ނޯޓީ 40 ގެ ތިން ޓްރެއިލަރ ވެސް އެހާމެ ރީތިވެފައި ލަވަތަށް އެހާމެ ހިތްގައިމު

ކިޔުމަށް ހޭދަވާނީ 2މ 44ސ
ނޯޓީ 40 ގެ ތިން ޓްރެއިލަރ ވެސް އެހާމެ ރީތިވެފައި ލަވަތަށް އެހާމެ ހިތްގައިމު
އެންވިޝަން އެންޓަރޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަންސް ގުޅިގެން އުފައްދާފައިވާ. މިއަހަރުގެ އަދި މިހާތަނަށް ނެރޭ "އެންމެ ބޮޑު ފިލްމު" ކަމަށްވާ "ނޯޓީ 40" ގެ އޮފިޝަލް ތިން ޓްރެއިލަރ އާއި ޕްރޮމޯޝަނަލް ޕޯސްޓަރުތަށް ރޭ ލޯންޗުކޮށްފި އެވެ.

އެންވިޝަން އެންޓަރޓެއިންމެންޓް ގެ ފުރަތަމަ ފިލްމު ކަމަށްވާ "ބައިވެރިޔާ" ގެ ޚާއްސަ ޝޯވ އެއް ރޭ އޮލިމްޕަހުގައި ދައްކާލާފައިވާއިރު، އެޝޯވ ދައްކާލުމުގެ ކުރިން ވަނީ "ނޯޓީ 40" ގެ އޮފިޝަލް ތިން ޓްރެއިލަރ އާއި ޕްރޮމޯޝަނަލް ޕޯސްޓަރުތަށް ދައްކާލާފައެވެ. އަދި ފިލްމުގައި ހިމެނޭ ފަސް ލަވައިގެ ތަންކޮޅެއްވެސް ވަނީ އަޑު އިއްވާލާފައެވެ.

މަޝްހޫރު އެކްޓްރެސް ނިއުމާ މުހައްމަދު އާއި އިސްމާއިލް ޝަފީޤް ޕްރޮޑިއުސް ކޮށްފައިވާ މިފިލްމު ޑައިރެކްޓް ކޮށްފައިވަނީ އެފަދަ ދެވަނައެއް ނުވާ ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ. އަދި އެސިސްޓެންޓް ޑައިރެކްޓަރ ކަން ކޮށްދެއްވާފައިވަނީ މުޙައްމަދު މަނިކު އެވެ.

އޯގަސްޓް މަހުގެ 2ވަނަ ދުވަހު ރިލީޒް ކުރެވޭ މިފިލްމުގެ އޮފިޝަލް ތިން ޓްރެއިލަރ އާއި ޕޯސްޓަރު ރިލީޒް ކުރުމަށް ރޭބޭއްވުނު މިޚާއްސަ ޚަފްލާގައި ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރ ޝަފީޤް ބުނީ، އޭނާ އާއި ނިއުމާ ޕްރޮޑިއުސްކުރި "ބައިވެރިޔާ" ފިލްމާއި ބަލާފައި، އެފިލްމުން މަދުވި ބައެއް ރަހަތަށް "ނޯޓީ 40" ގައި ހިމަނާފައިވާނެ ކަމަށެވެ.

ފިލްމު އަންނަމަހު ރިލީޒް ކުރުމަށް ތައްޔާރުވެ ޓިކެޓް މިހާރު އޮލިމްޕަހުން ވިކެމުންދާއިރު، ފިލްމާއި ބެހޭ ގޮތުން ފިލްމުގެ ޑައިރެކްޓަރ ޔޫއްޕެ ބުނީ ފިލްމު އެއްކޮށް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ފިލްމު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކުޑަކޮށް "ޕޮލިޝް" ކޮށްލުން ކަމަށެވެ.

ފިލްމުގެ އެސިސްޓަންޓް ޑިރެކްޓަރ މަނިކު ބުނެފައިވަނީ "ޔޫއްޕެގެ މަސައްކަތް ފުރިހަމަކަމުން އެސިސްޓަންޓް ޑައިރެކްޓަރަކަށް ޙަޤީޤަތުގައި ބުނާކަމަށްވަންޏާ މާބޮޑު މަސައްކަތެއް ނުހުންނަވަރަށް ޔޫއްޕެގެ މަސައްކަތްތަށް ރާވާފައިވާ" ކަމަށާއި "އެހެންނަމަވެސް މިއީ ވަރަށް ގިނަ ތަރިންތަކަކާއިއެކު ކުރެވުނު ވަރަށް ރަނގަޅު ތަޖުރިބާއެއް" ކަމަށެވެ.

ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ތަޖުރިބާކާރު ބައެއް ތަރިންނާއިއެކު އަދި މުޅިން އައު މޫނުތަކަކާއިވެސް އެކީ، މިފިލްމުގައި މުޅިއަކު 16 ތަރިން ހިމެނެއެވެ. އޭގެ ތެރޭގައި މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ހިމެނޭ މަރިޔަމް އައްޒަ އާއި ނިއުމާ، އަޒްލީފާ (އަޒޫ)، ޔޫއްޕެ، ސީޒަން، ސައީދު، ސްޓެޕްސް އައްޔަ، ނުޒޫ، ރިފްޝާން، ޖިމީ، އާޒިމް، މަނިކު، ނުޒޫ، މާރިއާ ޓެރެސާ އަދި ސޯޝަލް މީޑިއާގައި ހަމަ ގައިމުވެސް އޮޅިފައިނުވާ ލިއަމް ޖޯން (އެލްޖޭ) ހިމެނެއެވެ. އަދި އަލަށް ތަޢާރަފްވާ ގުލިސްތާން އާއި ޝަރީފް ވެސް ހިމެނެއެވެ.

ނޯޓީ 40 ގެ ޕްރިމިއަރ ނައިޓްގެ ޓިކެޓުގެ އަގަކީ 200 ރުފިޔާއެވެ. އެހެން ޝޯވ ތަކުގެ އަގަކީ 100 ރުފިޔާއެވެ. މިފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުގައި ވިކެމުންދާއިރު، ޓިކެތް ބުކް ކުރަން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 7530055 ނަންބަރު ފޯނަށެވެ.

https://www.facebook.com/1867399896873430/videos/1956789017934517
މިއަދު އޮންލައިން