވީން މަރުވި އިރުވެސް ހޭނާރައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި، ހަނގާކޮށް ރޭޕްކުރި އެފަސް މީހުން މިހާރު މެލޭޝިއާ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. ނަވީންގެ ސްކޫލް ޕްރިންސިޕަލް އާއި ޓީޗަރުން އަދި އެހެން ރަޙުމަތްތެރިން ވަނީ ހޮސްޕިޓަލަށް ގޮސް ނަވީން ގެ އާއިލާއާއިއެކު އެހިތާމާގައި ބައިވެރިވެފައެވެ.