ޢަބްދުލް ފައްތާޙް އޭ ބުނުމުން ނޭނގޭނެ މީހުން ވަރަށް މަދުވާނެއެވެ. "ހިމޭންދުނިޔެ"، "އާދޭސް" އަދި "ވާ ލޯބި އެނގޭނަމަ" ފަދަކާމިޔާބު އެތަކެއް ފިލްމުތަކެއް އުފައްދާފައިވާ އެކްޓަރ އަދި ޕްރޮޑިއުސަރ ޢަބްދުލް ފައްތާޙުގެ އެންމެ ފަހުގެ ފިލްމު "ޙައްދު" ނެރޭނެ ދުވަހަކަށް ބެލުންތެރިން ކެތްމަދު ވެފައިވާއިރު، އުފާވެރި ޚަބަރަކީ އެފިލްމުގެ %70 ޝޫޓިންގ މިހާރުވެސް ނިމިފައިވާ ކަމެވެ.
"މިއަދުނޫހަށް" މަޢުލޫމާތު ދެމުން ފައްތާޙު ބުނިގޮތުގައި، "ޙައްދު" ގެ %70 ޝޫޓިންގ ނިމި، ޕްރޮމޯޝަން މަސައްކަތްތަކަށް ދަނީ ތައްޔާރުވަމުންނެވެ.
"'ޙައްދު' އަކީ ރިކޯޑް ބްރޭކިންގ ފިލްމަކަށް ހެދޭތޯ އެންމެންވެސް މަސައްކަތް ކުރަމުން މިއަންނަނީ. އެގޮތުން މިހާރު ފިލްމުގެ %70 ޝޫޓިންގ މިވަނީ ނިމިފައި. މިހާރު މިތައްޔާރު ވަމުންދަނީ ރިސޯޓް ޝޫޓިންގ ތަކާއި ސަފާރީއެއްގައި ނަގާ ޝޫޓިންގ ތަކާއި މާލޭގެ ޝޫޓިންގ ތަކަށް. ޚާއްސަކޮށް ރިޝްފާގެ ޝޮޓްތަކަށް" ފައްތާހު ބުންޏެވެ.
"ޙައްދު" ގެ ލީޑް ކާސްޓުންނަށް ބާލާލާއިރު، މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ އަލިގަދަކޮށް ފިޔަޖަހަމުންދަ ފިލްމީ ތަރި މަރިޔަމް އައްޒަ ހިމެނެއެވެ. އައްޒަގެ އިތުރުން ދެން މިފިލްމުން ފެނިގެންދަނީ އެހަށިގަނޑެއް ފެނިގެން މިހާރުވެސް ގިނަ އަންހެން ކުދިން ދީވާނާވެފައިވާ އަޙްމަދު ޝިބާން އެވެ. މި ދެތަރިންގެ އިތުރުން އާމިނަތު ރިޝްފާ ގެ މުހިންމު ރޯލެއް މިފިލްމުން ފެނިގެންދާއިރު، އަލީ އާޒިމް (ދޮން އައްޔަ)، މުޙައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، ފައުޒިއްޔާ ހަސަންގެ އިތުރުން މުޅިން އައު ތަރިއެއް ވެސް މިފިލްމުން ފެނިގެންދާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް އެއީ ފާއްތާހުގެ ސަޕްރައިޒް އެކެވެ.
ފިލްމުގެ ޝޫޓިންގ މިހާތަނަށް ނަގާފައިވަނީ ހއ. އުތީމާއި އެއަތޮޅު ކެލާ އާއި، ރ. އަނގޮޅިތީމު އަދި ހަމަ އެއަތޮޅު ވާދޫގައެވެ. ފިލްމުގެ ތީމް ލަވައާއިއެކު މުޅިއަކު ފަސް ލަވަ ހިމެނޭނެއެވެ. މިލަވަތަކުގެ ލިރިކްސް ހަދާދީފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އެވެ. އަމިއްލަ ރާގުތަކެއް ހިމެނިގެންވާ މިލަވަތަށް ކިޔާފައިވަނީ ތޭރަވާ އަދި މަރިޔަމް އަޝްފާ އެވެ. ޕްރޮމޯޝަނަލް ލަވަ ކިޔާ ދީފައިވަނީ އަހްމަދު ޔާފިއު އެވެ.
ޢަބްދުލް ފައްތާހު ބުނިގޮތުގައި ފިލްމު "ޙައްދު" އަށް ފަސް ލައްކަ އެއްހާ ރުފިޔާ ޚަރަދުވާނެއެވެ.
މިފިލްމު ޕްރިމިއާރ ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު އޮލިމްޕަސް ސްކްރީންގައެވެ.