ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަ ކުއްޖާ (ފަސްވަނަ ބައި)

ކިޔުމަށް ހޭދަވާނީ 5މ 39ސ
ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަ ކުއްޖާ (ފަސްވަނަ ބައި)
"މަންމާ...! އެއީ ދައްތައެއް ނޫން، ޖިންނިއެއް.. ދައްތަގެ ހަށިގަނޑު ތެރެއަށް ވަދެގެން އޭތިއެއުޅެނީ.. ހަމަ ތެދެއް މިބުނީ މަންމާ. ދައްތަ ސަލާމަތް ކުރޭ. ދައްތަ އެއިރު ބަލިވީވެސް އޭތީގެ ކަންތަކާއި ހެދި. އޭތި ދައްތައަށް ގޯނާ ކުރަނީ.." ބިރުންގޮސް ބޭއިޚްތިޔާރުގައި އަހަންނަށް ބުނެވުނެވެ.

އެންމެން ތިބީ އަހަންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ސުވާލު އުފެދިފައެވެ.

"ކޮއްކޮ ކީކޭތަ ތިކިޔަނީ؟ ދައްތައާއި ޖިންނި އަވަލާފަ ހުރިނަމަ މިހާރު ދައްތަ ހުންނާނީ މޮޔަވެފައެއްނު. އެކަމަކު ކިހާ ހަމަޖެހިފައިތަ އެހުރީ؟" އަހަރެން ދެއްކި ވާހަކަ ޤަބޫލު ނުކޮށް ބައްޕަ ބުންޏެވެ.

"ހަމައަސްލުވެސް މިބުނީ ބައްޕާ. ދައްތަ އެހުރީ ހަމަޖެހިފައެއް ނޫން. މިގޭ ބޭބެ ކައިރީ އަހާބަލަ. އެންމެ ފުރަތަމަ ދައްތަ ކައިރީ ބުނި، އިރުއޮއްސޭ ވަގުތު ތުނޑީގައި ނުހުންނައްޗޭ. އެކަމަކު ދައްތަ ދިޔައީ. ގޮސް ހީހީފައި ބުނި ތުނޑިމަތީގައި ކުޑަ ކުއްޖެއް އުޅެންޏާ އަންނާށޭ. ދެން އެރޭ، ދައްތަ ބަލިވެގެން ވެއްޓުމުގެ ކުރިން އަހަރެން ކައިރީ ބުންޏޭ އޭނަ އައިއްސިޔޭ. ޤަބޫލު ކޮށްބަލަ!" މިވަރަށް ބުނެވުންތަނުން އަހަންނަށް ރޮވިއްޖެއެވެ.
ފުރުސަތުގެ ބޭނުން ހިފާފައި ދައްތަ އަހަރެން ކައިރިއަށް އައިސް އަހަރެންގެ ކޮނޑަށް އަތްވައްޓާލާފައި ބުންޏެވެ.

"އެރޭ ދައްތަ ވެއްޓުނީ ވަރަށް ބޮޑަށް ވަރުބަލި ވެގެން. ވަރަށް ސަކަރާތް ޖަހާފަ އެއްނު ދޯ އުޅުނީ އެދުވަހު؟ އާނ ދައްތަ ބުނިން އޭނަ އައިއްސިއޭ، އެކަމަކު އެއީ ކޮއްކޮ ބިރުން އުޅޭތީ މަޖަލަކަށް ބުނި އެއްޗެއްނު. ކޮއްކޮ ހަނދާނެއް ނެތް ދޯ އެރޭ ސަކަރާތް ޖެހި ކަމެއް؟" ވާހަކަ އޮޅުވާލަމުން ދައްތަ އެހެން ބުނުމުން އަހަރެންގެ އަނގަ ބެދުނެވެ. ދައްތަގެ ލޮލަށް ބަލާލިއިރު، އެލޮލުގައިވާ ލާނެތްކަން އިޙުސާސް ކުރެވުނެވެ. ކޮބާ އެކަކުވެސް ޤަބޫލެއް ނުކުރިއެއް ނޫންހޭ ބުނެ އަހަންނަށް މަލާމަތް ކުރާ ފަދައިންނެވެ.

"ދެން ހުއްޓާލާ! މިހާރު މާމައްޗަށް ތިދަނީ. މަޖަލަކަށް ކުރާ ކަންތައްތަކުގެ ވާހަކަ ތިހެން ދައްކަންޏާ ދަތުރުގެ މަޖާކަން ކެނޑޭނެ. ދެން މީގެ ފަހުން ތިކަހަލަ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ!" އަހަރެންދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި މަންމަ ބުންޏެވެ.

އެންމެން އެތަނުން ދިޔައެވެ. ހަމައެކަނި އިނީ އަހަންނާއި ދައްތަ އާއި އަހަރުމެންގެ ބޭބެއެވެ. މަންމައަށް އެހީވާން މިދަނީއޭ ބުނެ ދައްތަވެސް ތެދުވިއެވެ. އެކަމަކު ދިޔުމުގެ ކުރިން އަހަރެންގެ ގައިގާ ބައްދާލާފައި ކަންފަތްދަށުގައި ބުންޏެވެ. "އަތަށް ގޮވީ ދޯ؟ ހެހެހެހެހެހެހެ"

އަހަންނަށް އިނީ ރޮވިފައެވެ. ރުޅިވެސް އައިސްފައެވެ. ދުވަހަކުވެސް އަހަރެން ދޮގެއް ނުހަދާއިރު، އެދުވަހު އަހަރެން ދެއްކި ވާހަކަތަށް މަންމަމެން ޤަބޫލު ނުކުރީ ކީއްވެބާއޭ ހިތަށް އެރިއެވެ.

"އެއީ އޭތީގެ ކަންތައް. އޭތީގެ ބާރުން އެހެން އެވަނީ" ބޭބެ ގެ އެޖުމްލައިން އަހަރެން ސިއްސައިގެން ދިޔައެވެ. އަދި އަހަރެން ދެއްކި ވާހަކަ ބޭބެ ޤަބޫލު ކުރިކަން ވެސް އެނގުނެވެ. ނަމަވެސް އަހަރެން ޔަޤީންކުރަން ބޭނުންވިއެވެ.
"ބޭބެއަށްޤަބޫލުކުރެވޭތަ އަހަރެން މިދެއްކި ވާހަކަ؟" ކެތްމަދުވެފައި އިނދެ އަހަރެން އެހީމެވެ.

"އާނ. ހޮސްޕިޓަލުގަ ދައްތަ ބާއްވާފަ އޮތްއިރު ދައްތައަށް ވީގޮތް ބޭބެއަށް ވެސް ފެނުނެއްނު. އެރޭ ޝައްކުވި. ޝައްކު ބޮޑުވީ އެރޭ ފުރަން ގޮއްސަ ނުފުރުނީމަ އަދި ވީނުވީއެއް ނޭނގި ތުނޑިއަށް ދެވުނީމަ. އަހަރެން ވިސްނިން މަންމަމެން ކީއްވެތޯ އެކަމާ އެވަރަށް ނުވިސްނީ. ރައްޓެއްސެއް ގާތު އެހިން ޖިންނިން އަވަލީމަ އެކަން ކޮންކޮން ބަޔަކަށްތޯ ޤަބޫލު ކުރެވޭނީ. އޭނަ ބުނީ އޭތީގެ ބާރުން އޭތި ބޭނުން ބަޔަކަށް އެވާހަކަ އެހާ ފަސޭހައިން ޤަބޫލު ނުކުރެވޭނެ ގޮތް ހެދޭނެ ކަމަށް. މަންމަ އާއި ބައްޕަ އެހާ ނަމާދެއް ވެސް ނުކުރޭނު"

ބޭބެގެ އެވާހަކަތަށް ކަނުލާ އަޑުއަހަން އަހަަރެން އިނީމެވެ. ކޮންމެވެސް އެކަކު އަހަރެންގެ ވާހަކަތަށް ޤަބޫލުކޮށް އަހަންނާއި އެއްކޮޅަށް ހުރީތީ އަހަރެން އުފާވިއެވެ. ނަމަވެސް ދެން ކަންތައް ކުރަންވީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގުނެވެ.

އެހެންކަމުން، އެދުވަހު ދަރުހޮވަން ގޮސް ކަންތައް ވީގޮތް ކިޔާދިނީމެވެ. އަދި ދައްތަ ސަލާމަތް ކުރަން ހަދާނީ ކިހިނެއްތޯވެސް އެހީމެވެ.

"ތިއީ މިވަގުތު މިތާ ތިބެ ދެއްކުން ރަނގަޅު ވާހަކައެއް ނޫން. ތިކަމާއި އުޅޭނީ ދެން އެރަށަށް ގޮއްސަދޯ. ކޮއްކޮ އެކަމަކު ދެން ވަރަށް ވިސްނައިގެން އުޅޭތި. ބޮޑަށް ރަނގަޅީ ދައްތަ ދެކެ ބިރުގަންނަކަން ދައްތައަށް ނުދެއްކިއްޔާ. އެއީ މިވަގުތު އެންމެ ރައްކާތެރި ގޮތަކީވެސް"

ބޭބެ ބުނި ގޮތަށް ކަންތައް ކުރަން އަހަރެން ނިންމީމެވެ. އެދުވަހުގެ ބާކީބައި ހޭދަކުރީ އެންމެންނާއި އެކުވެ ސަކަރާތް ޖެހުމުގައެވެ. ދައްތައާއި ވެސް ސަކަރާތް ޖެހީމެވެ. އަހަރެންގެ ފަރާތުން، ދައްތައާއި އަވަލައިގެން އުޅޭ އެއްޗަށް އެއްވެސް ގެއްލުމެއް ނެތޭ ހީވިއަ ދިނީމެވެ.

އިރުއޮއްސެން ކައިރި ވެއްޖެއެވެ. އެންމެންވެސް ނިންމީ ކުރިން ތިބި ރަށަށް އެނބުރި ދާށެވެ. އެހެންކަމުން ދޯންޏަށް އަރައިގެން ދަނިކޮށް ބައްޕަގެ ވޮލެޓް އެފަޅުރަށުގައި ބާއްވާފައި ދެވުންކަން ހަނދާންވިއެވެ. ވޮލެޓް ދޫކޮށްލާފައި ގޮއްސިއްޔާ އެރޭގެ ކެއުމުގެ ކަންކަންވެސް ހަމަޖައްސަން އުނދަގޫ ވާނެތީ، މަންމަމެން ނިންމީ އަނބުރާލާފައި އެރަށަށް އަލުންދާށެވެ.

އެރަށަށް އަލުން އެރުނު އިރު ގަނޑިން5:45 ވެއްޖެއެވެ. އަހަރުމެން މަޑުކޮށްގެން ތިބި ދިމާލަށް ގޮސް ހޯދާހޯދާ ވެސް ބައްޕަގެ ވޮލެޓެއް ނުފެނުނެވެ. އިރުއޮއްސެން ފަސް މިނެޓަށް ވެއްޖެއެވެ. ދޯނި ދުއްވާ މީހާ އެދުނީ އަވަސް ކޮށްލުމަށެވެ. އެއީ ދެނަމާދު ދޭތެރޭ ވަގުތުގައި އޭނާ ދަތުރު ނުކުރާތީ ކަމަށް ވެސް ބުންޏެވެ. އެހެންކަމުން ބައްޕަވެސް ނިންމީ އެރޭ ކޮންމެވެސް އެހެން ގޮތެއް ހަދާ، ވޮލެޓް ހޯދަން އަނެއް ދުވަހުގެ އިރާކޮޅު އައުމަށެވެ.

ކުއްލިއަކަށް އަހަންނަށް ފެނުނީ ގަސްތަކެއްގެ ތެރެއަށް ބައްޕަ ވޮލެޓު ވެއްޓިފައި އޮއްވައެވެ. ބައްޕައަށް އޭތި ދެއްކުމުން ދުވެފައި ގޮސް އެނަގައި، ދެން އަވަހަށް އެރަށަށް ދާން ހިނގާށޭ ބުނެ އެންމެން ދޯންޏާއި ދިމާލަށް ދުއްވައިގަތީމެވެ.

ތަންކޮޅަކަށް ގޮސް ދައްތަ ކޮބާހޭ ބުނެ މަންމަ ހޯދަން ފެށިއެވެ. ތެދެކެވެ. އަހަރުމެންނާއި އެކު ދައްތައެއް ނެތެވެ. އެއިރު އިރުވެސް އޮއްސިއްޖެއެވެ. ދޯނި ދުއްވާ މީހާ ބުނީ ދެން ރަށަށް ދެވޭނީ ޢިޝާ ނަމާދު ފަހުން ކަމަށެވެ. އެހެންވިޔަސް ހެވޭ، މަށަށް މުހިންމީ މަގޭ ދަރިއޭ ބުނެ ބައްޕަ ވެސް ދައްތައަށް ގޮވަން ފެށިއެވެ.

އެކި ތަންތަން ހޯދަމުން ދަނިކޮށް ބައްޕައަށް ދައްތަ ފެނިއްޖެއެވެ. ދައްތަ އިނީ އެރަށުގެ އަނެއްކޮޅުގެ އަތިރިމަތީގައި ރާޅުޖަހާ ފަށުގައި އިށީންދެގެން އަހަރުމެންނަށް ފުރަގަސް ދީގެންނެވެ. ދައްތައަށް ގޮވަމުން އެންމެން ދައްތައާއި ކައިރިވީއިރު...... ދައްތަ އިނީ ރޯމަހެއް ނަގައިގެން ކާންށެވެ.

(ހަވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)
މިއަދު އޮންލައިން