މީހުންގެ ހައްޤުތަކާއި މުދަލުގެ ޙުރުމަތް ކެނޑުމަކީ މުޖުތަމައުތައް ފުނޑުފުނޑުކޮށްލާ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީގެ ދައުވަތަށް ރާއްޖެވަޑައިގެން އުޅުއްވާ ސައުދީ ދީނީ ޢިލްމުވެރިޔާ ޑރ. ޙަސަން ބިން ޢަބްދުލްކަރީމް ބުޚާރީ ވިދާޅުވެއްޖެއެވެ.
މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢުޒަމްގައި މިރޭގެ މަޣްރިބް ނަމާދަށްފަހު ދަރުސް ދެއްވަމުން ޑރ. ޙަސަން ވިދާޅުވީ މުސްލިމުންގެ ޙަޟާރަތު މަތިވެރިކުރުމަށާއި ޤަދަރު އުފުލައި ދެމެހެއްޓުމަށް އަދި ބާރުވެރިކުރުމަށް އެންމެ މުހިންމީ މީސްތަކުންގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް ބަދަހިކުރުން ކަމަށެވެ.
ޑރ. ޙަސަން ވިދާޅުވީ އިސްލާމީ މުޖުތަމައުތަކުގައި އެއްބައަކު އަނެއް ބައަކަށް އިޙްތިރާމްކުރަންޖެހޭނެ ކަމަށާއި އަދަބް އިޙްތިރާމް އަދާކުރުމަކީ އިސްލާމީ ޙަޟާރަތުގައި ހިމެނޭ ކަމެއް ކަމަށެވެ. އުޚުއްވަތްތެރިކަމަށް ބުރޫ އަރާނެ ހުރިހާ ކަންކަން ރަނގަޅުކުރަން ޖެހޭނެ ކަމަށެވެ.
"އަނިޔާވެރިވުމާއި ޣީބަ ބުނުމާއި ދޮގު ހެދުމާއި އެފަދަ އެންމެހައި ކަންކަން ވަނީ ޙަރާމް ކުރައްވަވާފަ. އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް އަނިޔާވެރިވުމާއި މުދަލުގެ ޙުރުމަތް ކެނޑުން ފަދަ އެންމެހައި ކަންތައްތަކުން ދުރުވާން އެބަޖެހޭ. މިކަންކަން އިސްލާމް ދީނުގައި ބަޔާން ކުރައްވަވާފައިވަނީ މިކަންކަމަކީ އިސްލާމީ މުޖުތަމައުތައް ފުނޑުފުނޑުކޮށްލާ ކަންކަމަށްވާތީ."
ޑރ. ޙަސަން ވިދާޅުވީ މުދަލާއި މެދުގައި ޚިޔާލުތަފާތުވުމަކީ ކުރިމަތިވާ ކަމެއް ކަމަށާއި ޚިޔާލުތަފާތުވެ ތިބެންޖެހޭ ދުވަސްތަކެއް ކުރިމަތިވި ނަމަވެސް ނަސަބުގެ ގުޅުން ދަމަހައްޓަން ޖެހޭނެ ކަމަށެވެ. އެކަމުގެ ސަބަބުން ޢާއިލީ ގުޅުން ކަނޑިގެން ނުދާނެ ކަމަށެވެ. އެއް ބައެއްގެ ގުޅުމަކީ ކެނޑިގެންދާނެ ގުޅުމެއް ނޫން ކަމަށެވެ.
ޑރ. ޙަސަން ވިދާޅުވީ ކޮންމެ މުސްލިމެއްގެ ކިބައިގައިވެސް ތިބާއަށްވުރެ ފުރިހަމަ ސިފަތަކެއް ހުރެދާނެކަމަށް ޤަބޫލުކުރަންޖެހޭނެ ކަމަށާއި އެސަބަބަށްޓަކައި އެއްވެސް މުސްލިމަކީ ތިމާއަށްވުރެ ދެރަ ނިކަމެތި މީހެއް ކަމަށް ޤަބޫލކޮށްގެން ނުވާނެ ކަމަށެވެ. ތިމާއަށްވުރެ ދެރަ ނިކަމެތި މީހެއް ނުވަތަ ތިމާއަށްވުރެ އުމުރުން ހަގު މީހެއްގެ ކިބައިގައިވެސް ތިބާއަށްވުރެ ފުރިހަމަ ގިނަ ކަންތައްތަކެއް ހުރެދާނެކަމަށް ބަލައި އަދަބު އިހްތިރާމް އަދާކުރަންޖެހޭނެ ކަމަށެވެ.
ީ ޑރ. ޙަސަން ވިދާޅުވީ މުސްލިމުންގެ އަޚްވަންތަކަމަކީ ނިމުމެއް ނެތް ކަމެއް ކަމަށެވެ. ދުނިޔެ ފެށުނީންސުރެ މާތްﷲ އަށް އީމާންވެގެން އުޅުނު މީހުންނާއި ތިމާއަށްފަހު އުފަންވާނެ މުއުމިނުންނަކީ ވެސް އަޚުން ކަމަށެވެ. އެކަމުގައި ހަސަބާއި ނަސަބަށް އަދި ޤައުމަށް ބެލުމެއް ނެތް ކަމަށެވެ.