ރާއްޖޭގެ އެންމެބާރު ދުވުންތެރިޔާ އަދި އޭޝިއާގެ 4 ވަނައަށް އެންމެބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ ފަލަމަސްގަނޑަކަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭޝިއަން ޗެމްޕިއަންޝިޕްގެ 200 މީޓަރ ރޭހުގައި ބައިވެރިއެއް ނުވެވުނެވެ.
އެ މުބާރާތުގައި 100 މީޓަރު ދުވުމުން 4 ވަނަ ހޯދި ސާއިދުގެ ފަޔަށް އެންމެ ފުރަތަމަ އަނިޔާވީ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގައި ދުވަނިކޮށް ބުރާސްފަތި ދުވަހުއެވެ. އެހެންނަމަވެސް ރިކަވަރީ އެއްދުވަހަށްފަހު ސެމީ ފައިނަލުގައި އޭނާ ވަނީ އިއްޔެ ދުވެފައެވެ. އަދި އަނެއްކާވެސް ތަދުބޮޑުވީ ފައިނަލުގައި ދުވަނިކޮށެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ޑޮކްޓަރާއި ކޯޗުވެސް ލަފާ ދިނީ 200 މީޓަރު ރޭހުގައި ނުދުވަން ކަމަށެވެ. އަދި ކަކުލުގެ މަތިން ފަލަމަސްގަނޑުން ފެށިގެން ބުޑު މަސްގަނޑާ ހަމައަށް އަރާފައިވާ ތަދާ އެކު ސާއިދު ދުވެފި ނަމަ އޭނާގެ މަސްގަނޑު އިރައިގެން ގޮސް ސީރިއަސް އަނިޔާއެއް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެހެންވެއްޖެ ނަމަ އޭނާއަށް މި މަހު ފަހުކޮޅު އޮންނަ މެލޭޝިއަން އޯޕަން އާއި އޮގަސްޓް މަހު އޮންނަ ވަރލްޑް ޗެމްޕިއަންޝިޕުން ފުރުޞަތު ގެއްލޭނެއެވެ.