އަވަށްޓެރި ސްރީލަންކާގައި މިހާރުކުރިއަށްދާ ސިޔަނެ ތަރޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމަންޓުގައި ވާދަކުރާ ރާއްޖޭގެ ޓީމު މުބާރާތުގެ ފައިނަލަށް ދިޔައީ އެޤައުމުގެ އިލެކްޓްރިސިޓީ ބޯޑުގެ ޓީމާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ރާއްޖެއިން ގެނައީ 25-8، 25-12 އަދި 25-18 އިންނެވެ.
މި މުބާރާތުގައި ވާދަކުރާ ދިވެހި ޤައުމީ ވެޓެރަންސް ވޮލީ ޓީމުގެ ކެޕްޓަންކަން ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިއާ މުޙައްމަދު އަނީސް (ތަރި އަނީސް)އަށް ދީފައިވާ އިރު، ވައިސް ކެޕްޓަނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސެޓަރ އަދި ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) އެވެ.
ދިވެހި ޓީމުގައި ދެން ހިމެނޭ ކުޅުންތެރިންގެ ތެރޭގައި އިބްރާހީމް ނިޒާރު، އަހްމަދު ޝަރީފް، ނިޒާމް އަހްމަދު، އިބްރާހީމް އާދިލް، އިބްރާހީމް ޝަރީފް، އިބްރާހީމް ރަޝީދު، އިސްމާއިލް ޝިއާބު، ވަހީދު އަހްމަދު، ސާމިލް އާދަމް، އަހްމަދު އަދީލް، ފަލާހް އިބްރާހީމް އަބޫބަކުރު އަދި އިހްސާން ނަސީރު ފަދަ ރާއްޖޭގައި ކުލަބު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ވޮލީ ކުޅުއްވާފައިތިއްބެވި ފަރާތްތައް ހިމެނެއެވެ.
މި ޓީމުގެ ކޯޗުގެ މަޤާމު ސައްޔިދު ޢަލީ ފުރުއްވަމުން ގެންދަވާ އިރު، އެސިސްޓެންޓް ކޯޗަކީ ޢަބްދުލް ހަމީދެވެ. އަދި މެނޭޖަރަކީ މުހައްމަދު ރަމީޒް (ރާމްބެ) އެވެ.
ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ކުޅޭނެއެވެ. ފައިނަލްގައި ރާއްޖޭ ވާދަކުރާނީ ގަމްޕަހާ ސިޔަނަތަރު ޓީމާއެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ އެ މުބާރާތުގެ ތަށި ދިވެހި ޓީމުން ހޯދުމެވެ. އަދި މިހާރުހޯދާފައިވާ ކާމިޔާބީއަށްވެސް މިއަދުނޫހުގެ ފަރާތުންނާއި ދިވެހި އެންމެހާ ރައްޔިތުންގެ ނަމުގައި މަރުޙަބާއާއި ސާބަސް ރައްދުކުރަމެވެ.