މޯބައިލް މަނީގެ ޚިދުމަތް ދިނުމުގެ ލައިސަންސް އެމްއެމްއޭ އިން ދިރާގަށް ދީފިއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ މޯލްޑިވްސް ފިނޭންސް އެކްސްޕޯ 2017 ގެ ތެރެއިން މި ލައިސަންސް ދިރާގާއި ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް އެވެ. ލައިސަންސް އާއި ހަވާލުވެވަޑައިގަތީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދުއެވެ.
ދިރާގުގެ މާކެޓިންގ އެންޑް ޕީއާރު މެނޭޖަރު މުޙައްމަދު މިރުޝަމް ޙަސަން މިއަދު ވިދާޅުވީ ލައިސަންސް ލިބުމާއި ގުޅިގެން މޯބައިލް މަނީގެ ޚިދުމަތް ވީހައި އަވަހަކަށް ދޭން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި ވަރަށް އަވަސް މުސްތަޤްބަލެއްގައި ޚިދުމަތް ދޭން ފެށޭނެ ކަމަށެވެ.
މިރްޝަމް ވިދާޅުވީ "ދިރާގު ޕޭ"ގެ ނަމުގައި ތަޢާރަފްކުރާ މި ޚިދުމަތް ދޭން ފެށުމުން މޯބައިލް ފޯން މެދުވެރިކޮށް އެމީހަކު ބޭނުން ތަނަކަށް، ބޭނުން މީހަކަށް ފަސޭހަކަމާއިއެކު ފައިސާ ފޮނުވައިލެވޭނެ ކަމަށެވެ.