ރާއްޖޭގެ ޤައުމީ ވެޓެރެންސް ވޮލީ ޓީމެއް ފުރަތަމަފަހަރަށް މުބާރާތެއްގައި ވާދަކުރުމަށް ފުރައިފިއެވެ.
މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން މުޙައްމަދު ޝާފީ ވިދާޅުވީ މިއީ އަވަށްޓެރި ސްރީލަންކާގައި އޮންނަ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތް މާދަމާ ފަށާނެ ކަމަށެވެ.
އިންވިޓޭޝަނަލް ވެޓެރަންސް ވޮލީބޯލް ޓޯނަމެންޓުގައި ވާދަކުރާ ދިވެހިރާއްޖޭގެ ޤައުމީ ވެޓެރަންސް ވޮލީ ޓީމުގައި ރާއްޖޭގައި ކުލަބު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ކުޅުއްވާ ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ވޮލީކުޅުންތެރިން ހިމެނެއެވެ.
އެގޮތުން ޓީމުގެ ޓީމުގެ ކެޕްޓަންގެ މަޤާމު ޙަވާލުކޮށްފައިވަނީ މުޙައްމަދު އަނީސް (ތަރި އަނީސް) އާއެވެ. ވައިސް ކެޕްޓަނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއްސެޓަރ ކަމަށްވާ ފަތުޙުﷲ ވަޙީދެވެ.
ދިވެހި ޓީމުގައި ދެން ހިމެނެނީ އިބްރާހިމް ނިޒާރު، އަޙްމަދު ޝަރީފް، އަހްމަދު ނިޒާމް، އިބްރާހިމް ޢާދިލް، އިބްރާހިމް ޝަރީފް، އިބްރާހިމް ރަޝީދު، އަޙްމަދު ވަޙީދު، ސާމިލް އާދަމް، އަޙްމަދު އަދީލް، ފަލާހް އިބްރާހިމް، އިޙުސާން ނަޞީރުއެވެ.
މި ޓީމުގެ ކޯޗުގެ މަޤާމަށް ހަމަޖައްސާފައިވަނީ ވޮލީ އާއި ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސައްޔިތު ޢަލީއެވެ. އެސިސްޓެންޓް ކޯޗުގެ މަޤާމަށް ޢަބްދުލްޙަމީދު (ފިނިވާ ޙަމީދު) ހަމަޖައްސާފައިވާ އިރު، އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މުޙައްމަދު ރަމީޒުއެވެ.
މީގެ އިތުރުން މި މުބާރާތުގައި ރެފްރީކަން ކުރުމަށް ދިވެހިރާއްޖޭގެ ބައިނަލްއަޤުވާމީ ވޮލީ ރެފްރީ އަޙްމަދު ރަޝީދުވެސް ވަނީ މި ޓީމާއެކު މިއަދު ލަންކާއަށް ފުރާފައެވެ.