ނޯޓީ 40 ގެ ރަސްމީ ދެވަނަ ޓީޒަރ ދުށިންތަ؟ ވަރަށް އަސަރުގަދަ!

ކިޔުމަށް ހޭދަވާނީ 1މ 50ސ
ނޯޓީ 40 ގެ ރަސްމީ ދެވަނަ ޓީޒަރ ދުށިންތަ؟ ވަރަށް އަސަރުގަދަ!
އެންވިޝަން އެންޓަރޓެއިންމެންޓް އާއި ޔޫއްޕެ ޕްރޮޑަކްޝަންސް ގުޅިގެން އުފައްދާ، "ނޯޓީ 40" ގެ އޮފިޝަލް ތިން ޓީޒަރ އެއް މިދިޔަ ހުކުރު ދުވަހުގެ ރޭ ތަޢާރަފް ކޮށްފައިވާއިރު، އޭގެ ތެރެއިން ދެވަނަ ޓީޒަރ މިހާރު މިވަނީ ބެލުންތެރިންނަށް ފަސޭހައިން ބަލާލެވޭނެ ފަދައިން އެމީހުންގެ ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށްފައެވެ.

ދިވެހި ފިލްމު އިންޑަސްޓްރީއަށް ބަލާލާއިރު، މިއަހަރު އަދި މިހާތަނަށް އުފެއްދުނު ފިލްމުތަކުގެ ތެރެއިން، އެންމެ ގިނަތަރިންތަކެއް އެކުލެވޭ މިފިލްމުގެ އެހެން ޓީޒަރ ތަކުން ހީވަނީ މިއީ ވަރަށް ވެސް ހެއްވާ މަޖާ ފިލްމަކަށް ވާނެ ހެންނެވެ. ނަމަވެސް ދެވަނަ ޓީޒަރ އިން ފެންނަ މަންޒަރުތައް ވަރަށް ވެސް ތަފާތެވެ. ފެންނަނީ ވަރަށް އަސަރުގަދަ ހިތްދަތި މަންޒަރުތަކެކެވެ.

އެމަންޒަރުތަށް ފެނުމުން ހަނދާންވަނީ 14 ޖުލައި 2017 ވީ ހުކުރު ދުވަހުގެ ރޭ، އޮލިމްޕަހުގައި އެފިލްމުގެ އޮފިޝަލް ޕޯސްޓަރުތަކާއި ތިން ޓީޒަރ ލޯންޗް ކުރުމުގެ ޚަފްލާގައި، "ނޯޓީ 40" ގެ އެއް ޕްރޮޑިއުސަރ އިސްމާއިލް ޝަފީޤް ބުނެފައިވާ ބަސްތަކެކެވެ. "މިފިލްމުގައި ހުރިހާ ރަހައެއް ވެސް އެކުލެވިގެންވާނެ" ޝަފީޤް ބުނެފައިވެއެވެ.

ކުރިންވެސް ބުނި ފަދައިން "ނޯޓީ 40" އަކީ މިހާތަނަށް ދިވެހި ފިލްމު އިންޑަސްޓްރީގައި އުފެއްދި ފިލްމުތަކާއި އަޅާބަލާއިރު އެންމެ ގިނަ ތަރިން ހިމަނާފައިވާ ފިލްމެވެ. މަރިޔަމް އައްޒަ، ނިއުމާ މުޙައްމަދު، ޔޫސުފް ޝަފީއު (ޔޫއްޕެ)، ސީޒަން، އަޙްމަދު ސައީދު، މަނިކު، އަޒްލީފާ (އަޒޫ)، ޖިމީ، އާޒިމް، ނުޒުހަތު (ނުޒޫ)، ޝާހިދު، ރިފްޝަން، ލިއަމް ޖޯން (އެލްޖޭ)، މާރިއާ ގެ އިތުރުން އައު ދެތަރިން ކަމަށްވާ ޝަރީފް އާއި ގުލިސްތާން އާއިއެކު ޖުމްލަ 16 ދަރިން މިފިލްމުގައި ހަރަކާތްތެރިވެއެވެ.

މިފެށޭ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު އޮލިމްޕަސް ސްކްރީނަށް އަންނަ "ނޯޓީ 40" ގެ ދެވަނަ ޓީޒަރ މިހާރުވެސް 3.8 ހާހެއްހާ މީހުން ބަލާފައިވުމުން ދޭހަވަނީ، މިފިލްމަށް ބެލުންތެރިން ދޭ ތަރުޙީބުގެ ބޮޑުކަމާއި ފިލްމު ބަލާލުމަށް ކެތްމަދުވެފައި ތިބިކަންކަން ޔަޤީނެވެ.
މިއަދު އޮންލައިން