ސިހުރު ހެދުމާއި ސިހުރު ހެއްދުވުމަކީ މާތްﷲ ނަހީ ކުރައްވަވައި އަދި ލަޢުނަތް ލައްވަވާފައިވާ ކަމެއް ކަމަށާއި ސިހުރު ހަދާ މީހުންނަށާއި ސިހުރު ހައްދުވާ މީހުންނަށް ހުރީ ނަރަކަކަން ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވާފައިވާ ކަމަށް އިމާމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޚުޠުބާ ވިދާޅުވަމުން އިސްލާމީ މަރުކަޒުގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ވަނީ ކީރިތި ޤްރްއާނުން މިކަމުގެ ހެކި ދައްކަވައިފައެވެ. ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވި އާޔަތުގެ މައުނައީ "އެކަލާނގެ، އެއުރެން އެންމެން އެއްކުރައްވަވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން އެކަލާނގެ ވަޙީކުރައްވަވާނެތެވެ.) އޭ ޖިންނީންގެ ޖަމާއަތުގެ މީހުންނޭވެ! ތިއަބައިމީހުން އިންސާނުންގެ ވަރަށް ގިނަ މީހުންނަށް މަގުއޮޅުވައިލީމުއެވެ. ދެން އިންސީންގެތެރެއިން އެއުރެންގެ އެކުވެރިން ދަންނަވާނެތެވެ. އަޅަމެންގެވެރި ރަސްކަލާކޯއެވެ! އަޅުގަނޑުމެން އެއްބައަކު އަނެއް ބައެއްގެ ކިބައިން ފައިދާ ހޯދީމުއެވެ. އަދި އިނބަރަސްކަލާނގެ، އަޅުގަނޑުމެންނަށް ކަނޑައަޅުއްވައި ދެއްވަވާފައިވާ އަޖަލަށް އަޅުގަނޑުމެން ފޯރައްޖައީމުއެވެ.
އެކަލާނގެ ވަހީ ކުރައްވަވާނެތެވެ. ތިއަބައިމީހުން ތިބޭނެތަނަކީ ނަރަކައެވެ. ﷲ މިންވަރު ކުރެއްވެވި ވަގުތަކަށް މެނުވީ، އެއުރެން އެތަނުގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ވެރި ރަސްކަލާނގެއީ ޙަކީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން އެއުރެން ހޯދައިގަތް ކަމުގައިވި ކަންތަކުގެ ސަބަބުން، ތިމަންރަސްކަލާނގެ އަނިޔާވެރިން އެއް ބައަކު އަނެއް ބައަކާ މަތިކުރެއްވެވީމުއެވެ."
(މިއާޔަތުން ސިހުރު ހަދާ މީހުންނާއި ސިހުރު ހައްދުވާ މީހުންނަކީ އަނިޔާވެރިކަން ސާބިތުވެއެވެ. "ތިމަން ރަސްކަލާނގެ އަނިޔާވެރިން އެއް ބައަކު އަނެއް ބައަކާ މަތިކުރެއްވެވީމުއެވެ." ވަޙީކުރައްވަވާފައި އޮތުމުންނެވެ.
ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ ސިހުރަކީ ނެތް އެއްޗެއް ކަމަށް ނުބުނެވޭނެ ކަމަށާއި ސިހުރަކީ އޮތް އެއްޗެއްކަން ކީރިތި ޤްރްއާނުން ސާބިތުވާ ކަމަށެވެ. އަދި އެކަމުގެ ތަފްޞީލުތައް އިލްމުވެރިން ބަޔާންކޮށްދެއްވަވާފައިވާ ކަމަށެވެ.
ފަނާކުރަނިވި 7 ފާފަ، ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ބަޔާންކޮށްދެއްވަވައި އެ ފާފަތަކާއި ދުރުހެލިވުމަށް ބަޔާން ކުރައްވަވާފައިވާއިރު 2 ވަނައަށް ބަޔާންކުރައްވަވާފައިވަނީ ސިހުރު ހެދުމެވެ. އެ 7 ފާފައަކީ "ޝަރީކުކުރުމާއި ސިހުރު ހެދުމާއި ޙައްޤަކާއި ނުލައި މީހަކު މެރުމާއި ރިބާ ކެއުމާއި ޔަތީމުންގެ މުދާ ހައްޤަކާއި ނުލައި ކެއުމާއި ހަނގުރަމައިގެ މައިދާނުން ފިލުމާއި ޢިއްފަތްތެރި މުއުމިން އަންހެނުންނަށް ޤަޟްފް ކުރުމެވެ.
އިމާމް ވިދާޅުވީ ސިހުރު ހެދުމަކީ ކާފިރުކަމަށް ވާސިލުކުރާ ހަރާމް ކަމެއް ކަމަށެވެ. އަދި ސިހުރު ދަސްކުރުމަކީވެސް ހަރާމް ކަމެއް ކަމަށެވެ. އިމާމް ވަނީ ސިހުރު ހެދުމާއި ސިހުރާއި ގުޅުންހުރި ހުރިހާ ކަންކަމުން ދުރުހެލިވުމަށް ގޮވާލައްވައިފައެވެ.