އޭކޭއެޗް ގެ ފަރާތުން ބާއްވަމުން އަންނަ މިޑްނައިޓް ރަން މިއަހަރު ބޭއްވޭނެކަމާމެދު ޝައްކު ސުވާލުއުފެދިއްޖެއެވެ.
މާލޭގައި ބާއްވަމުން އަންނަ މި އިވެންޓު މިއަހަރު ހުޅުމާލޭގައި ބޭއްވުމަށް ނިންމާ، ތިން ފަހަރެއްގެ މަތިން ވަނީ ބާއްވާނެ ތާރީޚު އިޢުލާނުކޮށްފައެވެ.
އެގޮތުން ފުރަތަމަ ތާރީޚަކަށް އިޢުލާން ކުރީ މިއަހަރުގެ މާރޗު މަހުގެ 16 އެވެ. ދެން މެއި މަހުގެ 18 ވަނަ ދުވަހެވެ. އެންމެފަހުން ކޮށްފައިވަނީ މި މަހުގެ 13 ވާ ބްރާސްފަތި ދުވަހުގެ ރޭ ބާއްވާނެ ކަމަށެވެ. ނަމަވެސް މުޢުތަބަރު ފަރާތްތަކުން ޚަބަރުލިބޭ ގޮތުގައި މިއީވެސް އަދިބޭއްވޭނެ ތާރީޚެއް ނޫނެވެ.
މަޢުލޫމާތު ލިބޭގޮތުގައި އަދިވެސް މިއިވެންޓުގެ މެއިން ސްޕޮންސަރއެއް ހަމަނުޖެހެއެވެ. އެހެންކަމަށްވާނަމަ، މި މަހުގެ 13 ވާ ބްރާސްފަތި ދުވަހުގެ ރޭ ބޭއްވޭނެ ގޮތަކީ ވަރަށް ނާދިރު ކަމެއްކަމުގައި ބެލެވެއެވެ. އަނެއްކަމަކީ މިއީ ބޮޑު ހަރަކާތަކަށްވާ އިރު، ފާއިތުވި އަހަރުތަކުގައި އިންތިޒާމުތައް ރާވާފައިވާލެއް ދޯދިޔާކަމެވެ.
ވޯޓަރ ޕޮއިންޓު (ފެން ދިނުމަށް ޚާއްޞަ މޭޒު) ކައިރީގައި މީހުން ނުތިބުމާއި ރޭސް ނިންމާ ގަޑި ނޭނގުމުގެ މައްސަލައަކީ މީގެ ކުރިން ދެ ފަހަރުވެސް ކުރިމަތިވެފައިވާ މައްސަލަތަކެވެ. ކޮންމެ ފަހަރަކުވެސް ބުނަމުން އަންނަނީ ޓައިމިންގ ބެލުން ކުރީއަހަރަށްވުރެ ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް އެބުނާ "ރަނގަޅު" ކަމެއް ޢަމަލުން ފެނިގެނެއް ނުދެއެވެ.
ދެން އޮތް ކަމަކީ މިއަހަރުގެ ދުވުމަށް ބައެއް ބައިވެރިންގެ އަތުން ފައިސާ ނަގާފައިވާތީ، އެ ފައިސާ އަނބުރާ ލިބޭނެތީ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ. ފައިސާ ދައްކާފައިވާ ބައެއް މީހުން ބުނީ ޔަގީން ތާރީޚެއް އަދިވެސް ނާންގާ ކަމަށާއި އެހެންވެ ދައްކާފައިވާ ފައިސާ އަނބުރާ ހޯދަން ބޭނުން ކަމަށެވެ.
އެހެންނަމަވެސް ދުވުން އިންތިޒާމުކުރާ ފަރާތުން ވަކިއެއްޗެއް އެފަރާތްތަކަށް ނާންގާ ކަމަށާއި ގިނަ ފަހަރަށް ފޯނަށް ޖަވާބުވެސް ނުދޭ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
މިކަމުގެ މަޢުލޫމާތު ހޯދުމަށް މިއަދުނޫހުންވެސް އެ އިވެންޓު އިންތިޒާމުކުރާ ފަރާތަކާއި ގުޅުމުން ބުނީ އެ އިވެންޓު ބާއްވާ ތާރީޚަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ ފައިސާގެ މައްސަލައެއް ދިމާވެގެން ކަމަށާއި އިވެންޓު އަލުންބާއްވާނެ ތާރީޚެއް އަންނަ ހަފުތާގައި އިޢުލާނު ކުރާނެ ކަމަށެވެ.
ކޮންމެއަކަސް ދުވުމަކީ މިހާރު ރާއްޖޭގައިވެސް މަޤުބޫލުކަމާއެކު ގިނަ ބަޔަކު ކުރަމުން އަންނަ ކަމަކަށްވާ އިރު، މިފަދަ ކަންކަމުން މީހުންގެ އިތުބާރާއި ޔަގީންކަން ހޯދަންޖެހެއެވެ.
ފަސް ކިލޯ މީޓަރ އާއި 10 ކިލޯ މީޓަރ އަދި 21 ކިލޯ މީޓަރގެ ދުވުން ހިމަނާފައިވާ މިޑްނައިޓް ރަން އަކީ ގިނަ ބަޔަކު އިންތިޒާރުކުރާ ދުވުމެކެވެ. ނަމަވެސް މި ދުވުން ވައިގާ ހިއްޕާލެވޭގޮތް ނުވެގެން މިއުޅޭ ސަބަބު ދިރާސާކޮށްގެންނަމަވެސް ބަލަން ޖެހެއެވެ.