ދުނިޔޭގެ ލީޑަރުންނަށް ބަލައިފިނަމަ އެންމެ ގިނަ ފޮތި ބޭނުންކޮށްގެން އެންމެ ބޮޑެތި ހެދުންތައް ލަނީ އަރަބި ޤައުމުތަކުގެވެރިންނެވެ. ހެދުންތައް އެންމެ ބޮޑަށް ޖަރީކޮށްގެން ވެސް ލަނީ ހަމަ އެމީހުންނެވެ. އެންމެ ތަނަވަސްކަމުގައި އުޅެނީވެސް އެމީހުންނެވެ. އެންމެ ގިނައިން އިސްރާފްކުރަނީވެސް އެމީހުންނެވެ.
އިޒްރޭލުން މިހާރު ވަނީ މުސްލިމުންގެ 3 ވަނަ ހަރަމްފުޅު، މަސްޖިދުލްއަޤްޞާއަށް ވަނުމަށް މުސްލިމުންނަށް ބޮޑެތި ހުރަސްތައް ކުރިމަތިކޮށްފައެވެ. އުމުރުން 50 އަހަރު ނުވާ އެއްވެސް ފިރިހެނަކަށް ނުވަދެވޭނެގޮތް ހަދައިފައެވެ.
އެހެންކަމާއިއެކުވެސް މިކަމާއިމެދު އެއްވެސް ފިޔަވަޅެއް އަޅައިލެވޭ އެއްވެސް މުސްލިމް ވެރިއަކު އެއްވެސް ޤައުމެއްގައި ހުރި ކަމަކަށް ނުވެއެވެ. އެ ޤައުމެއްގެ ރައްޔިތުންގެ ޝަކުވާތައް ބޮޑުވީމާ އިޒްރޭލު ކުށްވެރިކޮށް ބަޔާނެއް ނެރުން ނޫނީ ކުރެވޭ ހަމަ އެއްވެސް ކަމެއް އޮންނަ ކަމަކަށް ނުވެއެވެ.
ފަލަސްޠީނުގެ ރައްޔިތުން ހުސްއަތާ ނުކުމެ އެމީހުންނަށް ކުރެވުނު ކަމެއް ކުރަން މަސައްކަތްކުރަމުންދަނީއެވެ. މިއަދު ހިނގި ކުރިމަތިލުންތަކުގައިވެސް ފަލަސްޠީނުގެ 3 ޒުވާނަކު ވަނީ މަރުވެފައެވެ. އެތައް ސަތޭކަ ބައަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ތަންތަނުގައި ބޮޑެތި ޖަލްސާތައް ބާއްވައި މުސްލިމް އުންމަތުގައި ބާރަށް ވާހަކަދައްކައި ގުޑުގުޑާ ބުއިން ނޫނީ އަރަބި ވެރިންނަށް ކުރެވޭ ހަމައެއްވެސް ނެތްކަމަށް ބުނަންޖެހެނީ މިފަދަ ސަބަބުތައް ހުންނާތީއެވެ. މުސްލިމް ހުރިހާ ޤައުމުތަކެއްގައިވެސް އެގެންދަނީ އެމީހުންގެ ވެރިންނަށް ފާޑުކިޔަމުންނެވެ. ރައްޔިތުންގެ ރުޅިވެރިކަން އަންނަނީ އިތުރުވަމުންނެވެ.