އެމްއެމްއޭ އިން އިންތިޒާމުކޮށްގެން ދަރުބާރުގޭގައި ބޭއްވި މޯލްޑިވްސް ފިނޭންޝަލް އެކްސްޕޯ ،2017 ރާއްޖޭގައި މިހައި ތަނަށް ބޭއްވުނު އެންމެ ކާމިޔާބު އެކްސްޕޯގެ ގޮތުގައި މިރޭ ނިންމާލައިފިއެވެ.
ގަޑިޖެހިގެން 11:00 ގައި އެކްސްޕޯ ނިންމައިލި އިރުވެސް ގިނަ އަދަދެއްގެ ބައަކު ގެންދިއައީ މައުލޫމާތު ހޯދަމުންނެވެ.
އެމްއެމްއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސްޕޯއަށް 6000 ވަރަކަށް މީހުން ޒިޔާރަތްކުރި ކަމަށެވެ. މިއީ މިފަދަ އެކްސްޕޯއަކަށް ޒިޔާރަތްކުރި ރެކޯޑް އަދަދުކަން ފާހަގަކުރެވެއެވެ.
އެކްސްޕޯއަށް މިހައި ބޮޑު ޝައުޤުވެރިކަމެއް ލިބުނީ ގިނަ ބައަކު އެންމެ ބޮޑަށް ބޭނުންވެގެން ތިބި ގެދޮރުވެރިކަމާއި ގުޅުވައިގެން އެކްސްޕޯ ކުރިއަށް ގެންދިއުމުންނެވެ.
ދަރުބާރުގޭގެ މަތީބުރި އެކުގައި ޚާއްޞަކޮށްފައިވަނީ އެޗްޑީސީ އާއި ހުޅުމާލޭގައި ފްލެޓްތައް ތަރައްޤީކުރަމުން ގެންދާ ކުންފުނިތަކަށެވެ. ކޮންމެ ސްޓޯލަކުންވެސް ވަނީ އެފަރާތަކުން އިމާރާތްކުރާ ފްލެޓްތަކާއި އަދި އެތަންތަނުގެ އަގާއި ގަނެވޭނެ ގޮތުގެ މައުލޫމާތު އޮޅުންފިލުވައިދެމުންނެވެ.
ރާއްޖޭގެ އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ބޭނުންވެގެން ތިބީ ގެދޮރުވެރިކަމަށް ކަމުގައިވެފައިވާއިރު ބޭންކުތަކުންނާއި ފިނޭންސް ކުންފުނިތަކުން ގެންދިއައީ އެތަންތަނުން ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމާއިބެހޭ މައުލޫމާތު ހާމަކުރަމުންނެވެ. އަދި އިންޝުއަރެންސް ކުންފުނިތަކުން ވަނީ އިންސުއަރެންސް ކުރުމާއި ބެހޭ މައުލޫމާތު ފޯރުކޮށްދީފައެވެ.
އުރީދޫ އާއި ދިރާގު ފަދަ ކުންފުނިތަކުންވެސް އެކްސްޕޯގައި ބައިވެރިވެ ކުންފުނިތަކުން ދެމުން ގެންދާ ޚިދުމަތްތަކާއި ބެހޭ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
މިފަދަ އިތުރު އެކްސްޕޯތަކަށް ރައްޔިތުންގެ ގިނަ ބއަކު ތިބީ އެދިއެދިއެވެ.