އެއަރ އޭސިއާގެ ފްލައިޓެއް އުދުހެމުން ދަނިކޮށް އިމަރޖެންސީ ދޮރު ހުޅުވައިގެން ބޭރަށް ފުންމާލަން އުޅުނު ފަސިންޖަރަކު ހުއްޓުވަން މަސައްކަތްކުރި ބައަކަށް އަނިޔާވެއްޖެއެވެ.
ހޯމަ ދުވަހު ދިއްލީން ފުރައިގެން ރާންޗީ ސިޓީއަށް ދަތުރުކުރި ފްލައިޓުން ދަތުރުކުރި ފަސިންޖަރެއްކަމަށްވާ އުމުރުން 32 އަަހަރުގެ އަފްތާބް އަހްމަދު ކުއްލިއަކަށް ތެދުވެ އިމަރޖެންސީ ދޮރު ހުޅުވަން މަސައްކަތްކުރުމުން ފަސިންޖަރުންނާއި ކްރޫން ވަނީ އޭނާ ހުއްޓުވަން މަސައްކަތްކޮށް އެކަން ކުރިއަ ނުދީފައެވެ.
ފްލައިޓް ޖައްސަންދެން އޭނާ ބައިންދަން ޖެހުނީ އެފަދަ ކަމެއް ނުކުރެވޭނެ ސަރަހައްދެއްގައި ހުރި ގޮނޑިއެއްގައި ބަނދެފައެވެ.
ފްލައިޓް ޖެއްސުމާއިއެކު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާ އެކަންކުރަން އުޅުނު ސަބަބާއިބެހޭ އެއްވެސް ތަފްޞީލެއް އަދިވެސް ހާމައެއް ނުކުރެއެވެ.
އޭނާއަކީ ރާންޗީގެ ރައްޔިތެކެވެ. އެހެންކަމުން ރާންޗީއަށް ޖައްސަން ކައިރިވެފައިވަނިކޮށް ފްލައިޓުން ފުންމާލަން އުޅުނު ސބަބާއިމެދު ވަނީ ސުވާލު އުފެދިފައެވެ.
އަޚްލާޤީ ގޮތުން ދަށު ފެންވަރުގެ އަމަލުތައް ކުރާ މީހުންގެ ލިސްޓެއް ހަދައި އެފަދަ މީހުންނަށް ފްލައިޓުތަކުގައި ދަތުރު ނުކުރެވޭނެ ގޮތް ހެދުމަށް އިންޑިއާއިން ދަނީ މަސައްކަތްކުރަމުންނެވެ.