ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން މިއަހަރުގެ މިނިވަންދުވަހު ވަރަށް ޚާއްޞަ ދުވުމެއް ބާއްވަން ނިންމައިފިއެވެ.
ޓީއެފްޖީގެ ޑިރެކްޓަރ މުޙައްމަދު މިސްތޯ މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ކަލަރސް ރަންގެ ނަމުގައި މިމަހުގެ 26 ވަނަ ދުވަހު ބާއްވާ މި ދުވުމަކީ ކަންކަން ސެލެބްރޭޓްކުރަން ފަންރަންއެއްގެ ގޮތުގައި ބާއްވާ ދުވުމެއް ކަމަށެވެ. އަދި މިދުވުން އޮންނާނީ ހުޅުމާލޭގައި ކަމަށެވެ.
މިއީ ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައިވެސް ބާއްވާ ދުވުމެއް ކަމަށާއި މިކަހަލަ ދުވުންތަކަކީ ކޮންމެކަހަލަ އޮކޭޝަނަކަށްވެސް ނެރެވިދާނެ ދުވުންތައް ކަމަށް މިސްތޯ ވިދާޅުވިއެވެ.
"ކުރިންވެސް ވިސްނިން މިކަހަލަ ރަންއެއް މިއަހަރު ކުރީކޮޅު ނެރެން. އެކަމަކު ކަމެއްކުރީމޭ ބުނަން ކުރުމުގެ ބަދަލުގަ ވަގުތުނަގައިގެން މީހުންގެ މަޝްވަރާއާއެކީގަ މިކަން މިކުރަނީ" މިސްތޯ ވިދާޅުވިއެވެ. އަދި "އަބަދުވެސް ބަލަނީ ސަރޕްރައިޒް ފެލްޓަރއެއްވެސްލާފަ ކަންތައްތައް ކިޔައިދެވޭތޯ ބަލާ" ކަމަށްވެސް މިސްތޯ ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންދުވަސްކަމަށްވާ މިމަހުގެ 26 ވާ ބުދަ ދުވަހު ހެނދުނު ހުޅުމާލޭގައި ބާއްވާ މި ދުވުން ފަށާނީ އެކި ގްރޫޕުތައް އެކި ސްޓޭޝަންތަކުން ކަމަށާއި އެއީ މިދުވުމުގައި ވޯޓަރ ސްޓޭޝަންތަކުގެ ބަދަލުގައި ހުންނާނީ ކަލަރސް ސްޓޭޝަންތަކެއްކަމަށްވާތީ، އެއްފަހަރާ ބައިވަރުމީހުން އެއްސްޓޭޝަންތަކަށް ދިއުމުން ކުލަޖެހުމުގެ ތަޖުރިބާ އެންމެ އެކަށޭނަގޮތުގައި ނުލިބޭނެތީ ކަމަށްވެސް މިސްތޯ ވިދާޅުވިއެވެ.
"ކަލަރ ރަންގެ މައިގަނޑު އެއްޗަކީ މީހާ ކުލައިން ތަތްތެޅިފަ ހުންނަގަޑީގަ ސެލްފީ ނެގުމާ ފޮޓޯނެގުން. އެތަންތަނަށް ޓީއެފްޖީން ލާނެ ޕްރޮފެޝަނަލް ފޮޓޯގްރާފަރުން ފޮޓޯނަގަން. ދެން ދުވާނީ 5 ކިލޯމީޓަރ. އެކަމަކު އަދިވެސް ހަމަބުނެލަންބޭނުން މިއީ ޕްރޮފެޝަނަލްކޮށް ޓައިމްބަލައިގެން ދުވާ ދުވުމެއްނޫން. ފަންރަންއެއް" މިސްތޯ އިތުރަށް ވިދާޅުވިއެވެ.
ބައިވެރިވާން ބޭނުން ފަރާތްތަކުން ޓީއެފްޖީ ވެބްސައިޓް މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށާއި ބައިވެރިވެވޭނީ 300 ރުފިޔާ ދައްކައިގެން ކަމަށް ވިދާޅުވިއެވެ. އަދި ދުވުން ނިންމާ ފަރާތްތަކަށް މެޑެލްއެއްވެސް ދޭނެ ކަމަށްވެސް މިސްތޯ ވިދާޅުވިއެވެ.