ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)ގެ ދުވުންތައް މާލޭގެ ތޮށިގަނޑު ފަޅާލައި، ބޭރަށް ނުކުމެއްޖެއެވެ.
އެ ކުންފުނީގެ 7 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުންދާ އިރު، އެ ކުންފުނީގެ ޚިދުމަތް ހޯދަމުން އަންނަ ފަރާތްތަކަށް މިވަނީ އުފާވެރިކަމުގެ މެސެޖެއްދީފައެވެ.
"ރަން އިން މޯލްޑިވްސް"ގެ ނަމުގައި އައްޑޫސިޓީ އާއި ހައްދުންމަތީގައި ދުވުންތަކެއް ބޭއްވުމަށް ތާވަލުކޮށްފައިވާ އިރު، މި އިވެންޓުތައް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.
މި ސިލްސިލާގެ ދަށުން މި އަހަރުގެ ސެޕްޓެމްބަރު 15 އަދި16 ވަނަ ދުވަހު އައްޑޫގައި "ރަން އިން އައްޑޫ"ގެ ނަމުގައި ދުވުން ބާއްވާނެއެވެ. އަދި ލ. އަތޮޅުގައި ބާއްވާ ދުވުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 26 އަދި 27 ގައެވެ. މީގެ އިތުރުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮކާކޯލާ ލޯންގ ރަން އަންނަ އަހަރު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހުޅުމާލޭގައެވެ.
ޓީއެފްޖީ އިން ބުނީ އައްޑޫސިޓީ އާއި ހައްދުންމަތީގައި ބާއްވާ މި ދުވުމުގައިވެސް 5ކިލޯމީޓަރު ދުވުމާއި 10 ކިލޯމީޓަރު ދުވުމާއި 21 ކިލޯމީޓަރ (ހާފް މެރެތަން) އާއި42 ކިލޯ މީޓަރ (މެރެތަން) އޮންނާނެއެވެ.
މި ހުރިހާ އިވެންޓެއްގައިވެސް ދިވެހިންނާއި ބައިނަލްއަޤުވާމީދުވުންތެރިންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު އަންނަ މަހުގެ 1 ވަނަ ދުވަހު ހުޅުވާލާނެއެވެ. އަދި ރޭސް ނިންމާ ކޮންމެދުވުންތެރިއަކަށްވެސް މެޑެލް ދޭއިރު، ޓައިމިންގ ބަލާނީ އެ ކުންފުނީގެ ދުވުންތަކުގައި ޓައިމިންގ ބަލަމުން އަންނަ ބައިނަލްއަޤުވާމީމިންގަނޑަށް ޓައިމިންގ ޗިޕް ބޭނުންކޮށްގެންނެވެ.
އައްޑޫސިޓީގައި ބާއްވާ ރޭހުގައި ދުވާ ރޫޓް މިމަހުގެ 20 ވަނަ ދުވަހު ޓީއެފްޖީން އިޢުލާންކުރާ އިރު، މި ހަރަކާތް ބާއްވާނީ މިހާރުވެސް ބާއްވަމުން އަންނަ އުސޫލުން ރޭހެއްގެ ބަދަލުގައި ކޮމިއުނިޓީ ހަރަކާތެއްގެ ގޮތުގައި ކަމަށްވެސް ޓީއެފްޖީ އިން ބުންޏެވެ.
ދުޅަހެޔޮސިއްހަތު ޕްރޮމޯޓްކުރުމަށް ބާއްވާ މިދުވުން އޮންނަ ދުވަހުގެ ކުރީ ދުވަހު ކުޑަކުދިންގެ ހަވީރަކާއި ޢުމުރުންދުވަސްވީ މީހުންގެހިނގާލުމެއް ކޮމިއުނިޓީއާ ގުޅިގެން ބޭއްވުމަށް ވަނީ ނިންމާފައެވެ.
ރަން އިން އައްޑޫގެ އެންމެ މުހިއްމުބައިވެރިއަކަށްވާނީ ޓީއެފްޖީގެ ޑިރެކްޓަރ މުހައްމަދު މިސްތޯގެ ބައްޕަ އަދިއައްޑު އަތޮޅުގެ އަތޮޅުވެރިކަން ކުރައްވާފައިވާ، ފުޓްބޯޅައިގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެއް ކަމަށްވާ އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދު ފުޅު) އެވެ.