ރޯމަސް ކެއި ދުވަހުގެ ފަހުން، އަހަރެން ދައްތަ ދެކެ ވަރަށް ބިރުގަންނަން ފެށިއެވެ. ދައްތައަށް ވެސް އެކަން އިޙުސާސް ކުރެވިގެން، އަހަންނާއި ދިމާލަށް ބަލަނީ ވަރަށް އެހެން ކަހަލަ ގޮތަކަށެވެ. ހީވަނީ އަހަރެން ދެކެ ވަރަށް ބޮޑަށް ނަފްރަތު ކުރާ ހެންނެވެ. ނަމަވެސް އެހާ ފަސޭހައިން އަހަންނަށް ގޮތެއް ނުހަދާ، ކުދި ކުދި ޖެއްސުން ކޮށްގެން އަހަންނަށް އުނދަގޫ ކުރާހެން ހީވިއެވެ.
ޗުއްޓީ ނިމެން ހަތަރު ވަނައަށް ވީދުވަހެވެ. އެއީ ހޮނިހިރު ދުވަހެކެވެ. އެންމެންވެސް ނިންމީ އެރަށް ކައިރީގައި އޮތް ފަޅު ރަށަކަށް ދަތުރަކު ދާށެވެ. އެހެންވެ އެދުވަހުގެ ހެނދުނު 10 ޖަހާކަން ހާއިރު އެރަށަށް ދާން ދަތުރު ހަދާ، 11 ޖެހިއިރު ފުރީމެވެ. އެކުޑަ ރަށަށް ދެވުނީ ގާތްގަނޑަކަށް 15 މިނެޓުންނެވެ. އެއީ ވަރަށް ރީތި ރަށެކެވެ. ގޮނޑުދޮށް ހީވަނީ ހުދު ވެލިން ކާޕެޓެއް އަޅާފައިވާ ހެންނެވެ. އެރަށުގެ ކުޑަމިނަށް ބަލާފައި ބުނެވޭނީ، އެއީ ވަރަށް ގަސް ގިނަ ރަށެއް ކަމަށެވެ. އެހާމެ ފެހިކަން ގަދައެވެ. މޫދު ފެނުނަސް، އެރޭހިތުން މޮޔަވާވަރު ވެއެވެ. ލޮނުގަނޑު އެހާމެ ސާފުވެފައި ރީއްޗެވެ.
ރަށަށް ފޭބުމަށްފަހު އަހަރެން އެންމެ ފުރަތަމަ ވެސް ދާން ބޭނުންވީ މޫދަށެވެ. ނަމަވެސް މަންމަ ބުނީ އެންމެ ފުރަތަމަ ކައްކައިގެން ކާނީ ކަމަށާއި، މަންމައަށް އެހީވުމަށެވެ. ދައްތަ ކައިރީގައި ވެސް މަންމަ ބުނީ އެހެންނެވެ. ދައްތަވެސް އެކަމާއި އެއްބަސްވެ ކެއުމުގެ ކަންތައް ހަމަޖައްސަން ދިޔައެވެ. ކުޑަކޮށް ޖެހިލުންވެ ހުރެ އަހަރެންވެސް ދިޔައީމެވެ.
ފިޔަލާއި އެއްޗެހި ކޮށަން ތައްޔާރު ކުރަނިކޮށް މަންމަ ބުނީ ދައްތައާއި ދެމީހުން ދަރުހޮވަން ވަލުތެރެއަށް ދިޔުމަށެވެ. ދައްތައޭ ވަލުތެރެއޭ ބުނުމުން އަހަންނަށް ބިރުން ގޮސް ލިބުނީ ޝޮކެކެވެ. ދައްތައާއި އެކީ އެއް ނޫނޭ، އެގޭ ބޭބެއާއި އެކީ ދާނަމޭ އަހަރެން ބުނީމެވެ. ދަރުބަނޑި އުފުލޭނީވެސް ފިރިހެނަކަށް ނޫންހޭ ބުނުމުން ނަސީބަކުން މަންމަ އެކަމަށް އެއްބަސްވިއެވެ. ލާނެތް ގޮތަކަށް ހޭންފަށާފައި ދައްތަ ބުނީ ޙަޤީޤަތުގައި އަހަރެން މިހާރު ދައްތަ ދެކެ ބިރު ގަންނަނީ ކަމަށާއި، އެހެން އުޅެންޏާ އެއްދުވަހުން އަދި "ލަނޑެއް ދޭނަން" ކަމަށެވެ. އަހަރެން ބިރުން ދެލޯބޮޑުވިއެވެ. ނަމަވެސް އެކަމާއި އެހާ އަޅާނުލާ ކަމަށް ހަދާފައި ބޭބެއަށް ގޮވަން އަތިރިމައްޗަށް ދިޔައިމެވެ.
އެތަނުން ބޭބެ ނުފެނިގެން ހޯދަނިކޮށް ބޭބެ ފެނުނީ އެއްގަމުގައި ރުކެއްގެ ދަށުގައި ކާށި ހޮވަން ހުއްޓައެވެ. އެހެންކަމުން ބޭބެ ކައިރިއަށް ގޮސް މަންމަ ބުނެގެން އަހަންނާއިއެކީ ދަރުހޮވަން ދާން ހިނގާށޭ ބުނީމެވެ.
ބޭބެއާއި އަހަންނާއި ވަލުތެރެއަށް ގޮސް ދަރުކޮށަން ފެށީމެވެ. ވަރަށް މަޖާ އެކިއެކި ވާހަކަތަށް ދައްކަމުން ދެމީހުން ސަކަރާތް ޖަހަމުން މަންމަ މެން ތިބިތަނާއި މާދުރަށް ދެވުން އިރުވެސް ނޭނގުނެވެ. ވަލުތެރޭގެ ކަށިކެޔޮ ގަސްތަކަކާއި ފުނަގަސްތަކެއް ހުރި ހިސާބަށް ދެވުމުން، ދެމީހުން ގެއްލުނީކަން ކަށވަރުވިއެވެ. ހާސްވާ ގޮތް ވީނަމަވެސް ބޭބެއާއި އެކީ ހުރުމުން ތަންކޮޅެއް ހިތްހަމަ ޖެހޭގޮތްވިއެވެ.
ކަަށިކެޔޮ ގަހަކާއި ދިމާލުން ކުއްލިއަކަށް ބޭބެހުއްޓުނެވެ. ހުރީ އަހަންނަށް ފުރަގަސް ދީގެންނެވެ. ކިހިނެއްވީތޯ އަހާ، އަވަހަށް މަންމަމެން ތިބި ދިމާލަށް ދާން ހިނގާށޭ ބުނީމެވެ. ނަމަވެސް ބޭބެ ހަމަ ހުރީއެވެ. ކުއްލިއަކަށް ވަރަށް ބިރުވެރި އަޑަކުން ބޭބެ ބުންޏެވެ. "އަހަރެން ބުނީމެއްނު ތިހެން އުޅެންޏާ ލަނޑެއް ދޭނަމޭ" އަހަރެން ސިއްސައިގެން ދިޔައެވެ. އަދި ބިރުންގޮސް ބޭބެއަށް ބަލަން ހުއްޓާ ކުއްލިއަކަށް ބޭބެ އަހަންނާއި ދިމާލަށް އެނބުރުނެވެ. އެއިރު އޭނާގެ ސިފަ ހުރީ ބަދަލުވެފައެވެ. މުޅި މޫނު ކަޅުފޮއެރެއެއްހާ އަނދިރިއެވެ. އަނގައެއް ނޭފަތެއް ވަކި ކުރާކަށް ނޭނގެއެވެ. ދެލޯ އަނގުރު އަލިފާންގަނޑެއްހާ ރަތެވެ. ބޭބެގެ އިސްކޮޅަށް ވުރެ، އޭތީގެ އިސްކޮޅު ކުރުކަން ފާހަގަ ކުރެވުމުން، އެއީ ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަ ކުއްޖާއޭ އަހަރެންގެ ހިތަށް އެރިއެވެ.
ބިރުން ގޮސް ކުރަންވީ ކަމެއް އަހަންނަކަށް ނޭނގުނެވެ. ދުއްވައިގަންނަންވީބާއޭ ނޫނީ އޭތި އައިސް އަހަރެން މޮޔަކޮށްލަން ދެން ހުންނަންވީ ބާއޭ ހިތަށް އެރިއެވެ.
"މަށެއް ނޫޅެން އަދި ކަލޭ މޮޔަކުރާކަށް. އެކަން ހުންނާނީ އެހެން މީހަކަށް ކޮށްފަ.އަހަރެންގެ މަގަށް ހުރަސް އަޅަން އުޅެފިއްޔާ އެމީހެއްގެ ދުވަސް ދުއްވާލާނަންކަން ހަނދާން ބަހައްޓާތި. މިކަންތައް ކަލޭ ހަނދާން ހުންނާނެ. އެކަމަކު ކަލޭ ދައްކާ ވާހަކަ އެހެން މީހަކު ޤަބޫލު ކުރުވޭނެތަ؟ ހަހަހަހަހަހަހަ" އަހަރެންގެ ހިތަށް އެރިއެއްޗެއް އެއެއްޗަށް އެނގުމުން، އަހަންނަށް ޖުވާބު ދީފައި ބިރުން ފިއްކަނޑައިގެން ދާގޮތަށް ހީގެންފައި އޭތި ގެއްލުނެވެ. އެހިސާބުން އަހަރެންގެ ޚަބަރު ހުސްވެގެން ވެއްޓުނެވެ.
ހޭއެރި އިރު އަހަރެން އޮތީ މަންމަމެން ތިބި ހިސާބު އެއްގަމުގައެވެ. މަންމަ އަހަރެން ކައިރީގައި އިނދެ ރޮނީއެވެ. އަހަރެން ހޭއެރުމުން އުފަލުންގޮސް އަހަރެން ގައިގާ މަންމަ ބައްދާލިއެވެ. އެތަނަށް އަހަރެން ދިޔައީ ކިހިނެއްތޯ ސުވާލު ކުރީމެވެ. މަންމަ ބުނީ ބޭބެ ހޯދަން ގޮސްފައި ދެން ފެނުނީ އަހަރެން އެކަނި ވަލުތެރެއަށް ދިޔަތަން ކަމަށެވެ. މަންމަ ހީކުރީ އެތާ ކައިރިން މަލެއް އެއްޗެއް ބިންނަން ދިޔައީ ކަމަށޭ އެހެންވެ އަޅާނުލީއޭ ބުންޏެވެ. ނަމަވެސް މާލަސްވުމުން ހޯދަން ނިކުމެ، އޭގެ ވަރަށް ގިނަ ފަހުން ވަލުތެރެއަށް އަހަރެން ވެއްޓިފައި އޮއްވާ ފެނުނީ ދައްތައަށް ކަމަށާއި، ނަގައިގެން އައީވެސް ދައްތަ ކަމަށް މަންމަ ކިޔާ ދިނެވެ.
"މަންމާ. އެއީ ދައްތައެެއް ނޫން. އެއީ ޖިންނި އެއް. ދައްތަގެ ހަށިގަނޑު ތެރެއަށް ވަދެގެން އޭތި އެއުޅެނީ..."
(ފަސްވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)