ޚުޠުބާ ފަށާފަހުން ގޮސް ކިތަންމެ ކުރިއަށް އެރިނަމަވެސް ހުކުރަށް ދިއަ ލިސްޓުގައި ނަމެއް ނުލިޔެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޚުޠުބާ ފަށާފަހުން ގޮސް ކިތަންމެ ކުރިއަށް އެރިނަމަވެސް ހުކުރަށް ދިއަ ލިސްޓުގައި ނަމެއް ނުލިޔެވޭނެ!
ކޮންމެ ބައްޕަ އަކާއި މަންމަ އަކުވެސް އެންމެ ބޮޑަށް އެދޭނެ އެއް ކަމަކީ އެމީހުންގެ ދަރިންނަކީ އިސްލާމް ދީނަށް ލޯބިކުރާ ދަރިން ކަމުގައި ވުމެވެ. އެކަމަށް އެދޭނަމަ ހުކުރު ނަމާދުން ވެސް ދަރިންނަށް ނަމޫނާ ދައްކައިދެވިދާނެއެވެ.

ހަފްތާގެ ދުވަސްތަކުގައި ނަމާދުގެ ވަގުތުތައް އަންނައިރު ބައްޕައިންނަށް އުޅެންޖެހެނީ ގެއިން ބޭރުގައި ކަމަށްވެދާނެއެވެ. ނަމަވެސް ޢާންމު ގޮތެއްގައި ހުކުރު ނަމާދުގެ ވަގުތު ޖެހޭއިރު ބައްޕައިން ތިބޭނީ ގޭގައެވެ. ދަރިންނަށް ފެންނަ ހިސާބުގައެވެ.

ކުރިއާލައި ދަރިން ގޮވައިގެން ހުކުރަށްދާ ބައްޕައިން ވެސް އުޅެއެވެ. ނަމަވެސް ގިނަ ބައަކަށް އަދިވެސް ދެވެނީ އިމާމް މީހާ ޚުޠުބާ ކިޔަން ފަށާފަހުންނެވެ. ދެވޭއިރު މިސްކިތުގައި ގިނަ ބައަކު ތިބެއެވެ. ޖާގަލިބުން އޮންނަނީ ދަތިކަމަކަށްވެފައެވެ.

އެހާލަތުގައި ޖެހެނީ ދަރިން ގޮވައިގެން ގިނަ ބައެއްގެ ކޮނޑުމަތިން ހިނގާށެވެ. ބައެއް މީހުންގެ ކޮނޑުގައި ފައިން ޖަހަމުންނެވެ. އިށީންނާނެ ޖާގައެއް ހޯދުމުގެ ބޭނުމުގައެވެ.

ދަރިންނަށް ދަސްކޮށް މިދެވެނީ ހަމަ އެންމެ ރަނގަޅު ގޮތް ކަމާއިމެދު ވިސްނައިލުން ކީއްތޯއެވެ! ތަންކޮޅެއް ކުރިއަށް ގެއިން ނުކުމެ ހުކުރު ނަމާދުގެ މުހިންމުކަން ދަރިންނަށް ދަސްކޮށްދިނުން ކީއްތޯއެވެ! ދަރިން ބޮޑުވެ އަމިއްލައަށް ހުކުރަށް ދާން ފަށަންވާއިރަށް މުހިންމު ފިލާވަޅަކަށް ނުވާނެތޯއެވެ!

އިމާމް މީހާ ޚުޠުބާ ކިޔަން ފެށުމުން މަލާއިކަތް ބޭކަލުން ހުކުރު ހާޒިރީގައި ހުކުރަށްދާ މީހުންގެ ނަންތައް ލިޔުއްވުން ހުއްޓަވާލައްވައެވެ.

އެހިސާބުން މިސްކިތަށްއަރައި ޖާގަތައް ފަޅަމުން ކޮނޑުތަކުގައި ފައިން ތަޅަމުން އެންމެ ކުރީ ސަފަށް އެރުނިއްޔާ ކުރާނީ ކޮން ފައިދާއެއްތޯއެވެ! ހުކުރު ހާޒިރީގައި ނަން ނޯޓުކުރުވޭނެތޯއެވެ! ޒިންމާދާރު ބައްޕައިން މިކަންކަމަށް ވިސްނައިލުން ކީއްތޯއެވެ! ދަރިއަކު ނުލައި އެކަނި ދާ މީހުން ވެސްމެއެވެ.

ބަރަކާތްތެރި ރަމަޟާން މަސް ނިމިގެންދިއައީއެވެ. ރަމަޟާން މަހު ހުކުރަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދިނީމުއެވެ. މެންދުރު ނަމާދަށް ބަންގި ގޮވުމުގެ ކުރިން ކޮންމެ ގޮތަކުން ނަމަވެސް މިސްކިތަށް ދެވޭތޯ ބެލީމުއެވެ. ގިނަ ބައަކު ތިބީ 12 ނުޖަހައިގެންނެވެ. 12 ޖަހަންވީއިރު މިސްކިތްތައް ދިއައީ ފުރެމުންނެވެ.

ރަމަޟާން މަސް މިވަނީ ނިމިފައެވެ. ޝައްވާލު މަސް ފެށިފައެވެ. ހުކުރު ދުވަހަކީ ހަމަ ހުކުރު ދުވަހެވެ. ހުކުރު ދުވަހަށާއި ހުކުރު ނަމާދަށް މާތްﷲ ދެއްވަވާފައިވާ މަތިވެރިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ.

ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. އީމާންކަން ވަރުގަދަ ކުރުމެވެ. އަޅުގަނޑުމެންގެ މައްޗަށް މާތްﷲ ފަރުޟު ކުރައްވަވާފައިވާ ކަންކަން އަދާކުރުމުގައި އިހްމާލު ނުވުމެވެ. ކޮންމެ އަޅުކަމަކުންވެސް ލިބެން އޮތް އެންމެ ބޮޑު މަތިވެރިކަމެއް ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.
މިއަދު އޮންލައިން