މިއަހަރުގެ މާރޗް މަހުގެ އަށްވަނަ ދުވަހު (އަންހެނުންގެ ދުވަހު) ޔާރާ ޕްރޮޑަކްޝަންސް އިން ރިލީޒް ކުރި ދިވެހި ފިލްމު "ވިޝްކާ" އަކީ އެފިލްމުގެ ޕްރޮޑިއުސަރ އައިޝަތު ރިޝްމީގެ މިލްކުވެރި ފިލްމެއްކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
"ވިޝްކާ" ގެ ވާހަކައާއި ސްކްރީންޕްލޭ އަކީ ކެމެރާމަން ހަސަން ހަލީލް (ކޮކޯ) ގެ އެއްޗެއްކަމަށް އޭނާވަނީ ކުރިން ދައުވާ ކޮށްފައެވެ.
އެފިލްމުގެ ވާހަކައާއި ސްކްރީންޕްލޭއަކީ ފިލްމުގެ ވާހަކަ ލިޔުނު އަބްދުﷲ ވިޝާމް އާއި ސްކްރީންޕްލޭ ތަްއޔާރުކުރި މަހުދީ އަހުމަދުގެ އަތުން ގަނެފައިވާ އެއްޗެއް ކަމަށް ބުނެ ދައުވާ ކުރުމުން، ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައިވަނީ ރިޝްމީގެ ފަރާތުން ވިޝާމަށާއި މަހުދީއަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާފައިވާ ކަމަށް އެދެމީހުންވެސް ބުނެފައިވާ ކަމަށެވެ.
މީގެއިތުރުން އެހުކުމުގައިވަނީ "ވިޝްކާ" ގެ ވާހަކަ 5000ރ. އަށް ރިޝްމީއަށް ވިއްކުމަށް ވިޝާމާއި ރިޝްމީއާއި ދެމެދު އެއްބަސްވުމެއް އޮތްއިރު އެފިލްމުގެ ސްކްރީންޕްލޭގެ ހުރިހާ ރައިޓްސްއެއް 14،000ރ. އަށް ވިއްކުމަށް މަހުދީއާއި ދެމެދު އެއްބަސްވުމެއް އޮތް ކަމަށެވެ. އަދި އެ ދެ އެއްބަސް ވުމުގެ ދަށުން ރިޝްމީ ދައްކަންޖެހޭ ހުރިހާ ފައިސާއެއް އެ ދެ މީހުން ދައްކާފައިވާ ކަމަށް ވެސް ހުކުމްގައިވެއެވެ.
އެހެންކަމުން ފިލްމު "ވިޝްކާ" ގެ ވާހަކައާއި ސްކްރީންޕްލޭގެ މިލްކުވެރިއަކީ އެފިލްމުގެ ޕްރޮޑިއުސަރ އަދި ކުޅަދާނަ އެކްޓަރ އައިޝަތު ރިޝްމީ ކަމަށް އެހުކުމްގައި ވެއެވެ.